ހިތްދަތިކަން އެއްފަރާތް ކުރުމަށްފަހު ޑިއާޒް ލިވަޕޫލް ސަލާމަތްކޮށްދީފި

Advertisement

ހިތްދަތިކަން އެއްފަރާތް ކުރުމަށްފަހު ޑިއާޒް ލިވަޕޫލް ސަލާމަތްކޮށްދީފި

ފަހުމިނެޓް
މެޗުގެ ފަހު ވަގުތު ޑިއާޒް ގޯލު ޖެހުމަށް ފަހު. އެދުނީ ރަހީނުކޮށްފައިވާ ބައްޕަ ދޫކޮށްލަން

ބައްޕަ ރަހީނުކުރުމުގެ ސަބަބުން އުނދަގޫ ހާލަތެއްގައި ހުރި ލުއިޒް ޑިއާޒް ރޭ ބެންޗުން ކުޅެން އަރައި ލިވަޕޫލް ބަލިވާން ދަނިކޮށް ސަލާމާތްކޮށްދީފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި އަލަށް ވާދަކުރާ ލޫޓަން ޓައުން ތާރީހީ މޮޅެއް ހޯދުމާ ގާތުގައި ވަނިކޮށް، އިތުރު ވަގުތުގައި ޑިއާޒް ޖެހި ގޯލުން މެޗުން ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

Advertisement

ގޯލު ޖެހުމަށް ފަހު ޑިއާޒް ވަނީ ރަހީނުކޮށްފައިވާ އޭނާގެ ބައްޕަ ދޫކޮށްލުމަށް އެދި މެސެޖެއްދީފަ އެވެ. ޑިއާޒްގެ ޖާޒީގައި ސްޕެނިޝް ބަހުން ލިޔެފައިވަނީ އޭނާގެ ބައްޕަ އަށް މިނިވަންކަން ދިނުމަށެވެ.

ކޮލަމްބިއާގެ ފޯވާޑް ޑިއާޒް، 26، ގެ ބައްޕަ އެގައުމުން ރަހީނުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ރަހީނުކުރުމަށް ފަހު ޑިއާޒްގެ މަންމަ ހަމަ އެދުވަހު ދޫކޮށްލި އެވެ. އެކަމަކު އޭނާގެ ބައްޕަ، ލުއިސް މެނުއެލް ޑިއާޒް އަދިވެސް ނުފެނެ އެވެ.

ޑިއާޒްގެ ބައްޕަ ފޮރުވައިގެން ގެންގުޅެނީ ކޮލަމްބިއާގެ ނެޝަނަލް ލިބެރޭޝަން އާމީ އިން ކަމަށް ކޮލަމްބިއާގެ ސަރުކާރުން ވަނީ ބުނެފަ އެވެ. ޑިއާޒްގެ ބައްޕަ ދޫކޮށްލުމަށް އެދި އެގައުމުގައި ގިނަ ބަޔަކު ވަނީ އެއްވުންތައް ވެސް ބާއްވައިފަ އެވެ.

ލޫޓަން އިން ރަނގަޅު ކުޅުމެއް ދެއްކި މެޗުގެ 80 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ޓަހިތު ޗޯން އެވެ. ލޫޓަން މޮޅުވާން ދަނިކޮށް ޑިއާޒް ލިވަޕޫލް ސަލާމަތްކޮށްދިން ގޯލު ޖެހީ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގަ އެވެ. ހާވީ އެލިއޮޓް ނަގައިދިން ހުރަސް ޑިއާޒް ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.

މެޗުގެ ކުރިން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ފަރިތަކުރުންތަކުގައި ބައިވެރިވި ނަމަވެސް މެޗުގައި ކުޅުމާ މެދު ގޮތް ނިންމާނީ ޑިއާޒް ކަމަށެވެ. ބައްޕަގެ ހާދިސާއާ ގުޅިގެން އޭގެކުރިން ލިވަޕޫލް ކުޅުނު ދެ މެޗުގައި ޑިއާޒް ނުކުޅެ އެވެ. ރޭގެ މެޗުގެ ދެ ވަނަ ހާފުގައި ޑިއާޒް ކުޅެން އެރީ ބެންޗުންނެވެ.

“ޑިއާޒް ގޯލު ޖެހުމަކީ ވަރަށް ބޮޑު އުފަލެއް. އެކަމަކު އެވަރުން ވެސް ހާލަތު ބަދަލެއް ނުވޭ. އަހަރެމެން އެންމެން ބޭނުންވަނީ ރަހީނުކޮށްފައިވާ ޑިއާޒްގެ ބައްޕަ ދޫކޮށްލަން” މެޗަށް ފަހު ކްލޮޕް ބުންޏެވެ.

ލިވަޕޫލް މިހާރު އޮތީ 24 ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ. އެއް ވަނައިގައި 27 ޕޮއިންޓާ އެކު މެންޗެސްޓާ ސިޓީ އޮތްއިރު ދެ ވަނައިގައި އޮތީ 26 ޕޮއިންޓް ލިބިފައިވާ ޓޮޓެންހަމް ހޮޓްސްޕާ އެވެ. ލިވަޕޫލް އަތުން ހޯދި ޕޮއިންޓާ އެކު ލޫޓަން ވަނީ 17 ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

ލީގުގައި ރޭ އެސްޓަން ވިލާ ވަނީ ރަށުން ބޭރުގައި ނޮޓިންހަމް ފޮރެސްޓް އަތުން 0-2 އިން ބަލިވެފަ އެވެ. އެސްޓަން ވިލާ އޮތީ 22 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *