ވީއޭއާރުގެ އެހީގައި މޮޅުވެ ބާސެލޯނާ އަށް ހަމަޖެހުމެއް

Advertisement

ވީއޭއާރުގެ އެހީގައި މޮޅުވެ ބާސެލޯނާ އަށް ހަމަޖެހުމެއް

ފަހުމިނެޓް
ވީއޭއާރުން ގޯލު ބަލައިގަތުމުން ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރަނީ. އެޓީމު މޮޅުވީ ފަހު ވަގުތު ޖެހި ގޯލުން

ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ފަހު ވަގުތު ޖެހި ގޯލާ އެކު ބާސެލޯނާ އިން 1-0 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށްފި އެވެ.

މެޗުގައި ބާސެލޯނާގެ ހަމައެކަނި ގޯލު އިތުރު ވަގުތުގައި ޖެހީ ޑިފެންޑަރު ރޮނާލްޑޯ އަރޫހޯ އެވެ. އިލްކާއީ ގުންޑޮގާން ނަގައިދިން ބޯޅަ އަރޫހޯ ބޮލުން ގޯލަށް ވައްދާލުމުން ރެފްރީ އެންމެ ފުރަތަމަ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީ ހޯދުމަށް ފަހު ރެފްރީގެ ނިންމުން ގޯލަކަށް ބަދަލުކުރި އެވެ.

Advertisement

މެޗުގައި ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ތަނަވަސްކުރީ ސޮސިއެޑާޑުންނެވެ. އެކަމަކު އެޓީމުގެ ޓަކެފޫސާ ކޫބޯ އާއި މާޓިން ޒުބިމެންޑީ ފޮނުވާލި ހަމަލާތައް ބާސެލޯނާގެ ގޯލްކީޕަރު މާކް-އަންދްރޭ ޓާ ސްޓޭގަން މަތަކުރި އެވެ.

އަރޫހޯ ގޯލު ޖެހުމުގެ އިރުކޮޅެއް ކުރިން ބާސެލޯނާގެ ގާވީ ފޮނުވާލި ހަމަލާ ސޮސިއެޑާޑްގެ ގޯލްކީޕަރު އަލެކްސް ރެމީރޯ ހުއްޓުވި އެވެ.

ރޭގެ މެޗުގެ ކުރިން ލީގުގައި މިދިޔަ ހަފްތާ ރެއާލް މެޑްރިޑް އަތުން ބާސެލޯނާ ވަނީ ފަހު ވަގުތު ބަލިވެފަ އެވެ. އެހެންވެ ސޮސިއެޑާޑް މެޗަށް ބާސެލޯނާ ނުކުތީ މޮޅަކާ އެކު ލީގު ރޭހުގައި ދެމި އޮންނާށެވެ.

ބާސެލޯނާ އާއި ރެއާލް ފަހަތަށް ޖައްސާލައި މި ސީޒަނުގެ ލީގު އެއް ވަނައިގައި ހިފަހައްޓަމުން އަންނަނީ ޖިރޯނާ އެވެ. ރޭ ވެސް ޖިރޯނާ ވަނީ މޮޅުވެފަ އެވެ. ރަށުން ބޭރުގައި އޮސަސޫނާއާ ވާދަކޮށް އެޓީމު މޮޅުވީ 4-2 އިންނެވެ.

ޖިރޯނާ 31 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ދެ ވަނައިގައި އޮތް ރެއާލް އަށް ލިބިފައިވަނީ 28 ޕޮއިންޓެވެ. ބާސެލޯނާ 27 ޕޮއިންޓާ އެކު އޮތީ ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި 25 ޕޮއިންޓާ އެކު އޮތް އެތުލެޓިކޯ މެޑްރިޑް ވަނީ ހުކުރު ދުވަހުގެ ރޭ ލަސް ޕަލްމާސް އަތުން 1-2 އިން ބަލިވެފަ އެވެ.

ލީގުގައި ރެއާލް މިރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ރަޔޯ ވަޔޮކާނޯއާ ދެކޮޅަށެވެ. މެޗު ފަށާނީ މިރޭ މެންދަމު 1 ޖަހާއިރު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *