ޕްރިމިއާ ލީގު ރެފްރީންގެ ފެންވަރެއް ނެތް: އާޓެޓާ

Advertisement

ޕްރިމިއާ ލީގު ރެފްރީންގެ ފެންވަރެއް ނެތް: އާޓެޓާ

ފަހުމިނެޓް
ރޭގެ މެޗުގައި އާޓެޓާ. ނިއުކާސަލް ޖެހި ގޯލު ބަލައިގަންނަން ނުޖެހޭނެ ކަމަށް އާޓެޓާ ބުނި

އަބަދުވެސް އެންމެ މޮޅީ އިނގިރޭސި ޕްރިމިއާ ލީގު ކަމަށް ބުނިނަމަވެސް، ލީގުގައި އިންސާފުކުރާ ރެފްރީންގެ ފެންވަރު ނެތްކަމަށް އާސެނަލް ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

ޕްރިމިއާ ލީގުގައި އާސެނަލް ރޭ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 0-1 އިން ބަލިވި މެޗުގައި ނިއުކާސަލުން ޖެހި ގޯލަށް އާޓެޓާ ވަނީ ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

Advertisement

މެޗުގެ ހަމައެކަނި ގޯލު ނިއުކާސަލްގެ އެންތަނީ ގޯޑޮން ޖެހީ 64 ވަނަ މިނެޓުގަ އެވެ. އެއީ ގޯލެއް ކަމަށް ރެފްރީ ނިންމީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގާތްގަނޑަކަށް ހަތަރު މިނެޓު ވަންދެން ބެލުމަށް ފަހު އެވެ.

ގޯލު ދިނުމުގެ ކުރިން ވީއޭއާރުގެ ޓީމާ އެކު ރެފްރީ ތިން ކަމަކަށް ބެލި އެވެ. ފުރަތަމަ ބެލީ ނިއުކާސަލުން އުފެއްދި ހަމަލާގައި ބޯޅަ ބޭރުވިތޯ އެވެ. އޭގެފަހުން އާސެނަލްގެ ކުޅުންތެރިއަކަށް ފައުލްކުރިތޯ ބެލުމަށް ފަހު އޮފްސައިޑުގެ ޝައްކެއް ވެސް ބެލި އެވެ. އެކަމަކު އެ ހުރިހާ ކަމަކުން ސަލާމަތްވެ ނިއުކާސަލަށް އެޓީމު ބޭނުންވި ގޯލު ލިބުނެވެ.

“ކިހިނެއް އެއީ ގޯލަކަށް ވާނީ؟. އަހަރެމެން މި ބުނީ މިއީ އެންމެ މޮޅު ލީގޭ. އަހަރެން މި ގައުމުގައި 20 އަހަރު އުޅެފިން. ރެފްރީންގެ ނިންމުންތަކުގެ ސަބަބުން އަހަރެން މިއަދު ލަދުގަނޭ. މި ލީގުގެ ފެންވަރާ ގާތަށް ވެސް ރެފްރީން ނާދޭ” މެޗަށް ފަހު ރުޅިގަދަވެފައި ހުރި އާޓެޓާ ބުންޏެވެ.

ގޯލުގެ އިތުރުން ވެސް މެޗުގެ ރެފްރީ ސްޓުއާޓް އަޓްވެލް އަށް ޕްރެޝަރުވާ ގިނަ ކަންކަން ހިނގި އެވެ. ފުރަތަމަ ހާފުގައި އާސެނަލްގެ ކައި ހަވާޓްޒް ކުރި ނުރައްކާތެރި ފައުލަކަށް ސީދާ ރަތް ކާޑެއް ނުދެއްކުމުން ދެ ޓީމުގެ ކުޅުންތެރިން ހޫނުވި އެވެ. އެ ހަމަނުޖެހުމުގައި ހަވާޓްޒްގެ އިތުރުން ނިއުކާސަލްގެ ތިން ކުޅުންތެރިއަކަށް ރީނދޫ ކާޑު ދެއްކި އެވެ.

އޭގެފަހުން، ނިއުކާސަލްގެ ބްރޫނޯ ގިމަރޭޒް ކުރި ނުރައްކާތެރި ފައުލަކަށް ރެފްރީ ރަތެއް ނުދެއްކުމުން އާސެނަލުން ވެސް މައްސަލަ ޖެއްސި އެވެ.

“ބައިވަރު ސަބަބުތަކާ ހެދި އެއީ ގޯލެއް ނޫން. ގޯލެއް ގޯލަކަށް ވުމުގެކުރިން ބައެއް ކަންކަން ފުރިހަމަ ވާންޖެހޭ. ޗައިނާ، ޖަޕާން، އިޓަލީ، ޕޯޗުގަލް އަދި ސްޕެއިން ވިޔަސް އެކަން އޮންނާނީ އެހެން” ނުރުހުންވެ ހުރެ އާޓެޓާ ބުންޏެވެ.

ރޭގެ މެޗަކީ އާސެނަލް މިފަހަރުގެ ލީގުގައި ބަލިވި ފުރަތަމަ މެޗެވެ. މޮޅާ އެކު ނިއުކާސަލް ވަނީ 20 ޕޮއިންޓާ އެކު ހަ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އާސެނަލް 24 ޕޮއިންޓާ އެކު އޮތީ ތިން ވަނައިގަ އެވެ.

މެޗަށް ފަހު ނިއުކާސަލްގެ ކޯޗު އެޑީ ހޯވް ބުނީ އޭނާގެ ނަޒަރުގައި އެޓީމުން ޖެހީ ރަނގަޅު ގޯލެއް ކަމަށެވެ.

ލީގުގައި އިއްޔެ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު މެންޗެސްޓާ ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި ފުލަމް އަތުން 0-1 އިން މޮޅުވެފަ އެވެ. އެ ޓީމުގެ ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގައި ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ.

މެންޗެސްޓާ ސިޓީ އިން ވަނީ އަމިއްލަ ދަނޑުގައި 1-6 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފަ އެވެ. މެޗުގައި ސިޓީގެ ގޯލުތައް ޖަހައިދިނީ ޖެރެމީ ޑޯކޫ އާއި ބެނާޑޯ ސިލްވާގެ އިތުރުން މަނުއެލް އަކާންޖީ އަދި ފިލް ފޯޑެން އާއި ނޭތަން އަކޭ އެވެ. ހަ ގޯލުގެ ތެރެއިން ޑޯކޫ ވަނީ ހަތަރު ގޯލު ޖެހުމަށް އެހީވެފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *