ޓޭބަލް ޓެނިހުގެ ގައުމީ ޗެމްޕިއަންކަން ޝައްފާން އާއި ދީމާ އަށް
މިއަހަރުގެ ގައުމީ ޓޭބަލް ޓެނިހުގެ ފިރިހެން ޑިވިޝަނުގެ ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު އަންހެން ސިންގަލްސް ޗެމްޕިއަންކަން ފާތިމަތު ދީމާ އަލީ ހޯދައިފި އެވެ.
ޝައްފާން ފިރިހެން ސިންގަލްސް ކާމިޔާބުކުރީ ރޭ ކުޅުނު ފައިނަލުގައި މޫސާ މުންސިފް އަހުމަދު ބަލިކޮށްގެންނެވެ. ފައިނަލް މެޗުގެ ފުރަތަމަ ސެޓު 11-8 އިން މުންސިފް ހޯދާފައި ވަނިކޮށް ޝައްފާން ޗެމްޕިއަންކަން ކަށަވަރުކުރީ ފަހަތުން އަރައި ހަތަރު ސެޓު ހޯދައިގެންނެވެ.
ފަހު ހަތަރު ސެޓު ޝައްފާން ގެންދިޔައީ 6-11، 6-11، 6-11 އަދި 7-11 އިންނެވެ.
ސިންގަލްސް ޗެމްޕިއަންކަމާ އެކު ދީމާ ވެފައިވަނީ ގައުމީ ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ހަތަރު ފަހަރު ހޯދި ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މިފަހަރުގެ މުބާރާތުގެ އިތުރުން ދީމާ ޗެމްޕިއަންކަން ހޯދީ 2019، 2021 އަދި 2022 ވަނަ އަހަރު އެވެ. ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ގައުމީ މުބާރާތް ބާއްވާފައެއްނުވެ އެވެ.
ފައިނަލުގައި ދީމާ ވާދަކުރީ ފާތިމަތު ޖުމާނާ ނިމާލްއާ އެވެ. މެޗު ދީމާ ގެންދިޔައީ ސީދާ ހަތަރު ސެޓުންނެވެ. ރާއްޖޭގެ އެއް ވަނަ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ސެޓުތައް ގެންދިޔައީ 9-11، 6-11، 6-11 އަދި 5-11 އިންނެވެ.
ދީމާ ވަނީ 17 އަހަރުން ދަށުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ.
މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޝައްފާން އާއި މުހައްމަދު ތާބިން ސުޖާއުގެ ޕެއާ އެވެ. ފައިނަލުގައި ޝައްފާން އާއި ތާބިންގެ ޕެއާ މޮޅުވީ މުންސިފާއި އަލީ އާދަމް މަނިކު (އަލިބެ) އާ ވާދަކޮށެވެ.
މިކްސް ޑަބަލްސް ޗެމްޕިއަންކަން ޝައްފާން އާއި ދީމާގެ ޕެއާއާ ވާދަކޮށް ހޯދީ މުންސިފާއި ޖުމާނާގެ ޕެއާ އެވެ.
ފުރަތަމަ ޑިވިޝަނުގެ އިތުރުން 19، 17، 15 އަދި 13 އަހަރުން ދަށުގެ ފިރިހެން އަދި އަންހެން މެޗުތައް ވަނީ ކުޅެފަ އެވެ.
Advertisement
Leave a Reply