ޑިއާޒްގެ ބައްޕަ ނުފެނޭ، ތުހުމަތު އިދިކޮޅު ހަނގުރާމަވެރިންނަށް

Advertisement

ޑިއާޒްގެ ބައްޕަ ނުފެނޭ، ތުހުމަތު އިދިކޮޅު ހަނގުރާމަވެރިންނަށް

ފަހުމިނެޓް
ލިވަޕޫލަށް ކުޅޭ ކޮލަމްބިއާގެ ޑިއާޒް. ރަހީނުކުރި އެނާގެ ބައްޕަ އަދިވެސް ނުފެނޭ

ލިވަޕޫލަށް ކުޅޭ ކޮލަމްބިއާގެ ލުއިސް ޑިއާޒްގެ ބައްޕަ ރަހީނުކުރީ އިދިކޮޅު ހަނގުރާމަވެރިން ކަމަށް ކޮލަމްބިއާގެ ސަރުކާރުން ބުނެފި އެވެ.

ޑިއާޒްގެ ބައްޕަ، ލުއިސް މެނުއެލް ޑިއާޒް އާއި މަންމަ، ސިލެނިސް މަރުލާންޑާ ރަހީނުކުރީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ޑިއާޒްގެ މައިންބަފައިން ދިރިއުޅޭ ގޭ ކައިރިން އެމީހުން ރަހީނުކުރިކަމަށް ތުހުމަތުކުރެވެނީ ސައިކަލުގައި ދިޔަ ހަތަރު މީހަކަށެވެ. އެމީހުން ވަނީ ފަހުން ޑިއާޒްގެ މަންމަ ދޫކޮށްލާފަ އެވެ.

ކޮލަމްބިއާގެ އަސްކަރީ ސިފައިންނާއި ފުލުހުންގެ ގުޅިގެން ޑިއާޒްގެ ބައްޕަ ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް ވަނީ ފަށައިފަ އެވެ. އެކަމަކު އަދި ޑިއާޒްގެ ބައްޕަ ފެނިފައެއްނުވެ އެވެ.

ކޮލަމްބިއާ ސަރުކާރު އިއްޔެ ބުނީ ޑިއާޒްގެ ބައްޕަ ރަހީނުކުރުމުގައި ތުހުމަތުކުރެވެނީ ވާތުފިޔައިގެ އިދިކޮޅު ހަނގުރާމަވެރިންނަށް ކަމަށެވެ. ސަރުކާރުން ބުނީ އެކަން ކުރީ ނެޝަނަލް ލިބެރޭޝަން އާމީ އަށް ނިސްބަތްވާ ބަޔަކު ކަމަށެވެ.

ޑިއާޒްގެ ބައްޕަ. ރަހީނުކުރީ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިން ކަމަށް ކޮލަމްބިއާ ސަރުކާރުން ވަނީ ބުނެފަ

ތުހުމަތުކުރެވޭ ނެޝަނަލް ލިބެރޭޝަން އާމީ އިން އަންނަނީ 1964 ވަނަ އަހަރުން ފެށިގެން ކޮލަމްބިއާގެ ސަރުކާރުތަކާ ދެކޮޅަށް ހަމަނުޖެހުން ހިންގަމުންނެވެ. އެ ގްރޫޕުގައި ގާތްގަނޑަކަށް 25000 މެމްބަރުން އުޅެ އެވެ.

ރިޕޯޓްތައް ބުނާގޮތުން އެ ގްރޫޕް އެންމެ އެކްޓިވްކޮށް އުޅެނީ ކޮލަމްބިއާ އާއި ވެނިޒުއޭލާގެ ބޯޑަރުގެ ސަރަހައްދުގަ އެވެ. ޑިއާޒްގެ މައިންބަފައިން ވެސް އުޅެނީ އެ ސަރަހައްދުގަ އެވެ.

ޑިއާޒްގެ މައިންބަފައިން ކާރަކަށް އަރުވައިގެން ރަހީނުކޮށްގެން ގެންދިޔަ ވަގުތު ސައިކަލުތަކެއްގައި ތިބި ބަޔަކު ފާރައަށް ދުއްވަމުން ދިޔަކަން ސީސީޓީވީ ފުޓޭޖްތަކުން ވަނީ ފެނިފަ އެވެ. ކާރުގައި ގެންގޮސް ޕެޓްރޯލް ސްޓޭޝަނެއް ކައިރީ އެމީހުން މަޑުކުރި އެވެ. އެވަގުތު ފުލުހުން އެތަނަށް ދިއުމުން އެމީހުން ވަނީ ޑިއާޒްގެ މަންމަ ދޫކޮށްލުމަށް ފަހު ޑިއާޒްގެ ބައްޕަ ގޮވައިގެން ފިލައިފަ އެވެ.

ޑިއާޒްގެ ބައްޕަ ހޯދުމުގެ އޮޕަރޭޝަނުގައި ދެ ސައިކަލާއި ކާރެއް ވަނީ ފެނިފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އެއީ ޑިއާޒްގެ ބައްޕަ ރަހީނުކުރުމަށް ބޭނުންކުރި އުޅަނދުތަކެވެ. އެކަމަކު ޑިއާޒްގެ ބައްޕަގެ އެއްވެސް އެއްޗެއް މިހާތަނަށް ފެނިފައެއްނުވެ އެވެ.

ޑިއާޒްގެ ބައްޕަ ރަހީނުކުރި މައްސަލައިގައި ކޮލަމްބިއާގައި ކުރިއަށްދިޔަ އެއްވުން. އެތައް ހާސް ބަޔަކު ބައިވެރިވި

ކޮލަމްބިއާ އާއި ލިވަޕޫލްގެ މުހިއްމު ކުޅުންތެރިޔާގެ އާއިލާ އަށް ދިމާވި ހާދިސާއާ އެކު އެގައުމުގައި ވަނީ ހަމަނުޖެހުން ބޮޑުވެފަ އެވެ. މިދިޔަ އަންގާރަ ދުވަހު އެގައުމުގައި ވަނީ ޑިއާޒްގެ ބައްޕަ ދޫކޮށްލުމަށް އެދި އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެފަ އެވެ. އޭގެތެރޭގައި ސަލާމަތްވި ޑިއާޒްގެ މަންމަ ވެސް ހިމެނެ އެވެ.

ހިތާމަވެރި ހާދިސާއާ ގުޅިގެން ލިވަޕޫލުން ވަނީ ޑިއާޒް އަށް ރިލީޒް ދީފަ އެވެ. މިދިޔަ ހަފްތާ ލިވަޕޫލުން ނޮޓިންހަމް ފޮރެސްޓް ބަލިކުރި މެޗާއި އިނގިރޭސި ލީގު ކަޕްގައި ބޯންމައުތު އަތުން ލިވަޕޫލް މޮޅުވި މެޗުގައި ޑިއާޒް ކުޅެފައެއްނުވެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *