ބައްސާމް ފީފާ އިން ހިމާޔަތް ހޯދައިފި

Advertisement

ބައްސާމް ފީފާ އިން ހިމާޔަތް ހޯދައިފި

ފަހުމިނެޓް
ބައްސާމް އިންފަންޓީނޯއާ އެކު. އިއްޔެ ބޭއްވި ބައްދަލުވުމަށް ފަހު މިއަދު ވަނީ ނޫސް ބަޔާނެއް ނެރެފަ. ފޮޓޯ: އިންފަންޓީނޯ އިންސްޓަގްރާމް

މި މަހުގެ 22 ވަނަ ދުވަހު ފުލުހުން ކޯޓު އަމުރެއްގެ ދަށުން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ވަދެ އެ އިދާރާގެ މުހިއްމު ތަކެތި ތަހުގީގުގެ ބޭނުމަށް ގެންގޮސްފައިވަނިކޮށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ބައްދަލުކުރައްވައި، ކުރިމަތިވެފައިވާ ޕްރެޝަރަށް ރައްދު ދެއްވައި މިއަދު ބަޔާނެއް ނެރެފި އެވެ.

ބައްސާމް ފީފާގެ ރައީސްއާ ބައްދަލުކުރެއްވީ ފްރާންސްގައި އިއްޔެ ކުރިއަށްދިޔަ ފީފާގެ ބައްދަލުވުމެއްގެ ތެރެއިންނެވެ. އެ ބައްދަލުވުމަށް ފަހު އިންފަންޓީނޯ ސޯޝަލް މީޑިއާ އަށް ދޫކޮށްލި ޕޯސްޓުގައި ވިދާޅުވީ ފީފާ އިން އަބަދުވެސް ހުރިހާ މެމްބަރު އެސޯސިއޭޝަންތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އިންފަންޓީނޯގެ ހިމާޔަތް ހޯދުމަށް ކުރިއަށް ގެންދިޔަ މަޝްވަރާ ބައްދަލުވުމަށް ފަހު މިއަދު އެފްއޭއެމުން ވަނީ އެ އިދާރާއަށް ކުރާ ހުރިހާ ތުހުމަތުތަކެއް ދޮގުކޮށް ބަޔާނެއް ނެރެފަ އެވެ.

އެފްއޭއެމްގެ މައްޗައް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެ އިދާރާއަށް ރާއްޖޭން ބޭރުން ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށް އަމިއްލަ މަންފާއަށް މަސައްކަތްކުރާ ކަމުގެ ތުހުމަތެވެ. ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކާއި މަނީ ލޯންޑްރިންގެ ތުހުމަތުކޮށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން އެ އިދާރާ އަށް ވަދެ ބައެއް ތަކެތި ގެންގޮސް މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ.

ފުލުހުންގެ ތަހުގީގު ފެށުމުން އެފްއޭއެމުން ވަނީ ފީފާ އާއި އޭއެފްސީގެ ސަމާލުކަމަށް އެކަން ގެނެސްފަ އެވެ. އެކަމާއި ގުޅިގެން ފީފާ އާއި އޭއެފްސީގެ ޖޮއިންޓް ސިޓީއެއް އެފްއޭއެމް އަށް ވަނީ ލިބިފަ އެވެ. އެ ސިޓީއާ ހަވާލާދީ ގިނަ ވާހަކަތަކެއް ބަޔާނުގައި ހިމަނާފައިވެ އެވެ.

ޖުމްލަގޮތެއްގައި ބަޔާނުން ފާހަގަވީ ކިތަންމެ ބޮޑު ތުހުމަތެއް ކުރެވި ރާއްޖޭގެ ފުޓްބޯޅަ އެއްކޮށް ފުނޑުނަސް ފީފާ އާއި އޭއެފްސީގެ ހިމާޔާތް އެފްއޭއެމުން ހޯދާނެ ކަމެވެ.

ބައްސާމް އިންފަންޓީނޯއާ އެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން. މަގާމް ދިފާއުކުރަން ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުން. ފޮޓޯ: އިންފަންޓީނޯ އިންސްޓަގްރާމް

ފީފާ އާއި އޭއެފްސީއާ ހަވާލާދީ އެފްއޭއެމުން ބުނީ ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ސަރުކާރަށާއި ތަންފީޒީ އިދާރާތަކަށް އެފަދަ ތަންތަން ބަލާފާސްކުރުމުގެ އިހްތިސާސް އޮންނާނެކަން ގަބޫލުކުރިޔަސް އެފަދަ އަމަލެއް ހިންގަންވާނީ ގަނޫނީ މަގުސަދަށްޓަކައި ގާނޫނީ އިންތަކުގެ ތެރެއިންކަން ގަބޫލުކުރާ ކަމަށެވެ.

ފީފާގެ އަސާދީ ގަވައިދުގެ 14 ވަނަ މާއްދާ އާއި 19 ވަނަ މާއްދާގެ އިތުރުން އޭއެފްސީގެ އަސާސީ ގަވައިދުގެ 10 ވަނަ މާއްދާ އާއި 15 ވަނަ މާއްދާއާ ހަވާލާދީ ސިޓީގައި ފާހަގަކޮށްފައިވަނީ، އެފްއޭއެމް ހިންގުމުގައި ދަމަހައްޓަންޖެހޭ މުސްތަގިއްލުކަމަށް އެއްވެސް ސިފައެއްގައި އެއްވެސް ބައެއްގެ ނުވަތަ ފަރާތެއްގެ ނުފޫޒު ފޯރާކަމުގައި ވާނަމަ ނުވަތަ އެފަދަ ތުހުމަތެއް ކުރެވޭނަމަ ފީފާ އާއި އޭއެފްސީގެ އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް ފީފާ އާއި އޭއެފްސީ އިން އެފްއޭއެމްއާ މެދު ފިޔަވަޅު އެޅޭނެ ކަމަށެވެ.

“ފީފާގެ ފޯވާޑް ޑިވެލޮޕްމަންޓް ޕްލޭނާއި އޭއެފްސީގެ އެންހޭންސް މެމްބަރު އެސޯސިއޭޝަން ޕްލޭންގެ ދަށުން ދޫކުރެވޭ އެންމެހާ ފައިސާއަކީ ފީފާ ފޯވާޑް ޑިވެލޮޕްމަންޓް ޕްލޭންގެ ގަވައިދުގެ 13 ވަނަ މާއްދާ އާއި އޭއެފްސީގެ އެންހޭންސް މެމްބަރު އެސޯސިއޭޝަން ޕްލޭންގެ ގަވައިދުގެ 18 ވަނަ މާއްދާގެ ދަށުން ދެފުށް ފެންނަ ޓްރޭސްކުރެވޭ މިންގަނޑެއްގެ ތެރޭގައި ބޭނުންކުރެވޭ ފައިސާކަން ކަށަވަރުކުރުމަށް ކޮންމެ އަހަރަކު އޮޑިޓްކުރެވޭ އެހީތަކެއްކަން ފާހަގަކުރަން. އަދި އެފަދަ ކަންކަމަކީ ފީފާގެ ގަވަނެސް އޮޑިޓް އެންޑް ކޮމްޕްލަޔަންސް ކޮމިޓީތަކުން ވިލަރެސް ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ކަމުގައި ވަނީ ފާހަގަކޮށްފަ” ފީފާ އާއި އޭއެފްސީގެ ޖޮއިންޓް ސިޓީއާ ހަވާލާދީ އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެފްއޭއެމްގެ ހިންގުން ފެއިލްވެ ރާއްޖޭގެ ފުޓްބޯޅަ މިހާރު މިއިން ދުވަހަކު ނުދާހާ ދަށަށް ގޮސްފަ އެވެ. ފުޓްބޯޅަ މި ލެވެލް އަށް ވެއްޓުމުގައި އޮތީ އެފްއޭއެމް އާއި އެފްއޭއެމްގެ މިހާރުގެ މެނޭޖްމަންޓަށް ބާރުދޭ ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބްތަކެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *