ކޮރަޕްޝަންގެ ތުހުމަތު ބޮޑު އެފްއޭއެމް އަށް ފުލުހުން ވަދެއްޖެ

Advertisement

ކޮރަޕްޝަންގެ ތުހުމަތު ބޮޑު އެފްއޭއެމް އަށް ފުލުހުން ވަދެއްޖެ

ފަހުމިނެޓް
އެފްއޭއެމް ހައުސް. އެތަން ފާސްކުރުމަށް ފުލުހުން މިއަދު ވަނީ ވަދެފަ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މާލީ މުއާމަލާތްތަކާއި ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޓީމެއް އެފްއޭއެމްގައި ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން، މާފަންނު ސްޓޭޑިއަމް ކައިރީ ހުންނަ އެފްއޭއެމް އަށް ވަނީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ އެންގުމަކާ އެކު އެވެ.

“ދިވެހިރާއްޖެއަކީ، ބޭރު ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ޤައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަޤީންކަން ދިވެހިރާއްޖޭގެ ދައުލަތުގެ މުއައްސަސާތަކަށް އަބަދުމެ ލިބިފައި އޮތުމާއި، އެ ކަންކަން އެ މަގަށް ހިނގުމަށްޓަކައި، ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި، އިންޞާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ޤައުމީ މަޞްލަޙަތާ ސީދާގޮތުން ގުޅުން ހުރި ކަމަކަށްވާތީ، ދިވެހިރާއްޖެއާ މުޢާމަލާތްކުރާ ބައިނަލްއަޤްވާމީ އިދާރާތަކުން، ވަކި ހަމަތަކާއި އުޞޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުޞޫލުތަކާއި ޤާނޫނުތަކާ ޚިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓަރ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް” ޕީޖީ އިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ޕީޖީ އިން ބުނީ އެފްއޭއެމް އަށް އެކި ފަރާތްތަކުން ދޭ ފައިސާ އަށް އެ އެސޯސިއޭޝަންގެ އިސްވެރިން ހިޔާނާތްތެރިވެ، އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންނާއި، ވައްކަމާއި، ހިޔާނާތާއި މަކަރާ ހީލަތުގެ ނުވަތަ އެނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާނަމަ، އެކަމެއް ތަހުގީގުކޮށް އެ މައްސަލައިގައި ދައުވާއެއް ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވަދިނުމަށް އެދިފައިވާނެ ކަމަށެވެ.

އަމުރާއި އެއްގޮތަށް ފުލުހުން އެފްއޭއެމް ފާސްކޮށް ކޮރަޕްޝަންގެ އަމަލުތައް ފާހަގަކުރެވިއްޖެ ނަމަ އެކަންކަން ފުލުހުން ތަހުގީގްކުރާނެ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ހަލާކުވެފައިވާ މި ދަނޑިވަޅުގައި އެތައް ބަޔަކު އަންނަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްތިއުފާ އަށް ގޮވަމުންނެވެ. މިއަދު އެފްއޭއެމް ފުލުހުން ފާސްކުރަން ފެށުމުން ބައްސާމް ވަނީ އެ ސަރަހައްދަށް ވަޑައިގެންފަ އެވެ. ބައްސާމްގެ އިތުރުން އެފްއޭއެމްގެ އިސްވެރިން އެތަނަށް ވަޑައިގަތެވެ.

ބައްސާމާއި އެފްއޭއެމަށް ތުހުމަތުތައް ކުރެވުނު ނަމަވެސް އޭނާ ވިދާޅުވަނީ ގޯސްކޮށް ކަމެއް ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދެވި އެތައް މަހެއް ހޭދަވުމާއި، ކްލަބްތަކަށް ފައިސާދީގެން ކްލަބްތައް އަމިއްލަ ބާރުގެ ދަށަށް ގެންނެވުމުގެ އިތުރުން ވެސް ބައްސާމްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ވަނީ ކުރެވިފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *