ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯންތަކަށް ބަދަލުގެނެސްފި

Advertisement

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯންތަކަށް ބަދަލުގެނެސްފި

ފަހުމިނެޓް
މިދިޔަ އަހަރުގެ މުބާރާތުގައި އޭދަފުއްޓާއި ކުޑަހުވަދޫ ވާދަކުރި މެޗުގެ ތެރެއިން. މުބާރާތުގެ ޒޯންތައް ވަނީ އަލުން ތަރުތީބުކޮށްފަ. ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކުރާ ގޯލްޑެން ފުޓްސަލް ޗެލެންޖުގެ އަންނަ އަހަރުގެ މުބާރާތުގައި ވާދަކުރާ ޒޯންތަކުގެ ތަރުތީބަށް ބަދަލު ގެނެސްފި އެވެ.

މުބާރާތުގެ ތަޖުރިބާ އަށް ބަލައި ކޮންމެ އަހަރަކު ވެސް ގޯލްޑެން ފުޓްސަލް އިން އަންނަނީ ބައެއް ބަދަލުތައް ގެންނަމުންނެވެ. އެންމެ ފަހުގެ މުބާރާތުގައި ގެނައި ފާހަގަކޮށްލެވުނު ދެ ބަދަލަކީ މުބާރާތް ހުޅުވަން ޗެރިޓީ ޝީލްޑް މެޗެއް ކުޅުމާއި އަތޮޅު ލީގު ބުރުގެ ބަދަލުގައި ޗެމްޕިއަންކަން ކަނޑައަޅަން އަތޮޅު ފައިނަލް ކުޅުމެވެ.

އަންނަ އަހަރުގެ މުބާރާތް ޖެނުއަރީ 15 ވަނަ ދުވަހު ފަށާނެކަން ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ވަނީ އިއުލާންކޮށްފަ އެވެ. މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ.

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ބުނީ އަންނަ އަހަރުގެ މުބާރާތުގައި ފެންނާނެ އެންމެ ބޮޑު ބަދަލަކީ ޒޯންތަކުގެ ތަރުތީބަށް ބަދަލު އައުން ކަމަށެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީމު ލ. ގަން ދިއްގަރާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން. ގަން ހިމެނެނީ ތިމަރަފުށި ހިމެނޭ ޒޯންގަ. ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

އެ އެސޯސިއޭޝަނުން ބުނީ ޒޯންތަކަށް ބަދަލު ގެނައީ، މުބާރާތުގައި ޓީމުތައް ވާދަކުރާ ސަރަހައްދުތަކާއި ވާދަވެރިކަމަށް ބަލައި އެންމެ ފޯރިގަދަވާނެ ގޮތަށް ބަލައިގެން ކަމަށެވެ.

އާ ބަދަލާ އެކު އެންމެ ފާހަގަކުރެވުނީ ބ އަތޮޅާއި ޅ އަތޮޅު އަދި ކ އަތޮޅު އެއް ޒޯނަކަށް ވުމެވެ. އެ ބަދަލާ އެކު އެ ޒޯންގައި ވަރުގަދަ ރަށްތަކެއް ވާދަކުރާނެ އެވެ. އޭގެތެރޭގައި ބ. އޭދަފުއްޓާއި ކ. ގާފަރުގެ އިތުރުން ކ. ދިއްފުށި ހިމެނެ އެވެ. އޭދަފުއްޓާއި ގާފަރުން ވަނީ މުބާރާތުގެ ތިން ފައިނަލުގައި ކުޅެފަ އެވެ. ގާފަރު ދެ ފައިނަލުން ބަލިވިއިރު އޭދަފުށި އެއް ފައިނަލުން ބަލިވި އެވެ. ދެން އެ ޒޯނުގައި ހިމެނޭ ދިއްފުއްޓަކީ ހުނަރުވެރި ގިނަ ކުޅުންތެރިންތަކަކާ އެކު ރަނގަޅު ވާދައެއް ކުރަމުން އަންނަ ރަށެކެވެ.

އެހެން ބަދަލުތަކަށް ބަލާއިރު ތ އަތޮޅާއި ލ އަތޮޅު ވަކި ޒޯނަކަށް ވަނީ ވެފަ އެވެ. ލ ގަމަކީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން އެވެ. ބަދަލާ އެކު ޒޯން ފައިނަލުގައި ގަމާއި ތިމަރަފުށި ވާދަކުރުމުގެ ފުރުސަތު ބޮޑެވެ.

އަންނަ އަހަރުން ފެށިގެން ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯންތައް ބަހާލާނެ ގޮތް

ޒޯން 1 – ހއ، ހދ

ޒޯން 2 – ށ، ނ، ރ

ޒޯން 3 – ބ، ޅ، ކ

ޒޯން 4 – އއ، އދ، ވ

ޒޯން 5 – މ، ފ، ދ

ޒޯން 6 – ތ، ލ

ޒޯން 7 – ގއ، ގދ، ފުވައްމުލައް ސިޓީ، އައްޑޫ ސިޓީ

ޒޯން 8 – ވިލިމާލެ، މާލެ، ހުޅުމާލެ

ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިދިޔަ އަހަރު 102 ޓީމު ވާދަކުރި އެވެ. ގަމުން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ގދ. ވާދޫ ބަލިކޮށްގެންނެވެ. ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން މިހާރު ތައްޔާރުވަމުން އަންނަނީ އަށް ވަނަ މުބާރާތް ބޭއްވުމަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *