ޓީމުގަ ނެތަސް މުޅި ދަނޑު ގުގުމާލީ ނޭމާގެ ނަމުން

ރިޔާޒް، ސައުދީ އަރަބިއާ (އޮކްޓޫބަރ 20) – ބޮޑު އަނިޔާއަކާ ގުޅިގެން މި ސީޒަނުގައި ދެން ނުކުޅެވޭނެ ކަމަށް ބެލެވިފައިވާ ނޭމާ ނުލައި ސައުދީ ލީގުގައި ރޭ އަލް-ހިލާލް މޮޅުވި މެޗު ނޭމާ އަށް ހާއްސަކޮށްފި އެވެ.
ބޮޑު އަގުގައި މިދިޔަ ޓްރާންސްފާ ބާޒާރުގައި ޕީއެސްޖީ ދޫކޮށް ނޭމާ ހިލާލް އަށް ބަދަލުވެ އަނިޔާގެ ސަބަބުން މުހިއްމު މެޗުތައް ގެއްލުނެވެ. ނޭމާގެ މޮޅު ކުޅުން ސައުދީގައި ނުދެއްކި އުޅެނިކޮށް ކަކުލަށް އަނިޔާވެ ސާޖަރީއަކަށް ދާންޖެހުނީ މިދިޔަ ހަފްތާ ބްރެޒިލް ގައުމީ ޓީމުން އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.
ނޭމާގެ އަނިޔާގެ ސީރިއަސްކަމުން މި ސީޒަނުގައި އޭނާ އަށް ކުޅެވިދާނެތޯ ވަނީ ސުވާލު އުފެދިފަ އެވެ. ނޭމާ ނުލައި ހިލާލް ރޭ ވަނީ އަލް-ޚަލީޖް 0-1 އިން ބަލިކޮށްފަ އެވެ.

ހިލާޅް ޓީމު ފޮޓޯ އަށް ހުއްޓިގެން. މެޗު ހާއްސަކުރީ އަނިޔާގައި ހުރި ނޭމާ އަށް
މެޗު ފެށުމުގެ ކުރިން ހިލާލްގެ ކުޅުންތެރިން ފޮޓޯ އަށް ހުއްޓުނީ ނޭމާގެ ޖާޒީއަކާ އެކު އެވެ. ބެންޗުގައި ތިބި ކުޅުންތެރިން ވެސް ވަނީ ނޭމާގެ ޖާޒީއާ އެކު އޭނާ އަށް ލޯބި އޮތްކަން ދައްކުވައިދީފަ އެވެ. ސަޕޯޓަރުން ދަނޑަށް ވަނީ ނޭމާގެ ބެނާތައް ހިފައިގެންނެވެ. ބެނާތަކުގައި ލިޔެފައިހުރީ ވަރުގަދަކޮށް ނޭމާ އެނބުރި އައުމަށެވެ. ހިލާލް އިން މުޅި ދަނޑު ރޭ ހާއްސަކުރީ ނޭމާ އަށެވެ.
މެޗުގައި ހިލާލްގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ޖެހީ ކުރިން ފުލަމް އަށް ކުޅުނު އަލެކްސަންޑަ މިޓްރޮވިޗް އެވެ.
ހިލާލް އޮތީ 10 މެޗުން ހޯދި 26 ޕޮއިންޓާ އެކު ސައުދީ ލީގުގެ އެއް ވަނައިގައި އެވެ.
ލީގުގެ ދެ ވަނައިގައި އޮތް އަލް-ތާވޫން އާއި ތިން ވަނައިގައި އޮތް އަލް-އިއްތިހާދު ރޭ ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި އިއްތިހާދުގެ ހަމައެކަނި ގޯލު ކަރީމް ބެންޒެމާ ޖެހިއިރު ތާވޫންގެ ގޯލަކީ ބެންޒެމާގެ ބޮލުގައި ޖެހިފައި ބައިކޮޅަށް ވަން ގޯލެކެވެ.
ސައުދީ ލީގުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅޭ އަލް ނަސްރު މިރޭ ދަމަކް އެފްސީއާ ދެކޮޅަށް ނުކުންނާނެ އެވެ. އެ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 8 ޖަހާއިރު އެވެ.
Advertisement


Leave a Reply