ޓޮމް އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވަނީ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާނެކަން ކުރީގެ އެއް ނަންބަރު ފޯވާޑް އަދި މިހާރު ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) އިއުލާންކުރައްވައިފި އެވެ.
ފާޑުކިޔުން ބޮޑުވެފައިވާ އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާނެކަން ޓޮމް އިއުލާންކުރެއްވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
“ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިހާބުގައި އަޅުގަނޑު ވާދަކުރަން ނިންމައިފިން. ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމުގައި ކްލަބުތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަން ދެއްވުން އެދެން” ޓޮމްގެ ޕޯސްޓުގައިވެ އެވެ.
ޓޮމް ވަނީ 2016 ވަނަ އަހަރު ކުރު މުއްދަތެއްގައި އެފްއޭއެމްގެ ރައީސްކަން ކުރައްވާފަ އެވެ. ހަތަރު މަސްދުވަހުގެ އެ މުއްދަތުގައި ޓޮމް އަށް އެ މަގާމް ގެއްލުނީ އޭރުގެ ޖެނެރަލް ސެކްރެޓަރީ އަދި މިހާރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އެ މަގާމުން ވަކިކުރުމުގައި އުސޫލާ ހިލާފްވެގެންނެވެ. އެ މައްސަލައިގައި އޭރު އެފްއޭއެމްގެ އެކްސްކޯގައި ތިބި ފަސް މެމްބަރަކު އިސްތިއުފާދެއްވީ އެވެ.
އެ އަހަރު ބޭއްވި އެފްއޭއެމްގެ އިންތިހާބުގައި ބައްސާމާ ވާދަކުރައްވައި ޓޮމް އަށް ނާކާމިޔާބުވި އެވެ. އެފަހަރު އިންތިހާބު ކާމިޔާބުކުރައްވައި ބައްސާމް މިހާރު އަންނަނީ އޭނާގެ ދެ ވަނަ ދައުރު ފުރިހަމަކުރައްވަމުންނެވެ. މިހާރު ގުނަމުންދާ ބައްސާމްގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.
އދ. މަހިބަދޫ އަށް އުފަން ޓޮމް އަކީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު އެއް ފޯވާޑެވެ. ކްލަބް ލެވެލްގައި ނިއު ރޭޑިއަންޓާއި އުފަން ރަށުގެ އިތުރުން ވީބީ ސްޕޯޓްސް ކްލަބްގެ ޖާޒީގައި ފެނުނެވެ. ގައުމީ ޓީމުގައި ވެސް ޓޮމް އަކީ ވިދުން ގަދަ ފޯވާޑެކެވެ. ގައުމީ ޓީމަށް ކުޅުނު 38 މެޗުގައި ޓޮމް 16 ގޯލު ޖެހި އެވެ.
ޓޮމް އަކީ ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާންކުރެއްވި ފުރަތަމަ ބޭފުޅާ އެވެ. އެފްއޭއެމްގެ ރައީސްކަމުގެ މަގާމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) ވެސް ޝައުގުވެރިވާކަމަށް ސޯޝަލް މީޑިއާގައި ދައުރުވެ އެވެ. އެކަމަކު ދަގަނޑޭ އަދި ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ.
ދަގަނޑޭ އާއި ޓޮމް އެފްއޭއެމްގެ ރައީސްކަމަށް އަންނަން ތާއީދުކޮށް ސޯޝަލް މީޑިއާގައި ކެމްޕޭން ވަނީ ފަށައިފަ އެވެ.
އެފްއޭއެމްގެ ހިންގުން ބޮއްސުންލައި ފުޓްބޯޅަ ވަނީ ފަހަތަށް ސޮއްސާލައިފަ އެވެ. ގައުމީ ޓީމުގެ ނަތީޖާތައް ދަށްވުމާއި، ލީގު ފެންވަރު ދަށްވެ ކްލަބްތައް މާލީ އަނދަވަޅަކަށް ވަނީ ވެއްޓިފަ އެވެ. ކްލަބްތައް ކޮޅަށް ޖެހޭނެ އުއްމީދެއް ނެތެވެ. އަދި، އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދީ އެތައް މަހެއް ވެފައިވާއިރު އެ އިދާރާ އަށް ތުހުމަތުވާ ކޮރަޕްޝަންގެ ގިނަ މައްސަލަތެއް ވަނީ ފެންމަތިވެފަ އެވެ.
ބައްސާމްގެ އިސްތިއުފާ އަށް ގޮވައި ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ އަޑުއުފުލަމުންނެވެ. އެކަމަކު ބައްސާމް އެކަމާ ވަކިއެއްޗެއް ވިދާޅެއްނުވެ އެވެ. އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބައްސާމް ވިދާޅުވީ އޭނާ އެ މަގާމަށް ގެންނަނީ ކްލަބްތަކުން ކަމަށާއި، ކްލަބްތައް އޭނާ އެންޑޯޒްކޮށްފައި ބަހައްޓާނަމަ މަގާމުގައި ދެމިހުންނާނެ ކަމަށެވެ.
Advertisement


Leave a Reply