ފަލަސްތީނުގެ ހައްގުގައި ސަލާހްގެ ހާއްސަ މެސެޖެއް ދުނިޔޭގެ ލީޑަރުންނަށް
ފަލަސްތީނާއި އިޒްރޭލާ ދެމެދު މިހާރު ހިނގަމުންދާ ހަނގުރާމައިގައި ކުށެއް ނެތް އާންމުންގެ ފުރާނައަށް ނުރައްކާވިޔަ ނުދިނުމަށްޓަކައި އެއްބައިވަންތަކަމާ އެކު މަސައްކަތްކުރުމަށް ލިވަޕޫލަށް ކުޅެމުން އަންނަ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހް ދުނިޔޭގެ ލީޑަރުންނަށް ގޮވާލައިފި އެވެ.
އުމުރުން 31 އަހަރުގެ ސަލާހް މިގޮތަށް ބުނެފައިވަނީ އިޒްރޭލް ސިފައިން ފަލަސްތީނުގެ ހޮސްޕިޓަލަކަށް ދިން ވައިގެ ހަމަލާއެއްގައި ފަލަސްތީނުގެ އެތައް ބަޔަކު ޝަހީދުވުމާ ގުޅިގެންނެވެ. ގައްޒާގައި ހުންނަ އަލް އަހުލީ އަރަބް ހޮސްޕިޓަލަށް އަންގާރަ ދުވަހުގެ ރޭ އިޒްރޭލް ސިފައިން ދިން ހަމަލާގައި ގާތްގަނޑަކަށް ފަސްސަތޭކައަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
އިޒްރޭލުން ބުނާގޮތުގައި އެ ހޮސްޕިޓަލުގައި ގޮވި ގޮވުންތަކަކީ ހަމާސް ޖަމާއަތުން އިޒްރޭލަށް ފޮނުވާލަން މަސައްކަތްކުރި ރޮކެޓް ހަމަލާއެއް އަމާޒަށް ވާސިލްނުވެ ހޮސްޕިޓަލަށް އަމާޒުވުމުން ގޮވި ގޮވުންތަކެކެވެ.
ގައްޒާގެ ހޮސްޕިޓަލަށް ދިން ހަމަލާއަކީ ބިރުވެރި ހަމަލާއެއްގެ ގޮތުގައި ސިފަކުރަމުން ސަލާހް ބުނެފައިވަނީ ފަލަސްތީނަށް އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ފަރާތްތަކަށް ގައްޒާއަށް ވަންނަން ހުއްދަ ވެސް ދޭންޖެހޭ ކަމަށާއި، މިވަގުތު އެންމެ މުހިންމު ކަމަކީ އިންސާނިއްޔަތު އިސްކުރުން ކަމަށެވެ.
“ގައްޒާގެ ރައްޔިތުންނަށް ކާނާ އާއި ފެނާއި، އަދި ބޭސް އާޖެންޓްކޮށް އެބަ ބޭނުންވޭ. ކޮންމެ ފުރާނައަކީ ވެސް ހުރުމަތްތެރިވެގެންވާ އެއްޗެއް. އާއިލާތައް އެދަނީ އެއްކޮށް ފަނާވަމުން. އެކަންކަން އެބަޖެހޭ ހުއްޓުވެން” ސަލާހް ބުނެފައި ވެއެވެ.
ސަލާހް އިތުރަށް ބުނެފައިވަނީ މިހާރު ފެންނަމުން މިދަނީ ހައްދެއް ނެތް މިންވަރުގެ އަނިޔާވެރިކަމާއި، ހަމަނުޖެހުމާއި، ހިތް ފަޅައިގެންދާވަރުގެ ކަންކަން ކަމަށާއި އެކަންކަން ހުއްޓުވަން ދުނިޔޭގެ ލީޑަރުން އެއްގަލަކަށް އަރަންޖެހޭ ކަމަށެވެ.
“ދުނިޔޭގެ ލީޑަރުންނަށް އަހަރެން ގޮވާލަން އިތުރު ފުރާނަތައް ގެއްލިގެންދިޔަ ނުދިނުމަށްޓަކައި އެއްބައިވެގެން މިކަން ހުއްޓުވަން މަސައްކަތްކުރަން” ސަލާހް ބުންޏެވެ.
އިޒްރޭލް ސިފައިން ވައިގެ މަގުން ގައްޒާއަށް މިހާރު ހަމަލާތައް ދެމުން އަންނަނީ މި އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ފަލަސްތީނުގެ މިނިވަންކަމުގެ ދިފާއުގައި ޖިހާދުކުރަމުން އަންނަ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ވަރުގަދަ ކުއްލި ހަމަލާތަކާ ގުޅިގެން އެކަމުގެ ރައްދުގަ އެވެ.
Advertisement
Leave a Reply
ވަރަށް ރަނގަޅު އާޓިކަލްއެއް