އިޓަލީ ބަލިކޮށް އިންގްލެންޑް ޔޫރޯ އަށް ކޮލިފައިވެއްޖެ

ލަންޑަން (އޮކްޓޫބަރ 18) – ފަހަތުން އަރައި އިޓަލީ 1-3 އިން ބަލިކޮށް އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫއޭފާ ޔޫރޯ އިން އިންގްލެންޑް ޖާގަ ހޯދައިފި އެވެ.
ރޭގެ މޮޅާ އެކު އިންގްލެންޑް އޮތީ ހަ މެޗުން ހޯދި 16 ޕޮއިންޓާ އެކު ގްރޫޕުގެ އެއް ވަނައިގަ އެވެ. އެ ގްރޫޕުގައި ރޭ ޔޫކްރޭން ވަނީ ރަށުން ބޭރުގައި 1-3 އިން މޯލްޓާ ބަލިކޮށްފަ އެވެ. ޔޫކްރޭން ވަނީ 13 ޕޮއިންޓާ އެކު ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. މެޗުން ބަލިވެ 10 ޕޮއިންޓާ އެކު އިޓަލީ އޮތީ ތިން ވަނައިގަ އެވެ.
އިޓަލީ އަށް ކޮލިފައިންގެ ބާކީ ދެ މެޗު އޮތްއިރު ޔޫކްރޭނަށް އޮތީ އެއް މެޗެވެ. ޔޫކްރޭނަށް ބާކީ އޮތީ އިޓަލީއާ ދެކޮޅަށް ކުޅޭ މެޗެވެ. އެހެންވެ ދެ ވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ސީދާ ޖާގައެއް ހޯދުމުގެ ފުރުސަތު އިޓަލީ އަށް އަދި ބަންދެން ނުވެ އެވެ.
އިންގްލެންޑް ހޯދި މޮޅުގައި ތަފާތު ދެއްކި އެއް ކުޅުންތެރިޔަކީ މި ސީޒަނުގައި ރެއާލް މެޑްރިޑްގައި ވެސް މޮޅު ކުޅުމެއް ދައްކަމުން އަންނަ 20 އަހަރުގެ ޖޫޑް ބެލިންހަމް އެވެ.
މެޗު ފަށައިގެން އިޓަލީ އިން ވަނީ 15 ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ވެސްޓް ހޭމް ޔުނައިޓެޑްގެ ޖިއަންލޫކާ ސަމަކާ އެވެ. އިންގްލެންޑުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްފަ އެވެ. ބެލިންހަމް އަށް ކުރި ފައުލަކަށް ދިން އެ ޕެނަލްޓީ 32 ވަނަ މިނެޓުގައި ވައްދާލީ ހެރީ ކޭން އެވެ.
އިންގްލެންޑަށް ލީޑު ނަގައިދިން ގޯލު 57 ވަނަ މިނެޓުގައި ޖެހީ މާކަސް ރަޝްފޯޑެވެ. އޭނާ ގޯލު ޖެހީ ބެލިންހަމް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އިންގްލެންޑުގެ ފަހު ގޯލު 77 ވަނަ މިނެޓުގައި ޖެހީ ކޭން އެވެ.
ރޭ ޖެހި ދެ ގޯލާ އެކު ކޭން އިންގްލެންޑަށް ޖަހައިދިން ގޯލުގެ އަދަދު ވަނީ 60 އަށް އަރައިފަ އެވެ. އިންގްލެންޑުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑް އޮތް ކޭން ވަނީ މިފަހަރުގެ ކޮލިފައިންގައި ހަތް ގޯލު ޖަހައި ދެ ގޯލު ޖަހަން މަގުފަހިކޮށްދީފަ އެވެ.
މުބާރާތް ބާއްވާ ޖަރުމަނާ އެކު ނުވަ ޓީމެއް ވަނީ ޔޫރޯ އަށް ކޮލިފައިވެ އެވެ. އެއީ ބެލްޖިއަމް، ފްރާންސް، ޕޯޗުގަލް، ސްޕެއިން، ސްކޮޓްލެންޑް، ތުރުކީ، އޮސްޓްރިއާ އަދި އިންގްލެންޑް އެވެ.
Advertisement


Leave a Reply