ޓިކެޓް ވިއްކައިގެން އޭދަފުށީގެ ފުޓްބޯޅައަށް އިންގިލާބީ ބަދަލެއް ގެންނަނީ
ބ. އޭދަފުށީގައި 2019 ވަނަ އަހަރު ހުޅުވި ފެންވަރު ރަނގަޅު ޓާފް ފުޓްބޯޅަ ދަނޑުގެ ރޮސްޓްރަމް އާއި ސިޑިބަރީގެ މަސައްކަތް ނިންމައި ޓިކެޓް ވިއްކައިގެން މެޗުތައް ކުޅެވޭގޮތަށް ހަމަޖައްސާނެ އުސޫލު އެކުލަވާލައި މިއަދު ގެޒެޓްކޮށްފި އެވެ.
ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ މަޝްހޫރު ރަށުގައި ޓާފް ދަނޑު އަޅައިދިނީ އެރަށަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔާ ކްރައުން އަހުމަދު ނަޒީރު އެވެ. ނަޒީރުގެ ހިލޭ އެހީގައި އެޅި ޓާފް ދަނޑު ހުޅުވުމަށް ފަހު އެ ދަނޑު އިތުރަށް ތަރައްގީކުރަން ފެށީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.
ފަހުން ގެނައި ތަރައްގީއާއެކު 100 މީހުންގެ ޖާގައިގެ ރޮސްޓްރަމްއަކާއި ގާތްގަނޑަކަށް 800 އަށް ވުރެ ގިނަ މީހުންނަށް ވަދެވޭ ވަރުގެ ސިޑިބަރި ވަނީ ނިންމައިފަ އެވެ.
ބައިނަލްއަގްވާމީ މެޗުތައް ކުޅެވޭ ފެންވަރަށް ތަރައްގީކޮށްފައިވާ ދަނޑުގައި އެހެނިހެން ވަސީލަތްތައް ވެސް ވަނީ ތަރައްގީކޮށްފަ އެވެ. ދަނޑުގެ ތެރޭގައި ކޮންމެ ޓީމަކަށް ޗޭންޖިން ރޫމެއް ތައްޔާރުކޮށްފައިވާއިރު ރޮސްޓްރަމަށް އަރަން ލިފްޓް ވެސް ވަނީ ހަރުކޮށްފަ އެވެ. އަދި، ބައިނަލްއަގްވާމީ ފުޓްބޯޅަ ސްޓޭޑިއަމްތަކުގައި ލިބޭ ހުރިހާ ވަސީލަތްތަކެއް އެންމެ ފުރިހަމައަށް އެ ދަނޑުގައި ތަރައްގީކުރަން ވަނީ ނިންމައިފަ އެވެ.
ރޮސްޓްރަމް އާއި ސިޑިބަރީގެ އިތުރުން ވިޔަފާރި އުސޫލުން ދޫކުރާނެ ފިހާރަތަކެއް ވެސް ދަނޑުގައި ވަނީ ގާއިމްކޮށްފަ އެވެ. މިހާރު އޭގެތެރެއިން ބައެއް ތަންތަން ވަނީ ބޭނުންކުރަން ފަށައިފަ އެވެ. ދަނޑު ތަރައްގީކޮށްފައިވަނީ ލައިޓިން ސިސްޓަމާ އެކު ރޭގަނޑު މެޗުތައް ކުޅެވޭ ގޮތަށެވެ.
އޭދަފުށީ ކައުންސިލުން ގެޒެޓްކުރި އުސޫލުގައި ބުނެފައިވަނީ ޓިކެޓް ވިއްކައިގެން މެޗުތައް ކުޅެވޭގޮތަށް ހަމަޖެއްސީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން މާލީގޮތުން ކުރަންޖެހޭ ހަރަދުތަކަށް ލުޔެއް ދިނުމާއި، ކުޅިބެލުންތެރިން އަހުލުވެރިކޮށް މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމަށް ކަމަށެވެ.
އުސޫލުގައި ވަނީ ޓިކެޓް ވިއްކާނެ ގޮތާއި، ޓިކެޓް ވިއްކައިގެން ލިބޭ ފައިސާއާ މެދު އަމަލުކުރާނެ ގޮތުގެ އިތުރުން ޓިކެޓްގެ އަގު ކަނޑައަޅާނެ ގޮތް ހިމަނައިފަ އެވެ.
އެރަށު ކައުންސިލުން އިންތިޒާމުކުރާ މުބާރާތްތަކުގައި ޓިކެޓް ވިއްކައިގެން ލިބޭ ފައިސާގެ ތެރެއިން ކޮންމެ ޓީމަކަށް ވިއްކާ ޓިކެޓްގެ 50 އިންސައްތަ ލިބޭނީ އެ ޓީމަކަށެވެ. ބާކީ ފައިސާ ލިބޭނީ ކައުންސިލަށެވެ. އެކަމަކު އެހެން ފަރާތަކުން އިންތިޒާމުކުރާ މުބާރާތްތަކުގެ ބާކީ ފައިސާގެ ތެރެއިން ކައުންސިލަށް ލިބޭނީ 25 އިންސައްތަ އެވެ. އަނެއް 25 އިންސައްތަ ލިބޭނީ އެ މުބާރާތް އިންތިޒާމުކުރާ ފަރާތަށެވެ.
ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑުގައި މާދަމާ އޭދަފުށި ކަޕް ފަށާނެ އެވެ. އެ މުބާރާތުގައި އެރަށުގެ ހަތަރު ޓީމަކުން ވާދަކުރާނެ އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖާއި ސެމީ ފައިނަލް މެޗުތަކަށް ޓިކެޓް ވިއްކަނީ 10 ރުފިޔާއަށެވެ. ފައިނަލް މެޗުގެ ޓިކެޓްގެ އަގަކީ 20 ރުފިޔާ އެވެ. މުބާރާތުގެ ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ އޭދަފުށީ ކައުންސިލުންނާއި އެރަށު ޔޫތު ސެންޓަރުންނެވެ.
ރާއްޖޭގައި ހަދާފައިވާ އެންމެ ފެންވަރު ރަނގަޅު ސްޓޭޑިއަމަށް މިހާރުވެސް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފަ އެވެ. އޭދަފުށީ ދަނޑަށް ގެނައި ބޮޑު ތަރައްގީއާ އެކު މާދަމާ އަކީ ޓިކެޓް ވިއްކައިގެން އެރަށުގައި މެޗުތައް ކުޅެން ފަށާ ތާރީހީ ދުވަހެވެ.
Advertisement
Leave a Reply