ލަދަކަށް ފަހު ލަދެއް، ކޮލިފައިންގައި ނުފިރުކެވެނީސް ރާއްޖެ ކަޓައިފި

Advertisement

ލަދަކަށް ފަހު ލަދެއް، ކޮލިފައިންގައި ނުފިރުކެވެނީސް ރާއްޖެ ކަޓައިފި

ފަހުމިނެޓް

ފީފާ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގްގައި ބަންގްލަދޭޝް އަތުން ބަލިވެ ރާއްޖޭ އަށް ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ފުރުސަތު ގެއްލިއްޖެ އެވެ.

މިއަދު ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެރީނާގައި ކުޅުނު މެޗުގައި ބަންގްލަދޭޝް ވަނީ 1-2 އިން ރާއްޖެ ބަލިކޮށްފަ އެވެ. ފުރަތަމަ ލެގްގެ މެޗު 1-1 އިން އެއްވަރުވުމާ އެކު ބަންގްލަދޭޝް އަށް އަނެއް ބުރުން ފުރުސަތު ލިބުނީ 3-2 ގެ އެގްރިގޭޓުންނެވެ.

Advertisement

މިއީ ފަހަކަށް އައިސް ރާއްޖެ އަށް ފުޓްބޯޅައިގައި ލިބުނު އެންމެ ދަށް ނަތީޖާ އެވެ. މިއަހަރުގެ ސާފް ޗެމްޕިއަންޝިޕްގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓިއިރު މިއީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ފަހު ކޮލިފައިންގެ ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓި ފުރަތަމަ ފަހަރެވެ.

ބަންގްލަދޭޝްގެ އެތައް ހާސް ސަޕޯޓަރުންނެއް ކުރިމަތީ ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ބަންގްލަދޭޝަށް ލީޑު ނަގައިދިން ގޯލު ޖެހީ ރާކިބް ހުސައިން އެވެ. އޭރިޔާ ތެރެއަށް ހުރަސްވި ބޯޅަ ރާކިބް ވަނީ އެއްފަހަރުން ޖަހައި ގޯލަށް ވައްދާލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ރާއްޖެ އަށް ނަތީޖާ ހަމަހަމަކޮށްދިނީ އައިސަމް އިބްރާހީމް އެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ނަގައިދިން ކޯނަރަކުން އައިސަމް އެ ގޯލު ޖެހީ ބޮލުންނެވެ.

ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނެވެ. ރާއްޖޭގެ ޓީމުގެ ހަމްޕު ފޮނުވާލި ދެ ހަމަލާއެއް ފުރަތަމަ ހާފުގައި ބަންގްލަދޭޝްގެ ގޯލްކީޕަރު މަތަކުރި އެވެ.

ދެ ވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ބަންގްލަދޭޝް އިން ވަނީ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ރާއްޖޭގެ ގޯލްކީޕަރު ހުސައިން ޝަރީފްގެ އަތުގައި ޖެހިފައި ނުކުތް ބޯޅަ އެއް ފަހަރުން ޖަހައި ގޯލަށް ވައްދާލީ އަހުމަދު ފަހީމް އެވެ.

ދެ ވަނަ ހާފުގެ ބާކީބައިގައި ބަންގްލަދޭޝަށް އުނދަގޫވީ އެޓީމުގެ މުހިއްމު ކުޅުންތެރިޔާ މުހައްމަދު ސޮހެލް ރަނާ އަށް ރެފްރީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުންނެވެ. ސޮހެލް އަށް ރަތް ކާޑު ދެއްކީ ރާއްޖޭގެ ހައިޝަމް ހަސަން އަށް ކުރި ފައުލަކަށެވެ.

ލީޑު ގެއްލުމުން ރާއްޖޭގެ ޓީމުން ވަނީ ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. އެކަމަކު ރަނގަޅު ހަމަލާއެއް ބަންގްލަދޭޝްގެ ގޯލަށް ފޮނުވައެއްނުލެވުނެވެ.

މެޗުގެ އިތުރު ވަގުތުގައި ރާއްޖޭގެ ޓީމުގެ ޑިފެންޑަރު އަހުނަފް ރަޝީދަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ. އަހުނަފް އަށް ރަތް ކާޑު ދެއްކީ ބަންގްލަދޭޝް އަށް ލިބުނު ހުސް ފުރުސަތެއްގައި އެޓީމުގެ ކުޅުންތެރިއަކަށް ފައުލް ކުރުމުންނެވެ.

ކޮލިފައިންގައި ބަންގްލަދޭޝް ވާދަކުރާނީ ލެބަނާންގެ އިތުރުން އޮސްޓްރޭލިއާ އަދި ފަލަސްތީނާ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *