ރޮނާލްޑޯ ރޭ ވެސް ދެ ގޯލު، ނެދަލެންޑްސް އަށް ދިރުން

ޔޫއެފާ ޔޫރޯ ކޮލިފައިންގައި ރޭ ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލުތަކާ އެކު ޕޯޗުގަލް އިން ބޮޒްނިއާ ބަލިކުރިއިރު ރަށުން ބޭރުގައި ނެދަލެންސް އިން ގްރީސް ބަލިކޮށް ކޮލިފައިވުމުގެ އުއްމީދު ދަމަހައްޓައިފި އެވެ.
ޕޯޗުގަލް އިން ރޭ ރަށުން ބޭރުގައި ބޮޒްނިއާގެ މައްޗަށް ކުރި ހޯދީ 5-0 އިންނެވެ. މެޗުގެ ހުރިހާ ގޯލެއް ވެސް ޖެހީ ފުރަތަމަ ހާފުގަ އެވެ.
ރޭގެ މެޗަށް ނުކުތްއިރު ވެސް ޕޯޗުގަލް އޮތީ އަންނަ އަހަރުގެ ޔޫރޯ އިން ޖާގަ ހޯދައިފަ އެވެ. ކޮލިފައިންގެ ފުރަތަމަ އަށް މެޗު މޮޅުވެ އެޓީމު ގްރޫޕުގެ އެއް ވަނައިގައި އޮތީ 24 ޕޮއިންޓާ އެކު އެވެ. ކޮލިފައިންގައި އަދި ދެ މެޗު އެޓީމަށް ބާކީ އެބައޮތެވެ.
ފުރަތަމަ 20 މިނެޓުތެރޭ ރޮނާލްޑޯ ދެ ގޯލު ޖެހި އެވެ. އެއް ގޯލު ޖެހީ ޕެނަލްޓީއަކުންނެވެ. ޕޯޗުގަލްގެ އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސް އާއި ޔާއޯ ކަންސޭލޯގެ އިތުރުން ޔާއޯ ފީލިކްސް އެވެ.
ރޭ ޖެހި ދެ ގޯލާ އެކު 38 އަހަރުގެ ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް 127 ގޯލު ޖަހައިފަ އެވެ. ކޮލިފައިންގައި ޕޯޗުގަލް އިން މޮޅު ކުޅުމެއް ދައްކަމުން އަންނައިރު އަށް މެޗުގައި 32 ގޯލު އެޓީމުން ވަނީ ޖަހައިފަ އެވެ. އޭގެތެރެއިން ރޮނާލްޑޯ ކުޅުނު ހަތް މެޗުގައި ނުވަ ގޯލު ޖެހި އެވެ.

ވެން ޑައިކްގެ ގޯލަށް ފަހު ނެދަލެންޑްސް ކުޅުންތެރިން އުފާފާޅުކުރަނީ
ޔޫރޯ ކޮލިފައިންގައި ގްރީސް ދަނޑުގައި 1-0 އިން މޮޅުވުމާ އެކު ނެދަލެންޑްސް އަށް ވަނީ އަމިއްލަ ބާރުގައި މުބާރާތަށް ކޮލިފައިވުމުގެ ފުރުސަތު ލިބިފަ އެވެ.
ނެދަލެންޑްސް ގްރޫޕުން ޔޫރޯގެ ސީދާ ޖާގައެއް ފުރަތަމަ ކަށަވަރުކުރީ ފްރާންސް އިންނެވެ. ދެ ވަނަ ޖާގަ އަށް ވާދަކުރަމުން އަންނަނީ ގްރީސް އާއި ނެދަލެންޑްސް އެވެ. ރޭގެ މެޗަށް ނުކުތްއިރު ދެ ވަނައިގައި އޮތީ ގްރީސް އެވެ. އެކަމަކު މޮޅާ އެކު ނެދަލެންޑްސް މިހާރު ވަނީ ދެ ވަނަ އަށް އަރައިފަ އެވެ.
މެޗުގައި ނެދަލެންޑްސްގެ ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ޖެހީ ކެޕްޓަން ވާޖިލް ވެން ޑައިކް އެވެ. އެއީ ނެދަލެންޑްސްގެ ޑެންޒެލް ޑަމްފްރިސް އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
ރެފްރީގެ ނިންމުންތަކާއި ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރުމުން ގްރީސްގެ ކޯޗު ގުސް ޕޮޔެޓް އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
އެ ގްރޫޕުގެ އެއް ވަނައިގައި އޮތް ފްރާންސަށް ލިބިފައިވަނީ 18 ޕޮއިންޓެވެ. ނެދަލެންޑްސް އާއި ގްރީސް އަށް 12 ޕޮއިންޓް ލިބިފައިވާއިރު ނެދަލެންޑްސް ކުރީގައި އޮތީ ހެޑް ޓު ހެޑް ރެކޯޑުންނެވެ.
ކޮލިފައިންގައި ގްރީސް އަށް ބާކީ އޮތީ އަމިއްލަ ދަނޑުގައި ފްރާންސާ ދެކޮޅަށް ކުޅޭ މެޗެވެ. ނެދަލެންޑްސް އަށް ބާކީ އޮތީ ރިޕަބްލިކް އޮފް އަޔަލެންޑާއި ޖިބްރާލްޓާއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ ދެ މެޗުން މޮޅުވެގެން ނެދަލެންޑްސް އަށް ޔޫރޯގެ ސީދާ ޖާގައެއް ލިބޭނެ އެވެ.
Advertisement


Leave a Reply