ރާއްޖެ އަށް ޕްރެޝަރެއް ނެތް، މިތިބީ މޮޅެއް ހޯދަން ތައްޔާރަށް: ސުޒޭން
ފީފާ ވޯލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަން ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ލެގްގެ މެޗުގައި މިއަދު ބަންގްލަދޭޝްގެ ދަނޑުގައި އެޓީމާ ދެކޮޅަށް ނުކުންނަން ޖެހުމަކީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމަށް ޕްރެޝަރެއް ނޫން ކަމަށާއި، އުއްމީދަކީ މާލޭގައި ކުޅުނު ފުރަތަމަ ލެގްގެ މެޗަށް ވުރެ މިއަދުގެ މެޗުގައި ކުޅުން ރަނގަޅުކޮށް ނަތީޖާ ނެރުން ކަމަށް ކޯޗު އަލީ ސުޒޭން ބުނެފި އެވެ.
ގަލޮޅު ދަނޑުގައި މިދިޔަ ހަފްތާ ބަންގްލަދޭޝް އިން ވަނީ 1-1 އިން ރާއްޖެއާ އެއްވަރުކޮށްފަ އެވެ. އެއީ މިދިޔަ 23 އަހަރުތެރޭ ބަންގްލަދޭޝް އިން ރާއްޖޭގެ ދަނޑުގައި ބަލިނުވެ ނިންމާލި ފުރަތަމަ ފަހަރެވެ. އެ މެޗަށް ފަހު ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތަށް ރިއާޔަތްކޮށް ގިނަ ބަޔަކު އައީ ފާޑުކިޔަމުންނެވެ.
ސުޒޭން ގަބޫލުކުރާ ގޮތުގައި މިއަހަރުގެ ކުރީކޮޅު އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ އަތުން ބަންގްލަދޭޝް 3-1 އިން މޮޅުވުމާ އެކު، އެ ނަތީޖާ ތަކުރާރުކުރަން ނުކުތުމަކީ ބަންގްލަދޭޝް އަށް ޕްރެޝަރެކެވެ.
“ރާއްޖެ އަކަށް ޕްރެޝަރެއް ނެތް އަދި ޓީމު އޮތީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ. އުއްމީދަކީ މާލޭގައި ކުޅުނު މެޗަށް ވުރެ ރަނގަޅު ކުޅުމެއް މި މެޗުގައި ދެއްކުން. އެންމެންނަށް ވެސް އެނގޭ ބަންގްލަދޭޝްގައި ކުޅުމަކީ ފަސޭހަ ކަމެއް ނޫންކަން. އެކަމަކު އަހަރެމެން މިތިބީ މޮޅުވާން ތައްޔާރަށް” ސުޒޭން ބުންޏެވެ.
މިއަދުގެ މެޗު ކުޅޭނީ ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެރީނާގަ އެވެ. ސުޒޭން ބުނީ އެއީ ރަނގަޅު ފެންވަރެއްގެ ދަނޑެއް ކަމަށާއި ރާއްޖޭން ބޭނުންވާ ގޭމް ކުޅެން އެ ދަނޑުގައި ފަސޭހަވާނެ ކަމަށެވެ.
“ކިންގްސް އެރީނާގެ ހާލަތަށް ބަލާއިރު ބަންގްލަދޭޝަށް ވުރެ ރާއްޖެ އަށް އެޑްވާންޓޭޖް އޮންނާނެ. އެއީ ބޯޅަ ބާއްވައިގެން ޕާސިން ގޭމެއް ކުޅެން މި ދަނޑު ފަސޭހަވާނެ. ގަލޮޅު ދަނޑަށް ވުރެ މި ދަނޑު ރަނގަޅު” ދަނޑާއި ގުޅޭގޮތުން ސުޒޭން ބުންޏެވެ.
ފުރަތަމަ ލެގްގެ މެޗުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ޓީމުގެ ކޯޗުންނާއި ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ވެސް އެކަން ފާހަގަކުރި އެވެ. ރާއްޖޭގެ ޓީމަށް ގޯލު ނުޖެހޭ ސަބަބު އަލީ އަޝްފާގް (ދަގަނޑޭ) އާ ގުޅުވައިގެން ސުޒޭނަށް ސުވާލު އަމާޒުވި އެވެ.
“އަޝްފާގްގެ ކޮލިޓީ އަކީ ރާއްޖެ އަށް ވަރަށް ބޭނުން. އެކަމަކު އަޝްފާގް ނުލާ ވެސް ޖެހޭނީ މެނޭޖްކުރަން” ދަގަނޑޭއާ ގުޅުވައިގެން ކުރި ސުވާލަށް ސުޒޭން ބުންޏެވެ.
މިއަދުގެ މެޗުން މޮޅުވާ ޓީމެއް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ނުކުންނާނީ އޮސްޓްރޭލިއާ އާއި ފަލަސްތީން އަދި ލެބަނާންއާ ދެކޮޅަށެވެ.
ބަންގްލަދޭޝް އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 4:45 ގަ އެވެ.
Advertisement
Leave a Reply