ފުރަތަމަ މެޗުން ލިބުނު އިތުބާރާ އެކު ބަންގްލަދޭޝް އަށް އޮތީ ޔަގީންކަން

Advertisement

ފުރަތަމަ މެޗުން ލިބުނު އިތުބާރާ އެކު ބަންގްލަދޭޝް އަށް އޮތީ ޔަގީންކަން

ފަހުމިނެޓް
މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް އަދި ކޯޗު ކަބްރޭރާ ވާހަކަދައްކަނީ

ވިހި އަހަރަށް ފަހު ބަންގްލަދޭޝް އިން ރާއްޖޭގެ ދަނޑުގައި ބަލިނުވެ ނިންމާލުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި، އެ މެޗަށް ފަހު މުޅި ބަންގްލަދޭޝް ޓީމު އޮތީ ވަރަށް ބޮޑު އިތުބާރެއްގައި ކަމަށް އެ ޓީމުގެ ކޯޗު ހާވިއޭ ކަބްރޭރާ ބުނެފި އެވެ.

ވޯލްޑް ކަޕާއި އޭޝިއަން ކަޕް ޖޮއިންޓް ކޮލިފިކޭޝަންގެ ދެ ވަނަ ލެގްގެ މެޗުގައި ބަންގްލަދޭޝް އިން އަމިއްލަ ދަނޑުގައި ރާއްޖެއާ ދެކޮޅަށް މިއަދު ނުކުންނާނެ އެވެ. މިދިޔަ ހަފްތާ ގަލޮޅު ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ބަންގްލަދޭޝް ނަތީޖާ ހަމަހަމަކުރީ ރާއްޖެ ކުރީގައި އޮއްވައި އިތުރު ވަގުތުގައި ޖެހި ގޯލުންނެވެ.

“ރާއްޖޭގައި ކުޅުނު ވަރުގަދަ މެޗަށް ފަހު ޑާކާ އަށް އައީ އިތުބާރާ އެކު. އެތައް އަހަރަކަށް ފަހު ރާއްޖޭގެ ދަނޑުގައި ބަލިނުވެ ސަލާމަތްވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު އިތުބާރެއް. މިފަހަރު އަމިއްލަ ސަޕޯޓަރުން ކުރިމަތީ ރާއްޖެ ބަލިކުރަން ބަންގްލަދޭޝް އޮތީ ތައްޔާރަށް” މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ކަބްރޭރާ ބުންޏެވެ.

ބަންގްލަދޭޝް، ރާއްޖޭގެ ދަނޑުގައި ބަލިނުވެ މިދިޔަ ހަފްތާ ސަލާމަތްވީ ގާތްގަނޑަކަށް 23 އަހަރު ފަހުންނެވެ. އޭގެކުރިން 2000 ވަނަ އަހަރު ރާއްޖޭގައި އޮތް ގޯލްޑެން ޖުބިލީ ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް އިން ރާއްޖެއާ އެއްވަރުކުރި އެވެ. އޭގެފަހުން، 2016، 2021 އަދި މިދިޔަ އަހަރު ކުޅުނު މެޗުން ބަންގްލަދޭޝް ރާއްޖެ އަތުން ބަލިވީ އެވެ.

“ޕްލޭއޮފް ދެ ލެގު ކުޅެން ޖެހޭ މެޗެއްގެ ނަތީޖާ ނެރެން އަމިއްލަ ދަނޑަށް ބަދަލުކުރެވުމުން ހިތްހަމަޖެހޭ. ބަންގްލަދޭޝްގެ ގޮތުގަ ވިސްނުންތެރިކަމާއި އިތުބާރާއެކު ކުޅެފި ނަމަ ރާއްޖެ މެޗު ކާމިޔާބު ކުރެވޭނެ” ސްޕެއިނަށް އުފަން ކޯޗު ބުންޏެވެ.

ކަބްރޭރާ ވަނީ މިއަހަރުގެ ކުރީކޮޅު އިންޑިއާގައި އޮތް ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް ގޮވައިގެން ނުކުމެ 3-1 އިން ރާއްޖެ ބަލިކޮށްފަ އެވެ.

އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް ރާއްޖެ އަތުން ބަންގްލަދޭޝް ބަލިވެފައެއްނުވެ އެވެ. ސާފް ޗެމްޕިއަންޝިޕްގައި ހޯދި މޮޅާއި ކޮލިފައިންގައި މިދިޔަ ހަފްތާ ކުޅުނު މެޗު އެއްވަރުކޮށް ކުރުމުގެ އިތުރުން ބަންގްލަދޭޝް އިން ވަނީ 2021 ވަނަ އަހަރު ސްރީ ލަންކާގައި އޮތް ފޯ ނޭޝަންސް ކަޕްގައި ރާއްޖެ ބަލިކޮށްފަ އެވެ.

މިދިޔަ ހަފްތާ ގަލޮޅު ދަނޑުގައި ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: އެފްއޭއެމް

މުހިއްމު މެޗަށް ނުކުންނައިރު ބަނގުރަލުގެ މައްސަލައިގައި ޓީމުން ސަސްޕެންޑް ކޮށްފައިވާ ބަންގްލަދޭޝްގެ މުހިއްމު ތިން ކުޅުންތެރިން މިއަދުގެ މެޗުގައި ވެސް ނުކުޅޭނެ އެވެ. އެއީ ގޯލްކީޕަރު އަނީސުރް ރަހްމާން ޒިކޯ އާއި ޓޯޕޫ ބަރްމަން އަދި ޝެއީޚް މޮރްސަލިން އެވެ.

ކަބްރޭރާ ބުނީ އެ ކުޅުންތެރިން ނުލައި ފުރަތަމަ ލެގްގެ މެޗުގައި ވެސް ޓީމު އެކަތިގަނޑަކަށް ވެގެން ކުރި މަސައްކަތް ފާހަގަކުރާ ކަމަށެވެ.

ބަންގްލަދޭޝްއިން ފުޓްބޯޅަ ކުރިއެރުވުމަށް ކުރާ މަސައްކަތުގައި މިއަދުގެ މެޗަކީ ފަހުގެ ތާރީހެއްގައި އެޓީމު ކުޅޭނެ އެންމެ މުހިއްމު މެޗެވެ.

“އަހަރެމެން ބޭނުންވަނީ އަހަރުގެ އެންމެ މުހިއްމު މެޗުން މޮޅުވެ ބަންގްލަދޭޝް ސަޕޯޓަރުން ފަހުރުވެރިކޮށްދޭން” ބަންގްލަދޭޝްއާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރަމުން އަންނަ ކޯޗު ބުންޏެވެ.

ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ބުނީ މިއަދުގެ މެޗަކީ ބަންގްލަދޭޝް އަށް ފައިނަލެއްގެ އިތުރުން ގައުމީ ޓީމު މި އަހަރު ކުޅޭ އެންމެ މުހިއްމު މެޗު ކަމަށެވެ.

“ރަނގަޅު ރިކަވަރީ އަކާއި ޓެކްޓިކަލް ސެޝަންތަކަށް ފަހު ގާތްގަނޑަކަށް ޓީމު އޮތީ ތައްޔާރައް. މި ނުކުންނަނީ ފައިނަލަކަށް. ކުރިން މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނަސް މި މެޗުގައި އެކަން ރަނގަޅު ކުރާނެކަމުގެ އުއްމީދު އެބައޮތް” ބަންގްލަދޭޝްގެ ޓީމާ ގުޅޭގޮތުން ޖަމާލް ބުންޏެވެ.

މެޗުން މޮޅުވާ ޓީމެއް ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި ވާދަކުރާނީ އޮސްޓްރޭލިއާ އާއި ލެބަނަން އަދި ފަލަސްތީން ހިމެނޭ ގްރޫޕުގަ އެވެ. މިއަދުގެ މެޗު އެއްވަރުވެއްޖެ ނަމަ ނަތީޖާ ނެރެން އިތުރު ވަގުތުގެ ދެ ހާފު ކުޅޭނެ އެވެ. އިތުރަށް ނަތީޖާ ނެރެން ޖެހިއްޖެ ނަމަ ޖަހާނީ ޕެނަލްޓީ އެވެ. އާ ގަވައިދުގެ ދަށުން ހޯމް އެންޑް އަވޭ ގޯލެއް ނުބަލާނެ އެވެ.

ބަންގްލަދޭޝްގެ ބަޝުންދަރާ ކިންގްސް އެރީނާގައި ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 4:45 ގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *