ސްޕެއިން ކޮލިފައިވީއިރު ހާލަންޑުގެ އުއްމީދުތައް ފަނޑުވަނީ

ސްޕެއިން ކޮލިފައިވީއިރު ހާލަންޑުގެ އުއްމީދުތައް ފަނޑުވަނީ

ފަހުމިނެޓް
ރޭ ސްޕެއިންއާ ދެކޮޅަށް ކުޅުނު މެޗުގައި ހާލަންޑް. ނޯވޭއާ ޔޫރޯ ކުޅެވޭނެ ކަމުގެ އުއްމީދު ހާލަންޑަށް ވަނީ ކުޑަވެފަ

އަންނަ އަހަރު ޖަރުމަނުގައި އޮންނަ ޔޫރޯ އަށް ސްޕެއިން ކޮލިފައިވީއިރު، ހުނަރުވެރި ފޯވާޑް އާލިން ބްރައުޓް ހާލަންޑަށް ނޯވޭއާ އެކު އެ މުބާރާތުގައި ކުޅެވޭނެ ކަމުގެ އުއްމީދު ކުޑަވެއްޖެ އެވެ.

ކޮލިފައިންގެ ގްރޫޕް އޭގައި ރޭ ސްޕެއިން ވަނީ ރަށުން ބޭރުގައި ނޯވޭ 1-0 އިން ބަލިކޮށްފަ އެވެ. އެ ނަތީޖާއާ އެކު ސްޕެއިން އާއި ސްކޮޓްލެންޑް ވަނީ އެ ގްރޫޕުން ޔޫރޯ އަށް ކޮލިފައިވެފަ އެވެ.

ޔޫރޯގެ ސީދާ ޖާގަތައް ލިބޭނީ 10 ގްރޫޕުން އެންމެ ކުރި ހޯދާ ދެ ޓީމަށެވެ. މުބާރާތް ބާއްވާ ގައުމުގެ ހައިސިއްޔަތުން ޖަރުމަނަށް ވަނީ މުބާރާތުން ފުރުސަތު ލިބިފަ އެވެ. ބާކީ ތިން ޖާގަ ކަށަވަރުވާނީ ޕްލޭއޮފް ކުޅެގެންނެވެ.

ސްޕެއިން އާއި ސްކޮޓްލެންޑަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ނޯވޭ 10 ޕޮއިންޓާ އެކު މިވަގުތު އޮތީ ތިން ވަނައިގަ އެވެ. ހަތަރު ވަނައިގައި އޮތް ޖޯޖިއާ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ފުލުގައި އޮތް ސައިޕްރަސް އަށް ޕޮއިންޓެއް ނުލިބެ އެވެ.

ރޭގެ މެޗުގައި ސްޕެއިންގެ ހަމައެކަނި ގޯލު ޖެހީ ގަވީ އެވެ. ގަވީ، 19، ވަނީ ސްޕެއިނަށް ކުޅުނު 25 މެޗުގައި ފަސް ލަނޑު ޖަހައިފަ އެވެ.

މެންޗެސްޓާ ސިޓީގައި ވިދުން ގަދަ ފޯވާޑް، ހާލަންޑަށް ނޯވޭއާ އެކު ޔޫރޯ އަށް ކޮލިފައިވާން ދެން އޮތީ ހަނި ފުރުސަތެކެވެ. އެންމެ ފުރަތަމަ އެޓީމުން ޖެހޭނީ އެ ގްރޫޕުގެ ތިން ވަނަ ކަށަވަރުކުރާށެވެ. މިވަގުތު ނޯވޭއާ އެކު އެ ޖާގަ އަށް ވާދަކުރަނީ ޖޯޖިއާ އެވެ. ނޯވޭ ދެން ޖެހޭނީ ގްރޫޕް ޖީ އިން ސާބިއާ އަށް ޔޫރޯގެ ސީދާ ޖާގައެއް ލިބޭތޯ ބަލަން ތިބޭށެވެ.

ސާބިއާގެ ނަތީޖާ އަށް ނޯވޭ އިންތިޒާރު ކުރަންޖެހެނީ ޔޫއެފާ ނޭޝަންސް ލީގު ބީގެ ނަތީޖާތައް އައިސްފައިވާ ގޮތުންނެވެ. ޔޫރޯގެ ފަހު ތިން ޖާގަ އަށް ކުޅޭ ޕްލޭއޮފަށް ޓީމުތައް ހޮވޭނީ ގްރޫޕް ތަކުގެ ތިން ވަނަ ޓީމުތަކާއި، ނޭޝަންސް ލީގުގައި ޓީމުތައް ރޭންކް ކުރެވިފައިވާ ގޮތަށް ބަލައިގެންނެވެ.

ލީގު ބީގައި ނޯވޭ އަށް ވުރެ ކުރީގައި އޮތީ ސާބިއާ އެވެ. ސާބިއާ ގްރޫޕް ޖީ އިން ކޮލިފައިވެ، ނޯވޭ އަށް ގްރޫޕް އޭގެ ތިން ވަނަ ލިބިއްޖެ ނަމަ އެޓީމަށް ޕްލޭއޮފްގެ ޖާގައެއް ލިބޭނެ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ތުރުކީ ވަނީ އަމިއްލަ ދަނޑުގައި ލެޓްވިއާ ބަލިކޮށް ޔޫރޯގެ ޖާގައެއް ހޯދައިފަ އެވެ. އެ ގްރޫޕުގައި ހިމެނޭ ވޭލްސް އިން ރޭ ވަނީ އަމިއްލަ ދަނޑުގައި ކްރޮއޭޝިއާ 1-2 އިން ބަލިކޮށް ކޮލިފައިންގެ އުއްމީދެއް ހޯދައިފަ އެވެ. ތުރުކީ 16 ޕޮއިންޓުގައި އޮތްއިރު ވޭލްސް އާއި ކްރޮއޭޝިއާ އަށް ލިބިފައިވަނީ 10 ޕޮއިންޓެވެ.

ޖަރުމަނާއި ސްޕެއިން، ތުރުކީ އަދި ސްކޮޓްލެންޑުގެ އިތުރުން މިހާތަނަށް ޔޫރޯ އަށް ކޮލިފައިވީ ބެލްޖިއަމް، ފްރާންސް އަދި ޕޯޗުގަލް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *