ގޯލްޑެން ފުޓްސަލް ޗެލެންޖް ޖެނުއަރީ މަހު، ފުރުސަތު ހުޅުވާލައިފި

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ގޯލްޑެން ފުޓްސަލް ޗެލެންޖް 2024 ވަނަ އަހަރުގެ މުބާރާތް އިއުލާންކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ފެށުމަށް މިހާރު ތާވަލްކޮށްފައިވަނީ އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހެވެ. ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން ބުނީ މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ އަދަދަށް ބަލައި ތާރީހަށް ބަދަލު އަތުވެދާނެ ކަމަށެވެ.
މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ އަންނަ މަހުގެ 10 ވަނަ ދުވަހެވެ. މުބާރާތުގައި ބައިވެރިވާން ބޭނުންވާ ރަށްތަކުން ގޯލްޑެން ފުޓްސަލް އެސޯސިއޭޝަންގެ ނަންބަރު 9994470 އަށް ގުޅައިގެން ކުރިއަށް ދިއުމަށް އެ އެސޯސިއޭޝަނުން އެދެ އެވެ.
ކޮންމެ ރަށަކުން ވެސް އެ ޓީމު ވާދަކުރާ މުބާރާތުގައި އެންމެ ފުރަތަމަ ކުޅެނީ އަތޮޅު ބުރެވެ. އޭގެފަހުން ޒޯން ބުރު ކުޅުމަށް ފަހު ދެން ކުޅޭނީ 16 ޓީމު ހިމެނޭ ނޮކްއައުޓް ބުރެވެ.
މިއަހަރުގެ މުބާރާތުގައި 102 ޓީމު ވާދަކުރިއިރު ޗެމްޕިއަންކަން ހޯދީ ލ. ގަމެވެ. އެޓީމު ފައިނަލުގައި މޮޅުވީ ގދ. ވާދޫއާ ވާދަކޮށެވެ.
މުބާރާތުގެ ތާރީހުގައި އެންމެ ކާމިޔާބީ ތިން ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ތ. ތިމަރަފުއްޓެވެ. ތިމަރަފުއްޓާއި ގަމުގެ އިތުރުން މުބާރާތް ކާމިޔާބުކުރީ މާލެ މާފަންނާއި ހެންވޭރުގެ އިތުރުން ބ. ހިތާދޫ އެވެ.
Advertisement


Leave a Reply