ބެލިންހަމް: ފުރަތަމަ 10 މެޗުން ވެސް ހުރިހާ ތަރިން ފަހަތަށް ޖައްސައިފި

Advertisement

ބެލިންހަމް: ފުރަތަމަ 10 މެޗުން ވެސް ހުރިހާ ތަރިން ފަހަތަށް ޖައްސައިފި

ފަހުމިނެޓް
ރެއާލްގެ ބެލިންހަމް. އެ ޓީމަށް ބަދަލުވެ އަންނަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުން

ހޫނު މޫސުމުގެ ޓްރާންސްފާ ބާޒާރުގައި އިނގިރޭސި ޒުވާން މިޑްފީލްޑަރު ޖޫން ބެލިންހަމް، 20، ބޮރޫޝިއާ ޑޯޓްމަންޑުން ރެއާލް މެޑްރިޑް ބަދަލުވުން ވެގެންދިޔައީ ގިނަ ބައެއްގެ ސަމާލުކަން ލިބުނު ކަމަކަށެވެ. ހާއްސަކޮށް 109 މިލިއަން ޑޮލަރުގެ އަގުބޮޑު ޓްރާންސްފާއަކާ އެކު ރެއާލަށް ބެލިންހަމް ބަދަލުވުމުން އޭނާއާ ކުރެވުނު އުއްމީދު ބޮޑުވި އެވެ. އެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް ބެލިންހަމް ނެގީ ކުޑަ ދުވަސްކޮޅެކެވެ. ސީޒަން ފެށިގެން މިހާތަނަށް ބެލިންހަމް ކުޅުނު 10 މެޗުގައި ފެނުނީ އާދަޔާހިލާފު މޮޅު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ރެއާލްގެ ތާރީހުގައި ގެނައި އަގުބޮޑު މަޝްހޫރު ތަރިން ބެލިންހަމް ވަނީ މިހާރުވެސް ފަހަތަށް ޖައްސާލައިފަ އެވެ.

ކަރީމް ބެންޒެމާ ރެއާލް ދޫކޮށްލުމާ އެކު އެ ޓީމުގައި ގޯލު ޖަހާނެ އެފެންވަރުގެ ފޯވާޑެއް ނެތުމުން ކްލަބުގެ ސަޕޯޓަރުން ކަންބޮޑުވި އެވެ. އެކަމަކު ބެލިންހަމް އަންނަނީ މެދުތެރެއަށް ކުޅެމުން ގިނަ ގޯލުތަކެއް ޖަހައި ބެންޒެމާ ނެތްތަން ވެސް ފޫބައްދަމުންނެވެ.

Advertisement

މިދިޔަ ސީޒަނުގައި ބެންޒެމާ ވަނީ ރެއާލަށް ކުޅުނު 43 މެޗުގައި 31 ގޯލު ޖަހައިފަ އެވެ. ބެލިންހަމް ވަނީ މިހާތަނަށް މި ސީޒަނުގައި ކުޅުނު 10 މެޗުގައި 10 ގޯލު ޖަހައިފަ އެވެ. ރެއާލްގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތްއިރު އެސިސްޓް ލިސްޓުގައި ވެސް ބެލިންހަމް އޮތީ ރެއާލްގެ އެއް ވަނައިގަ އެވެ.

ބެލިންހަމް ގޯލު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިންނާއި އެކު އުފާފާޅުކުރަނީ. ރެއާލްގައި ދައްކަމުން އަންނަނީ ތަފާތު މޮޅު ކުޅުމެއް

ބެލިންހަމް ދައްކަމުން އަންނަ މޮޅު ކުޅުމާ އެކު އޭނާ އަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަމަށް ބުނެ ކުރާ ބަހުސް ވަނީ ފެށިފަ އެވެ. މީގެކުރިން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނެލް މެސީއާ ގުޅޭގޮތުން ބަހުސްކުރި ގޮތަށް ބެލިންހަމް މިހާރު އޮތީ އެ ލިސްޓުގަ އެވެ.

“ވިނީޝިއުސް އާއި އެމްބާޕޭ އަދި ހާލަންޑުގެ ފަރާތުން ފެންނަ ހުނަރު ބެލިންހަމްގެ ކުޅުމަށް އެކަނި ބެލިޔަސް ފެނޭ. ބެލިންހަމް އެދަނީ ބެލޮންޑިއޯ ހޯދަން” ބެލިންހަމްއާ ގުޅޭގޮތުން ރެއާލް މެޑްރިޑްގެ ކުރީގެ ތަރި ގުޓީ ބުނެފައިވެ އެވެ.

ބެލިންހަމްއާ ބެލޮންޑިއޯ ގުޅުވައިގެން ވާހަކަދެއްކިޔަސް އެއީ އަދި މާދުރުގައިވާ ކަމެއްކަމަށް ތަޖުރިބާކާރުން ބުނެ އެވެ. މިފަހަރުގެ ބެލޮންޑިއޯ ލިސްޓުގެ ފޭވަރިޓަކީ ލިއޮނެލް މެސީ އެވެ. މެސީގެ ފަހަތުން ވިއްދާފައި ހުރީ އާލިން ބްރައުޓް ހާލަންޑް އެވެ.

މިފަހަރުގެ ބެލޮންޑިއޯ ނުލިބުނަސް އަންނަ އަހަރު އެ އެވޯޑް ހޯދުމުގެ ފުރުސަތު ބެލިންހަމް އަށް އެބައޮތް ކަމަށް ފުޓްބޯޅައިގެ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. މިހާރުގެ ފޯމު ހިފަހައްޓައި އަންނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ހާސިލްކޮށްފި ނަމަ ބެލިންހަމް ވާނީ އެ އެވޯޑް އެންމެ ޒުވާން އުމުރުގައި ހޯދާ ކުޅުންތެރިޔާ އަށެވެ. މީގެކުރިން ބެލޮންޑިއޯ އެންމެ ހަގު އުމުރުގައި ހޯދީ 21 އަހަރުގައި އެވޯޑް ހާސިލްކުރީ ބްރެޒިލްގެ ފޯވާޑް ރޮނާލްޑޯ އެވެ. އެ އެވޯޑް ރޮނާލްޑޯ ހޯދީ 1997 ވަނަ އަހަރު އެވެ.

މި ސީޒަނުގައި ބެލިންހަމް ޖެހި 10 ގޯލުގެ ތެރެއިން އަށް ގޯލު ޖެހީ ސްޕެނިޝް ލީގުގަ އެވެ. ލީގުގެ ފުރަތަމަ ހަތަރު މެޗުގައި ބެލިންހަމް ފަސް ގޯލު ޖެހި އެވެ. ސްޕެނިޝް ލީގުގެ ލަނޑު ލިސްޓުގެ އެއް ވަނައިގައި އޮތީ ވެސް ބެލިންހަމް އެވެ.

ކުރިން ރެއާލަށް ކުޅުނު މަޝްހޫރު ތަރިން. އެ ހުރިހާ ކުޅުންތެރިންނަށް ވުރެ ބެލިންހަމްގެ ރެކޯޑް ރަނގަޅު

ރެއާލަށް ކުޅުނު ފުރަތަމަ 10 މެޗުގައި ބެލިންހަމް ވަނީ 10 ގޯލު ޖަހައި ތިން ގޯލު ޖަހަން އެހީތެރިވެދީފި އެވެ. ދެން މި ބަލާލަނީ ރެއާލްގެ ތާރީހުގައި ގެނައި މަޝްހޫރު ކުޅުންތެރިންގެ ފުރަތަމަ 10 މެޗުގެ ރެކޯޑަށެވެ.

ރައުލް

ރެއާލަށް ބަދަލުވި އަހަރު: 1994

ފުރަތަމަ 10 މެޗުގައި: 10 ގޯލު 1 އެސިސްޓް

ކަރީމް ބެންޒެމާ

ރެއާލަށް ބަދަލުވި އަހަރު: 2009

ފުރަތަމަ 10 މެޗުގައި: 3 ގޯލު 2 އެސިސްޓް

ކްރިސްޓިއާނޯ ރޮނާލްޑޯ

ރެއާލަށް ބަދަލުވި އަހަރު: 2009

ފުރަތަމަ 10 މެޗުގައި: 10 ގޯލު 2 އެސިސްޓް

ޒިނެދިން ޒިދާން

ރެއާލަށް ބަދަލުވި އަހަރު: 2001

ފުރަތަމަ 10 މެޗުގައި: 4 ގޯލު 2 އެސިސްޓް

ރޮނާލްޑޯ

ރެއާލަށް ބަދަލުވި އަހަރު: 2002

ފުރަތަމަ 10 މެޗުގައި: 3 ގޯލު 1 އެސިސްޓް

ލޫކަ މޮޑްރިޗް

ރެއާލަށް ބަދަލުވި އަހަރު: 2012

ފުރަތަމަ 10 މެޗުގައި: 1 ގޯލު 0 އެސިސްޓް

ކަކާ

ރެއާލަށް ބަދަލުވި އަހަރު: 2009

ފުރަތަމަ 10 މެޗުގައި: 3 ގޯލު 4 އެސިސްޓް

ޓޮނީ ކްރޫސް

ރެއާލަށް ބަދަލުވި އަހަރު: 2014

ފުރަތަމަ 10 މެޗުގައި: 0 ގޯލު 3 އެސިސްޓް

ޑޭވިޑް ބެކަމް

ރެއާލަށް ބަދަލުވި އަހަރު: 2003

ފުރަތަމަ 10 މެޗުގައި: 3 ގޯލު 6 އެސިސްޓް

ދުނިޔޭގެ އެންމެ މޮޅު އަދި އެންމެ ހައިބަތު ބޮޑު ކްލަބްގައި ހުރެ މަޝްހޫރު ހުރިހާ ތަރިން ފަހަތަށް ޖައްސާލުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ އާދައިގެ ގޮތަކަށް ދެކެވޭނެ ވާހަކައެއް ވެސް ނޫނެވެ. ބެލިންހަމް ރެއާލްގައި ދައްކަމުންދާ ކުޅުމަށް ތައުރީފް އޮހެނީ އެހެންވެގެންނެވެ. ކޮންމެއަކަސް އުމުރުން އެންމެ 20 އަހަރުގައި ބެލިންހަމް އަރާ އެހުރީ އެންމެ އުހުގަ އެވެ. އެ ހިސާބުގައި ހިފަހައްޓައިފި ނަމަ ބެލިންހަމް ވެގެންދާނީ ފުޓްބޯޅައިގައި ހަނދާނުން ނުފިލާނެ ނަމަކަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *