ގާފަރު، ދިއްގަރު އަދި ކުޑަހުވަދޫ އިން ޒޯން ޗެމްޕިއަންކަން ހޯދައިފި

Advertisement

ގާފަރު، ދިއްގަރު އަދި ކުޑަހުވަދޫ އިން ޒޯން ޗެމްޕިއަންކަން ހޯދައިފި

ފަހުމިނެޓް
ތިމަރަފުށި ބަލިކޮށް ޒޯން ފަހެއްގެ ޗެމްޕިއަންކަން ހޯދި ކުޑަހުވަދޫ. ފޮޓޯ: އިމޭޖަސް.އެމްވީ

ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން ޗެމްޕިއަންކަން ކ. ގާފަރާއި މ. ދިއްގަރު އަދި ދ. ކުޑަހުވަދޫ އިން ހޯދައިފި އެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ޓާފްގައި ރޭ ވަނީ ބާކީ ތިން ޒޯންގެ ފައިނަލް ކުޅެފަ އެވެ.

ޒޯން ތިނެއްގެ ޗެމްޕިއަންކަން ގާފަރު ހޯދީ ފައިނަލުގައި އއ. ބޮޑުފޮޅުދޫ 0-1 އިން ބަލިކޮށްގެންނެވެ. މެޗުގައި ގާފަރުގެ ހަމައެކަނި ގޯލު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ސާމިން މުހައްމަދު ނަސީރު އެވެ.

ޒޯން ތިނެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ލިބުނީ ގާފަރު ޓީމުގެ ނާއިހު މުފީދު އަށެވެ. ފައިނަލް މެޗާއި ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ލިބުނީ ގާފަރުގެ އަލީ މާއިސް (މައްޓު) އަށެވެ.

މާމިގިލި ބަލިކޮށް ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ހޯދި ދިއްގަރު ޓީމް. ފޮޓޯ: އިމޭޖަސް.އެމްވީ

ޒޯން ހަތަރެއްގެ ޗެމްޕިއަންކަން ދިއްގަރު ޓީމުން ހޯދީ ފައިނަލުގައި އދ. މާމިގިލި ބަލިކޮށްގެންނެވެ. މި ދެޓީމުގެ މެޗު ނިމުނުއިރު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ދިއްގަރު ކުރި ހޯދީ 5-6 އިންނެވެ. މި ދެޓީމުން ވަނީ އަތޮޅު ޗެމްޕިއަންކަން ހޯދާފަ އެވެ.

މެޗުގައި ލީޑު ނެގީ ދިއްގަރުންނެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ނޫހު މަސްއޫދު އެވެ. އެކަމަކު ނޫހު އަތުން ބައިކޮޅަށް ވަން ގޯލާ އެކު މާމިގިލިން ނަތީޖާ ހަމަހަމަކުރި އެވެ.

ޕެނަލްޓީގައި ދިއްގަރު ޓީމުން ވަނީ ހަ ޕެނަލްޓީގެ ތެރެއިން ފަސް ޕެނަލްޓީ ވައްދާލާފަ އެވެ. މާމިގިލީގެ ހަ ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ކާމިޔާބެއް ނުވި އެވެ.

ޒޯން ހަތަރެއްގެ އެންމެ ގިނަ ގޯލު ކުޅުންތެރިއަކީ އަތޮޅު ބުރުގައި ވެސް އެ މަގާމް ހޯދީ މާމިގިލި ޓީމުގެ ހިސާމް ސަލީމް (ކޮކީ) އެވެ. ޒޯންގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދިއްގަރު ޓީމުގެ މުހައްމަދު އަލީ އެވެ.

ޒޯން ތިނެއްގެ ޗެމްޕިއަންކަން ހޯދި ގާފަރު ޓީމުން ތަށި އުފުލާލަނީ. ފޮޓޯ: އިމޭޖަސް.އެމްވީ

ރޭ އެންމެ ފަހުން ކުޅުނީ ޒޯން ފަހެއްގެ ފައިނަލެވެ. އެންމެ ފަހުގެ ޗެމްޕިއަން ތިމަރަފުއްޓާ ވާދަކޮށް ކުޑަހުވަދޫ ޗެމްޕިއަންކަން ހޯދީ 2-1 އިން މޮޅުވެގެންނެވެ.

މި ދެޓީމު މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށް ކުރި ހޯދީ ތިމަރަފުއްޓެވެ. އަދި މިއަހަރުގެ ޒޯން ބުރުގެ ގްރޫޕް ސްޓޭޖުގައި ވެސް ތިމަރަފުށި ވަނީ ކުޑަހުވަދޫ ބަލިކޮށްފަ އެވެ. އެކަމަކު ރޭ ކުޑަހުވަދޫ އިން ވަނީ މޮޅު ކުޅުމެއް ދައްކައި ޗެމްޕިއަންކަން ހޯދާފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖެހީ ތިމަރަފުށިންނެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އިބްރާހީމް ހަމްދާން އެވެ. އެކަމަކު ކުޑަހުވަދޫ އިން ހިތްވަރާ އެކު ކުޅެ ނަތީޖާ އަނބުރާލާފަ އެވެ. މެޗުގައި އެޓީމުގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ ހާރޫން އިބްރާހީމް އެވެ. ހާރޫން ވަނީ ކޮންމެ ހާފެއްގައި ގޯލެއް ޖަހައިފަ އެވެ.

ޒޯން ފަހެއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ތިމަރަފުށީގެ ހަމްދާން ހޮވުނުއިރު އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުޑަހުވަދޫގެ ޖުމައިލް ޖަމީލް (ޖުމްބެ) އެވެ.

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ގަދަ 16 ގެ މެޗުތައް މާދަމާ ރޭ ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މާދަމާ ރޭ ކުޅޭ 8 މެޗުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މެޗަކީ މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި ގާފަރާއި ތިމަރަފުށި ވާދަކުރާ މެޗެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *