އިނގުރައިދޫ އާއި ފުވައްމުލަކު ދަނޑިމަގު ޒޯން ޗެމްޕިއަންކަން ހޯދައިފި
ސޮނީ ސްޕޯޓްސް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ ޒޯން ޗެމްޕިއަންކަން ރ. އިނގުރައިދޫ އާއި ފުވައްމުލަކު ދަނޑިމަގު ޓީމުން ހޯދައިފި އެވެ.
ޒޯން ދޭއްގެ ޗެމްޕިއަންކަން އިނގުރައިދޫ ހޯދީ ފައިނަލުގެ ދެ ލެގުގެ އެގްރިގޭޓުން ބ. އޭދަފުށި 5-1 އިން ބަލިކޮށްގެންނެވެ. މި ދެޓީމު ކުޅުނު ޒޯން ފުރަތަމަ ލެގްގެ މެޗު އިނގުރައިދޫ ކާމިޔާބުކުރީ 3-1 އިންނެވެ. މިރޭ ކުޅުނު ދެވަނަ ލެގްގެ މެޗު އިނގުރައިދޫ އިން ކާމިޔާބުކުރީ 2-0 އިންނެވެ.
އިނގުރައިދޫ އާއި އޭދަފުށި ޒޯން ބުރަށް ނުކުތްއިރު ވެސް ގަދަ 16 ގެ ޖާގަ ވަނީ ޔަގީންވެފަ އެވެ. ދެ ލެގުގައި އޭދަފުށި ޓީމުން ކުޅުނީ މުހިއްމު ބައެއް ކުޅުންތެރިން ނުލަ އެވެ.
މިރޭ އޭދަފުށި ކޮޅަށް އިނގުރައިދޫ އިން ވަނީ ކޮންމެ ހާފެއްގައި ގޯލެއް ޖަހާފަ އެވެ. ފުރަތަމަ ހާފުގައި އެޓީމުގެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު މަމްދޫހު އެވެ. ދެވަނަ ލަނޑު ދެވަނަ ހާފުގެ ފަހު މިނެޓުގައި ޖެހީ އަހުމަދު އައިހަމް އެވެ. އައިހަމް މި ގޯލު ޖެހީ އޭދަފުށީގެ ގޯލްކީޕަރު އަބްދުﷲ ނާސިހު ކުރިއަށް އަރާ ހުރި ވަގުތެއްގައި ލިބުނު ބޯޅައެއްގަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އިނގުރައިދޫ ޓީމުގެ މަމްދޫހު އެވެ. ޒޯން ދޭއްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އާއި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އައިހަމް އެވެ.
ޒޯން ހަތެއްގެ ޗެމްޕިއަންކަން ދަނޑިމަގު ޓީމުން ކަށަވަރުކުރީ ސ. ފޭދޫގެ މައްޗަށް 7-4 އިން ކުރި ހޯދައިގެންނެވެ. މި ދެޓީމުގެ ފުރަތަމަ ލެގްގެ މެޗު ދަނޑިމަގު ޓީމުން ކާމިޔާބުކުރީ 3-1 އިންނެވެ. ދެވަނަ ލެގްގައި މިރޭ އެޓީމު ވަނީ 4-3 އިން މޮޅުވެފަ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ޒޯން ބުރުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަދި ޒޯން ހަތެއްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފުވައްމުލަކު ޓީމުގެ މުހައްމަދު ސާދު ނިޒާރު އެވެ.
ގަދަ 16 ގެ ދެ މެޗުގައި ވާދަކުރާނީ މި ދެ ޒޯނުގެ ޓީމުތަކެވެ. އިނގުރައިދޫ އިން ފޭދޫއާ ދެކޮޅަށް ނުކުންނައިރު ދަނޑިމަގު ކުޅޭނީ އޭދަފުއްޓާ އެވެ.
Advertisement
Leave a Reply