ގަން، ވާދޫ، މާމިގިލި، ބޮޑުފޮޅުދޫ އަދި ކުރެންދޫ އިން އަތޮޅު ޗެމްޕިއަންކަން ހޯދައިފި

Advertisement

ގަން، ވާދޫ، މާމިގިލި، ބޮޑުފޮޅުދޫ އަދި ކުރެންދޫ އިން އަތޮޅު ޗެމްޕިއަންކަން ހޯދައިފި

ފަހުމިނެޓް
ލ. އަތޮޅުގެ ޗެމްޕިއަންކަން ގަން ޓީމު އުފުލާލަނީ. ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ އަތޮޅު ޗެމްޕިއަންކަން ލ. ގަމާއި، ގދ. ވާދޫ، އދ. މާމިގިލި، އއ. ބޮޑުފޮޅުދޫ އާއި ޅ. ކުރެންދޫ އިން ހޯދައިފި އެވެ.

ގަން ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލުގައި ލ. އިސްދޫ 4-0 އިން ބަލިކޮށްގެންނެވެ. މެޗުގައި ގަމުގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ ކެޕްޓަން، ހުސައިން ޝަރީފް (އޮންލީ) އެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ހުސައިން އަޒުމީ އާއި އަލީ ޝާމިސް (ތޮއްޕޭ) އެވެ.

Advertisement

ލ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ އިސްދޫ ޓީމުގެ އަލީ ހުމޭޒު އެވެ. އެންމެ މޮޅު ކުޅުންތެރިއަކަށް ގޮވުނީ ގަން ޓީމުގެ ތޮއްޕޭ އެވެ.

ގދ. ވާދޫ އިން އެ އަތޮޅު ޗެމްޕިއަންކަން ދިފާއުކުރީ ކުރީ ރޭ ކުޅުނު ފައިނަލުގައި ގައްދޫ އަތުން 2-0 އިން މޮޅުވެގެންނެވެ. މަޝްހޫރު ފުޓްސަލް ތަރި އަޔާޒް އަހުމަދު ނިސްބަތްވާ ވާދޫގެ ގޯލުތައް ރޭ ކާމިޔާބުކޮށްދިނީ އިބްރާހީމް ޝައުފް މުހައްމަދު އާއި މުސައްނިފް މުހައްމަދު އެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާ އާއި އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ވާދޫ ޓީމުގެ މުހައްމަދު އިޔާދު އަލީ އެވެ.

އއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި އއ. ބޮޑުފޮޅުދޫ ޓީމު ތައްޓާ އެކު. ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

މާމިގިލި އދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި އދ. މަހިބަދޫ 3-2 އިން ބަލިކޮށްގެންނެވެ. މެޗުގައި މާމިގިލީގެ ގޯލުތައް ކާމިޔާބުކޮށްދިނީ ހިސާމް ސަލީމް (ކޮކީ) އާއި އަހުމަދު ނިޒާމް (ނިޒާމްބެ) އަދި އަހުމަދު މަމްދޫހު އެވެ. މަހިބަދޫގެ ގޯލުތައް ޖެހީ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި ގާސިމް ސައްމާމް (ސައްމެ) އެވެ.

އދ. އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމް މަހިބަދޫގެ ބިޗަޑް ހޯދިއިރު އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ މާމިގިލި ޓީމުގެ ހިސާމް ސަލީމް އެވެ.

އއ. ފައިނަލުގައި މަތިވެރިއާ ވާދަކޮށް ބޮޑުފޮޅުދޫ މޮޅުވީ 2-5 އިންނެވެ. މެޗުގައި ބޮޑުފޮޅުދޫގެ ގޯލުތައް ކާމިޔާބުކޮށްދިނީ ރުޚުޝާން ޖަމީލްގެ އިތުރުން އަހުމަދު ރިޔުޝާން އާއި ޖާދުﷲ އަހުމަދު، އަލީ ޝާނީޒް އަދި ހުސައިން ނަވާޒް އެވެ. މަތިވެރި ޓީމުގެ ގޯލުތައް ޖަހައިދިނީ މުހައްމަދު އިމްރާން އާއި އަލީ އަލްސަން އެވެ.

އއ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ހޮވުނީ މަތިވެރި ޓީމުގެ އަލީ އަލްސަން އެވެ. އެ އަތޮޅުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މޮޅު ކުޅުމެއް ދެއްކި ބޮޑުފޮޅުދޫގެ ރިޔުޝާން އެވެ.

ގދ ގެ ޗެމްޕިއަންކަން ދިފާއުކުރި ވާދޫ ޓީމް. ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ޅ. ކުރެންދޫ އިން އަތޮޅު ޗެމްޕިއަންކަން ހޯދީ ދެ މެޗުގެ އެގްރިގޭޓުން ޅ. ހިންނަވަރު ބަލިކޮށްގެންނެވެ. މި ދެޓީމުގެ ފުރަތަމަ ލެގްގެ މެޗު 1-0 އިން ކާމިޔާބުކުރީ ކުރެންދޫ އެވެ. ރޭ މި ދެޓީމު ކުޅުނު ދެވަނަ ލެގްގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި ކުރެންދޫގެ ގޯލު އަހުމަދު އިކްރާމް ޖެހިއިރު ހިންނަވަރުގެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އަބްދުﷲ (ލިލީ) އެވެ.

ޅ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ކުރެންދޫ އަށް ނިސްބަތްވާ އަބްދުލްވާހިދު އިބްރާހީމް (ވާޑު) އެވެ. އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ތިން ކުޅުންތެރިންނަށް ލިބުނެވެ. އެއީ ދެ މެޗުގައި ގޯލު ޖެހި ތިން ކުޅުންތެރިންނެވެ.

ހިންނަވަރު ބަލިކޮށް ޅ. ޗެމްޕިއަންކަން ހޯދި ކުރެންދޫ ޓީމް. ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މާލެ ސަރަހައްދުގެ މެޗުތައް ރޭ ވަނީ ފަށައިފަ އެވެ. މާލެ ޒޯނުގައި ރޭ ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. ހުޅުމާލެ އާއި ވިލިމާލެ ވާދަކުރި މެޗު 3-3 އިން އެއްވަރުވިއިރު މާފަންނާއި މަންޗަންގޯޅި ވާދަކުރި މެޗު އެއްވަރުވީ 2-2 އިންނެވެ.

ގޯލްޑެން ފުޓްސަލްގައި މިއަދު ވެސް ފޯރިގަދަ ހަ ފައިނަލް ކުޅޭނެ އެވެ. މިއަދު ހަވީރު 4 ޖަހާއިރު ކުޅޭ ފައިނަލުގައި ކުޅޭނީ ރ. އަތޮޅު އިނގުރައިދޫ އާއި އެ އަތޮޅު ދުވާފަރެވެ. މިރޭ 8 ޖަހާއިރު ކުޅޭނީ ބ. އަތޮޅު ފައިނަލާއި މ. އަތޮޅު ފައިނަލެވެ. ބ. އަތޮޅު ފައިނަލުގައި އޭދަފުއްޓާއި ފެހެންދޫ ވާދަކުރާއިރު މ. އަތޮޅު ފައިނަލުގައި ކުޅޭނީ ނާލާފުއްޓާއި ދިއްގަރެވެ.

މިރޭ 9 ޖަހާއިރު ކުޅޭނީ ދ. އަތޮޅު ކުޑަހުވަދޫ އާއި މާއެނބޫދޫ ވާދަކުރާ ފައިނަލާއި ސ. ފޭދޫ އާއި ސ. މަރަދޫފޭދޫ ވާދަކުރާ ފައިނަލެވެ.

10 ޖަހާއިރު ކުޅޭނީ ކ. އަތޮޅުގެ ފައިނަލެވެ. މި ފައިނަލުގައި ވާދަކުރާނީ ގާފަރާއި ދިއްފުއްޓެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *