އެންމެ މޮޅު ތިމަރަފުށި ބަލިކޮށް ކިނބިދޫ އިން އަތޮޅު ޗެމްޕިއަންކަން ހޯދައިފި

Advertisement

އެންމެ މޮޅު ތިމަރަފުށި ބަލިކޮށް ކިނބިދޫ އިން އަތޮޅު ޗެމްޕިއަންކަން ހޯދައިފި

ފަހުމިނެޓް
ޗެމްޕިއަންކަން ހޯދި ކިނބިދޫ ޓީމު ތައްޓާ އެކު. ފޮޓޯ: ގޯލްޑެން ފުޓްސަލް އެސޯސިއޭޝަން

ރާއްޖޭގެ ފުޓްސަލްގައި އެންމެ މޮޅު ރަށް ކަމަށްވާ، ތ. ތިމަރަފުށި ބަލިކޮށް ގޯލްޑެން ފުޓްސަލް ޗެލެންޖުގެ އަތޮޅު ޗެމްޕިއަންކަން އެ އަތޮޅު ކިނބިދޫ އިން ހޯދައިފި އެވެ.

ތިމަރަފުއްޓަކީ ރާއްޖޭގެ ފުޓްސަލްގައި ހުސް ތަރިން ހިމެނޭ ޓީމެކެވެ. ގޯލްޑެން ފުޓްސަލްގެ އެންމެ ފަހުގެ ދެ މުބާރާތް ކާމިޔާބު ކުރިއިރު މުބާރާތުގެ ތަށި ތިން ފަހަރު އެޓީމުން ވަނީ އުފުލާލާފަ އެވެ. ގޯލްޑެން ފުޓްސަލްގެ އެންމެ ކާމިޔާބު ޓީމަކީ ވެސް ތިމަރަފުއްޓެވެ. އެކަމަކު މިފަހަރުގެ މުބާރާތުގެ، ތ. އަތޮޅު ފައިނަލުގައި އެޓީމު ސިއްސުވާލުމަށް ފަހު ކިނބިދޫ އިން ވަނީ 3-2 އިން މޮޅުވެ ޗެމްޕިއަންކަން ހޯދާފަ އެވެ.

Advertisement

މުބާރާތުގައި ކިނބިދޫ އިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އަތޮޅު ފައިނަލުން ކިނބިދޫ ޖާގަ ހޯދީ ސެމީ ފައިނަލުގައި ތ. އޮމަދޫ ފަހަތުން އަރައި ބަލިކޮށްގެންނެވެ. ރެހެންދި ޓާފް ފުޓްސަލް ދަނޑުގައި ރޭ ކުޅުނު އަތޮޅު ފައިނަލުގައި ތިމަރަފުއްޓަށް އެންމެ ތަންފުކެއްވެސް ކިނބިދޫ އިން ދުލެއް ނުދިނެވެ. އެޓީމުން ތިމަރަފުށި ބަލިކުރީ އިތުބާރާ އެކު މޮޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ވެސް ތަނަވަސްކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. ފުރަތަމަ ގޯލު ޖެހީ ކިނބިދޫ ޓީމުގެ އަލީ ފަލާހް އެވެ. އޭގެ އިރުކޮޅެއް ފަހުން ތިމަރަފުށީގެ އަލީ ޝިފާއު (ރޮނާ) ވަނީ މޮޅު ގޯލަކުން ނަތީޖާ ހަމަހަމަކޮށްފަ އެވެ.

ކިނބިދޫ އިން ނަތީޖާ އަނބުރާލީ ދެވަނަ ހާފުގަ އެވެ. އެޓީމުގެ ގޯލުތައް ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޝާފިއު އާއި އަހުމަދު ހަމްދާން އެވެ. ތިމަރަފުށީގެ ފަހު ގޯލު މެޗުގެ ފަހު މިނެޓުގައި ޖެހީ އިބްރާހީމް ސިނާހް (ސިނާ) އެވެ.

ތ. އަތޮޅު ބުރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ތިމަރަފުށި ޓީމުގެ އިބްރާހީމް ހަމްދާން އެވެ.

ރޭގެ ފައިނަލް މެޗު ބެލުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް ގޮސްފަ އެވެ. ހާއްސަކޮށް ޗެމްޕިއަންކަން ހޯދި ކިނބިދޫގެ ސަޕޯޓަރުންގެ ފަރާތުން ހޫނު ތަރުހީބެއް އެޓީމަށް ލިބުނެވެ. އަދި ޗެންޕިއަންކަން ލިބުމުން ސަޕޯޓަރުންނާއި އެކު ކިނބިދޫ ޓީމުގެ ކުޅުންތެރިން ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ. މިއީ ތިމަރަފުށި ނޫން ޓީމަކުން ތ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ކިނބިދޫ އާއި ތިމަރަފުށި ދެން ވާދަކުރާނީ ޒޯން ބުރުގަ އެވެ. ތ. އަތޮޅުގެ ދެޓީމުގެ އިތުރުން އެ ޒޯނުގައި ކުޅޭނީ ދ އަތޮޅާއި ފ އަތޮޅުގެ ޗެމްޕިއަން ޓީމެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *