އުތީމު، ނައިވާދޫ އަދި ފޯކައިދޫ އިން އަތޮޅު ޗެމްޕިއަންކަން ހޯދައިފި

ގޯލްޑެން ފުޓްސަލް ޗެލެންޖުގެ އުތުރުގެ ތިން އަތޮޅުގެ ޗެމްޕިއަންކަން ހއ. އުތީމާއި ހދ. ނައިވާދޫ އަދި ށ. ފޯކައިދޫ ހޯދައިފި އެވެ.
ރޭ ކުޅުނު ހއ. އަތޮޅުގެ ފައިނަލުގައި އުތީމު މޮޅުވީ 2-1 އިން ފިއްލަދޫ ބަލިކޮށްގެންނެވެ. ނައިވާދޫ އިން ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދީ ނޭކުރެންދޫ އަތުން 1-0 އިން މޮޅުވެގެންނެވެ. ށ. އަތޮޅުގެ ޗެމްޕިއަންކަން ފޯކައިދޫ އިން ހޯދީ ޕެނަލްޓީ ޖަހައިގެން 4-3 އިން ކަނޑިތީމު ބަލިކޮށްގެންނެވެ. ށ ފައިނަލުގެ ފުރިހަމަ ވަގުތު ހަމަވީ ދެޓީމު 2-2 އިން އެއްވަރުވެގެންނެވެ.
މިއީ އުތީމުން ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. ނައިވާދޫ އަކީ ހދ. އަތޮޅުން މި މުބާރާތުގައި އެންމެ ރެކޯޑް ރަނގަޅު ޓީމެވެ. އެޓީމުން މިހާރު ވަނީ އަތޮޅު ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފަ އެވެ. ފައިނަލުގައި ފޯކައިދޫ މޮޅުވިއިރު އެ އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ކަނޑިތީމު އެވެ.
އުތީމުން ފިއްލަދޫ ބަލިކުރީ ފަހަތުން އަރައި ދެ ގޯލު ޖަހައިގެންނެވެ. މެޗުގައި އުތީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ރިޝްވާން އިބްރާހީމް ރަޝީދު އާއި އަހުމަދު އައިހަމް އެވެ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ފިއްލަދޫގެ މުހައްމަދު އުސާމް ހޯދިއިރު އެންމެ ގިނަ ގޯލު ޖެހީ ވަށަފަރުގެ ސާޖިދު ރަޝީދު އެވެ. ވަށަފަރު މުބާރާތުން ކެޓީ ސެމީ ފައިނަލުގަ އެވެ.
ނައިވާދޫން އިން ޗެމްޕިއަންކަން ކަށަވަރުކުރީ ގައުމީ ފުޓްސަލް ޓީމުގެ މުހިއްމު ކުޅުންތެރިޔާ އަބްދުﷲ ޝާފިއު (ޝާއްޕެ) ޖެހި ގޯލުންނެވެ. ހދ. އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ އިތުރުން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ޝާއްޕެ އެވެ.
ށ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ކަނޑިތީމު ޓީމުގެ އިބްރާހީމް ނަދާދު އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބ. އަތޮޅު ބުރުގައި އޭދަފުށި ވަނީ 8-0 އިން ކެންދޫ ބަލިކޮށްފަ އެވެ. އެ އަތޮޅުގެ އަނެއް މެޗުގައި ތުޅާދޫއާ ވާދަކޮށް ފެހެންދޫ ވަނީ 3-2 އިން މޮޅުވެފަ އެވެ. ބ. އަތޮޅުން ފައިނަލަށް ދާ ޓީމުތައް އެނގޭނީ މާދަމާ ރޭ ކުޅޭ ގްރޫޕުގެ ފަހު މެޗުތަކަށް ފަހު އެވެ.
ގޯލްޑެން ފުޓްސަލްގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. އޭގެތެރޭގައި ތ. އަތޮޅުގެ ސެމީ ފައިނަލް ދެ މެޗު މިރޭ 10 ޖަހާއިރު ކުޅޭނެ އެވެ. ތ. އަތޮޅު ސެމީގައި އޮމަދޫ ނުކުންނާނީ ކިނބިދޫއާ ދެކޮޅަށެވެ. ތިމަރަފުށި ކުޅޭ ވޭމަންޑޫއާ އެވެ. މި ދެ މެޗު ވެސް ފަށާނީ މިރޭ 10 ޖަހާއިރު އެވެ.
Advertisement


Leave a Reply