ގޯލްޑަން ފުޓްސަލް ޗެލެންޖް: ހއ، ހދ އަދި ށ އަތޮޅު ފައިނަލް މިރޭ

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ، ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ހއ، ހދ އަދި ށ އަތޮޅުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ އެވެ.
އެގޮތުން، މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފާހަގަކޮށްލެވޭ މެޗުތަކުގެ ތެރޭގައި، ހއ. އަތޮޅު ބުރުގެ ފައިނަލްގައި ހއ. އުތީމާއި ހއ. ފިއްލަދޫ ބައްދަލުކުރާ މެޗު ހިމެނެއެވެ. މި ފަހަރުގެ މުބާރާތުގައި މުޅިން އަލަށް ވާދަކުރަމުން އަންނަ އުތީމުން ދައްކަމުން އަންނަ މޮޅު ކުޅުމުގައި އެ ޓީމަށް އިރުޝާދު ދެމުން އަންނަ އަލީ ހައިޝަމް (ޗުމްޕު) އަށް ތައުރީފު ހައްގެވެ. ފުޓްސަލްގެ އިތުރުން ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ މި ކުޅުންތެރިޔާގެ އިރުޝާދުގެ ދަށުން މި ފަހަރުގެ މުބާރާތުގައި އުތީމު ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ.
އުތީމުން މި ފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލްގައި ވަރުގަދަ ކުރިމަތިލުމަކަށްފަހު ވަށަފަރުގެ މައްޗަށް ޕެނަލްޓީޖަހައިގެން 4-3 އިން ކުރިހޯދައިގެންނެވެ. މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 1-1 އިން އެއްވަރުވެފައެވެ. އެ ޓީމުން މި އަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު މެޗުތަކުގެ ތެރެއިން ބަލިވީ ހއ. އަތޮޅުގެ ގްރޫޕް ދޭއްގައި ވަށަފަރު އަތުންނެވެ. އެއީ 2-1 އިންނެވެ. ގްރޫޕް ސްޓޭޖުގައި ދެން ކުޅުނު ދެ މެޗުގެ ތެރެއިން އިހަވަންދޫ އަތުން މޮޅުވީ 2-1 އިންނެވެ. ހޯރަފުށްޓާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެއަށްފަހު ކުއާޓާގައި ދިއްދޫ ބަލިކުރީ 2-1 އިންނެވެ.
ހއ. އަތޮޅުގެ ފައިނަލްގައި ވާދަކުރާ ފިއްލަދޫން ވަނީ ސެމީގައި 2-1 އިން މުރައިދޫ ބަލިކޮށްފައެވެ. އޭގެކުރީން ކުއާޓާގައި ކުޅުނު މެޗުގައި ބާރަށް އަތުން މޮޅުވީ 1-0 އިންނެވެ. ފިއްލަދޫން ގްރޫޕް ސްޓޭޖުގައި ނެރުނު ނަތީޖާތަކަށް ބަލާއިރު ތަކަންދޫ އަތުން 3-2 އިން މޮޅުވިއިރު، ދިއްދޫ އަތުން ބަލިވީ 2-1 އިންނެވެ. އެކަމަކު، މުރައިދޫގެ މައްޗަށް ކުރިހޯދީ 4-1 އިންނެވެ.
ހދ. އަތޮޅުގެ އެންމެ ފަހުގެ ޗެމްޕިއަން ނައިވާދޫން މިފަހަރުގެ ފައިނަލްގައި ވެސް ވާދަކުރެ އެވެ. މި އަހަރުގެ މުބާރާތަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމަކީ ނައިވާދޫ އެވެ. ރާއްޖޭގެ ނިސްބަތުން، މޮޅު ގިނަ ކުޅުންތެރިންތަކަކާއެކު ވަރުގަދަ ޓީމެއް އެކުލަވާލައިގެން ކުރިމަތިލިއިރު އެ ޓީމުގައި ރަނގަޅު ޒުވާން ކުޅުންތެރިން ވެސް ހިމެނެއެވެ. މި ފަހަރުގެ ޓީމުގައި ވެސް މުހިއްމު ދައުރެއް އަދާކުރާނީ ރާއްޖޭގެ ފުޓްސަލްގެ އެންމެ ފުންނާބުއުސް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ. ދެން މި ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ ކުޅުންތެރިންނަކީ ޔާމީން މުހައްމަދު (ޔާންޓެ) އާއި އަހުމަދު ހަމީދު (އައްމަޑޭ) އެވެ.
މިދިޔަ ފަސް އަހަރުގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވާ ނައިވާދޫ ޓީމުން މިފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެއެވެ. ގްރޫޕް ސްޓޭޖުގައި ހިރިމަރަދޫ އަތުން 11-0 އިން މޮޅުވިއިރު، ނޮޅިވަރަންފަރާއި ނޭކުރެންދޫ އަތުން މޮޅުވީ 3-1 އިންނެވެ. ސެމީގައި ކުމުންދޫ އަތުން 3-1 އިން މޮޅުވެ، ނައިވާދޫން ތަށި ދިފާއުކުރަން ނިކުންނައިރު ވާދަކުރަން ޖެހެނީ މި އަހަރުގެ ގްރޫޕް ސްޓޭޖުގައި އެ ޓީމުން ބަލިކުރި ނޭކުރެންދޫ ޓީމާ އެވެ.
ފުޓްސަލްގެ މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމަށްވާ މުހައްމަދު ވިލްފް ހިމެނޭ ނޭކުރެންދޫ ޓީމަކީ މި އަހަރުގެ މުބާރާތުގައި މިހާތަނަށް ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އެއް ޓީމެވެ. ނޭކުރެންދޫ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ އިތުރު ކުޅުންތެރިންގެ ތެރޭގައި، އަލީ އިފާޒް އާއި ޝިފާޒް އާދިލް (ތުއްތު) ހިމެނެއެވެ.
އެ ޓީމުން މިފަހަރުގެ މުބާރާތުގައި މިހާތަނަށް ބަލިވެފައިވަނީ ފައިނަލްގައި ވާދަކުރަން ޖެހޭ ނައިވާދޫ އަތުން އެކަންޏެވެ. ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު ބައްދަލުކުރި މެޗުން 3-1 އިން ބަލިވިއިރު، ހިރިމަރަދޫ އަތުން މޮޅުވީ 11-1 އިންނެވެ. އަދި ނޮޅިވަރަންފަރު އަތުން މޮޅުވީ 2-0 އިންނެވެ. އެއަށްފަހު ސެމީގައި ނެއްލައިދޫގެ މައްޗަށް ކުރިހޯދީ 2-1 އިންނެވެ.
ށ. އަތޮޅުގެ ފައިނަލްގައި ވާދަކުރާ ކަނޑިތީމުން ފައިނަލުގެ ޖާގައެއް ހޯދީ ސެމީގައި ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުން ފީވައް ބަލިކޮށްގެންނެވެ. އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގެ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗު ކާމިޔާބުކޮށް، އެއް މެޗުން އެއްވަރުކޮށްފައެވެ. މަރޮށި އަތުން 6-2 އިން މޮޅުވިއިރު، ބިލެތްފަހި އަތުން މޮޅުވީ 4-2 އިންނެވެ. މިލަންދޫއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.
ކަނޑިތީމާ ދެކޮޅަށް ފައިނަލްގައި ނިކުންނަ ފޯކައިދޫން މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗެއްވެސް ވަނީ ކާމިޔާބުކޮށްފައެވެ. އެ ޓީމުން ގްރޫޕް ސްޓޭޖުގައި ފީވައް އަތުން 1-0 އިން މޮޅުވިއިރު، ޅައިމަގު ބަލިކުރީ 5-3 އިންނެވެ. އަދި އެއަށްފަހު ސެމީގައި ބިލެތްފަހި އަތުން މޮޅުވީ 4-1 އިންނެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ ފައިނަލްގައި 20:00 ގައި ހއ. އަތޮޅު ފައިނަލްގައި އުތީމު ނިކުންނާނީ ފިއްލަދޫއާ ދެކޮޅަށެވެ. އެއަށްފަހު 21:00 ގައި ކުޅޭ ފައިނަލްގައި ހދ. ނައިވާދޫ ބައްދަލުކުރާނީ ހދ. ނޭކުރެންދޫއާ އެވެ. އަދި އެއަށްފަހު ދެން ކުޅޭ ށ. އަތޮޅުގެ ފައިނަލްގައި ފޯކައިދޫ އާއި ކަނޑިތީމާ ބައްދަލުކުރާ މެޗު އޮންނާނީ 22:00 ގައެވެ.
Advertisement


Leave a Reply