ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ލީގުގެ ތިން ވަނަ

Advertisement

ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ލީގުގެ ތިން ވަނަ

ޢަލީ ޝަހީމް
ގޯލު ޖެހުމަށް ފަހު ވެލެންސިއާގެ ކުޅުންތެރިން އުފާފާޅުކުރަނީ. - ފޮޓޯ: އެފްއޭއެމް

ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށް މިފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމަށް ވާދަކުރާނެކަމަށް ބެލެވުނު ކްލަބް ވެލެންސިއާ މިފަހަރުގެ ލީގުގައި ކުޅުނު ފަހު މެޗުގައި މިއަދު 4-1 އިން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބަލިކޮށް ތިން ވަނައިގައި ލީގު ނިންމާލައިފި އެވެ.

ލީގުގެ ތިން ބުރުގައި 21 މެޗު ކުޅުނުއިރު ވެލެންސިއާ އަށް ލިބުނީ 32 ޕޮއިންޓެވެ. 21 މެޗުގެ ތެރެއިން 10 މެޗުން މޮޅުވިއިރު 9 މެޗުން އެޓީމު ވަނީ ބަލިވެފަ އެވެ. އެއްވަރުވީ ދެ މެޗުންނެވެ. މިފަހަރުގެ ލީގުގައި އެޓީމަށް ޖެހުނީ އެންމެ 29 ގޯލެވެ. ބައިކޮޅަށް 39 ގޯލު ވަނީ ވަދެފަ އެވެ. ވެލެންސިއާ އަތުން ބަލިވި ޔުނައިޓެޑް ވިކްޓްރީ އަށް ލިބުނީ ލީގުގެ ހަ ވަނަ އެވެ. އެޓީމަށް 21 މެޗުން 26 ޕޮއިންޓް ލިބިފައިވެ އެވެ.

ލީގުގެ ޗެމްޕިއަންކަން ކަށަވަރުކޮށްފައިވަނީ 57 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. މާޒިޔާގެ ފަހަތުން ދެ ވަނައިގައި ނިންމާލީ 46 ޕޮއިންޓް ލިބުނު ކްލަބް އީގަލްސް އެވެ. ލީގުގެ ފަހު މެޗުގައި މިރޭ އީގަލްސް އާއި މާޒިޔާ ވާދަކުރާނެ އެވެ. މިރޭގެ މެޗަށް ފަހު ޗެމްޕިއަންކަމުގެ އައްޑަނަ މާޒިޔާއާ ހަވާލުކުރާނެ އެވެ.

ވެލެންސިއާ އާއި ޔޫވީ މިއަދު ހަވީރު ބައްދަލުކުރި މެޗުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް

ލީގުގެ ހަތަރު ވަނަ ލިބުނީ 30 ޕޮއިންޓް ހޯދި ކްލަބް ގްރީން ސްޓްރީޓްސް އަށެވެ. ފަސް ވަނައިގައި އޮތީ 28 ޕޮއިންޓް ލިބުނު ޓީސީ ސްޕޯޓްސް ކްލަބެވެ. ލީގުގެ ފަހު ދެ ޖާގައިގައި އޮތީ 15 ޕޮއިންޓާ އެކު ހަތް ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ފަސް ޕޮއިންޓް ލިބުނު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. އަންނަ ސީޒަނުގެ ލީގުން ޖާގަ ހޯދަން މި ދެޓީމު ޖެހޭނީ ޕްލޭއޮފް ކުޅޭށެވެ. ޕްލޭއޮފްގައި މި ދެޓީމާ ދެކޮޅަށް ނުކުންނާނީ ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ވާދަކުރާ ދެ ޓީމެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފު ނިމުނީ ގޯލެއް ނުޖެހި އެވެ. އެކަމަކު ދެ ވަނަ ހާފުގައި ވެލެންސިއާ އިން ވަނީ އެޓޭކުތައް ވަރުގަދަކޮށް ހަތަރު ގޯލު ޖަހައިފަ އެވެ. ފުރަތަމަ ގޯލު 55 ވަނަ މިނެޓުގައި އިސްމާއީލް ޒާން އާމިރު ޖެހިއިރު ދެ ވަނަ ލަނޑު 65 ވަނަ މިނެޓުގައި ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަބްދުﷲ ޔާމީން (ޔާނު) އެވެ. ވެލެންސިއާގެ ތިން ވަނަ ލަނޑު 75 ވަނަ މިނެޓުގައި ޖެހީ ހުސައިން ސުފިޔާން (ސޫފީ) އެވެ. އޭގެ ތިން މިނެޓު ފަހުން ޔުނައިޓެޑް ވިކްޓްރީން މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑު ޖަހައިދިނީ ބެލަރޫސްގެ ފޯވާޑް އީވާން ވެރާސް އެވެ. މެޗުގެ 83 ވަނަ މިނެޓުގައި ވެލެންސިއާގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ އިސްމާއީލް އީސާ (މެސީ) އެވެ.

ސީޒަނަށް ވަރުގަދައަށް ތައްޔާރުވެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ވެލެންސިއާ ކާމިޔާބުކުރީ ފައިނަލުގައި ވަރުގަދަ މާޒިޔާ ބަލިކޮށްގެންނެވެ. އެކަމަކު އޭގެފަހުން އެޓީމަށް ގިނަ މައްސަލަތަކެއް ދިމާވެ ފޯމު ދަށްވި އެވެ. އަދި މުހިއްމު ބައެއް ކުޅުންތެރިންތަކެއް އަނިޔާގައި ތިބުމުން އެޓީމަށް ނަތީޖާ ނެރެން އުނދަގޫވި އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *