ސިޓީ ބަލިކޮށް ލިވަޕޫލުން ޝީލްޑް މެޗު ކާމިޔާބުކޮށްފި

ވާދަވެރި މެންޗެސްޓަރ ސިޓީ 3-1 އިން ބަލިކޮށް އިނގިރޭސި ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗު ލިވަޕޫލުން ކާމިޔާބުކޮށްފި އެވެ.
މިއީ ކޮމިއުނިޓީ ޝީލްޑް ލިވަޕޫލުން ކާމިޔާބުކުރި 16 ވަނަ ފަހަރެވެ. މިފަހަރު ލިވަޕޫލުން ކޮމިއުނިޓީ ޝީލްޑް މި ކާމިޔާބުކުރީ 15 އަހަރުގެ ދިގު މުއްދަތަކަށް ފަހު އެވެ. ޝީލްޑް މެޗު އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ 21 ފަހަރު މެންޗެސްޓަރ ޔުނައިޓެޑެވެ. ލިވަޕޫލާ އެއްވަރަށް އާސެނަލުން ވެސް ވަނީ މި މެޗު ކާމިޔާބުކޮށްފަ އެވެ.
އާއްމުކޮށް ވެމްބްލީގައި ކުޅޭ ޝީލްޑް މެޗު މިފަހަރު ކުޅުނީ ލެސްޓާ ސިޓީގެ ކިންގް ޕަވާ ސްޓޭޑިއަމްގަ އެވެ. ވެމްބްލީގައި މިފަހަރުގެ ޝީލްޑް މެޗު ނުކުޅުނީ މާދަމާ ޔޫއެފާ ވިމެންސް ޔޫރޯގެ ފައިނަލް މެޗު އެ ދަނޑުގައި ކުޅެން ހަމަޖެހިފައިވާތީ އެވެ.
ޝީލްޑް މެޗުގައި ސިޓީ ވާދަކުރީ އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެވެ. ލިވަޕޫލަށް ފުރުސަތު ލިބުނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕް އެޓީމުން ކާމިޔާބު ކުރުމުންނެވެ.
މިރޭގެ މެޗަށް ސިޓީން ނެރުނު ފުރަތަމަ އެގާރައިގައި އެޓީމަށް އަލަށް ގުޅުނު ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑް ވަނީ ފުރަތަމަ އެގާރައިގައި ހިމަނާފަ އެވެ. އެކަމަކު ބޮޑު އަގުގައި ބެންފީކާ އިން ލިވަޕޫލަށް ބަދަލުވި ޑާވިން ނޫނޭޒް މެޗު ފެށީ ބެންޗުންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން މޮޅަށް ކުޅުނުއިރު އެޓީމު މިހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ. 21 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓްރެންޓް އަލެކްޒަންޑަ އާނޯލްޑް އެވެ. އާނޯލްޑް ޖެހި ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.
ދެ ވަނަ ހާފުގެ 15 މިނެޓަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އެޓީމަށް އަލަށް ގެނައި އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވާރޭޒް ކުޅެން އަރުވައިފަ އެވެ. އަދި 70 ވަނަ މިނެޓުގައި ފިލް ފޯޑެންގެ އެހީތެރިކަމާ އެކު އަލްވާރޭޒް ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ލިވަޕޫލުން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގީ ލިބުނު ޕެނަލްޓީއަކުން 83 ވަނަ މިނެޓުގައި މުހައްމަދު ސަލާހް އެވެ. މިއީ އެރިޔާ ތެރެއިން ސިޓީގެ ޑިފެންޑަރު ރުބެން ޑިއާސްގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. ލިވަޕޫލުން މެޗުގައި ލީޑު ފުޅާކުރި ލަނޑު ކާމިޔާބުކޮށްދިނީ ބެންޗުން ކުޅެން އެރި ހުނަރުވެރި ފޯވާޑް ނޫނޭޒް އެވެ. އޭރިޔާ ތެރެއިން ނޫނޭޒް އަށް ލިބުނު ބޯޅަ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.
ލިވަޕޫލްގެ އާ ފޯވާޑް ގޯލު ޖެހިއިރު ސިޓީގެ ހާލަންޑްގެ ފަރާތުން ފުރަތަމަ މެޗުގައި ފެނުނީ ދަށް ކުޅުމެކެވެ. ހާލަންޑަށް ގޯލު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް ކާމިޔާބުކުރެވޭ ގޮތެއްނުވި އެވެ.
ކޮމިއުނިޓީ ޝީލްޑް މެޗަށް ފަހުން އަންނަ ހުކުރު ދުވަހުގެ ރޭ އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ފަށާނެ އެވެ. ލީގުގެ ފުރަތަމަ މެޗުގައި އެރޭ މެންދަމު 12 ޖަހާއިރު ކްރިސްޓަލް ޕެލެސް ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ. އަންނަ ހޮނިހިރު ދުވަހު ލިވަޕޫލުން ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރާނީ ފުލަމްއާ އެވެ. އޮގަސްޓް ހަތް ވަނަ ދުވަހު ޗެމްޕިއަން ސިޓީ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެސްޓް ހޭމް ޔުނައިޓެޑާ އެވެ.
Advertisement


Leave a Reply