އިނގިރޭސި ފުޓްބޯޅަ ސީޒަން މިރޭ ފަށަނީ

މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލް ވާދަކުރާ އެފްއޭ ކޮމިއުނިޓީ ޝީލްޑް މެޗުން އިނގިރޭސި ފުޓްބޯޅަ ސީޒަން މިރޭ ފަށާނެ އެވެ.
ސިޓީ އާއި ލިވަޕޫލް އަކީ މިހާރު އިނގިރޭސި ފުޓްބޯޅައިގައި އެންމެ ވާދަވެރި ދެ ކްލަބެވެ. މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ސިޓީ އަށް ލިބުނީ ލިވަޕޫލަށް ވުރެ އެއް ޕޮއިންޓް އިތުރަށް ހޯދުމުންނެވެ. ލިވަޕޫލުން އިނގިރޭސި އެފްއޭ ކަޕާއި އިނގިރޭސި ލީގު ކަޕް ކާމިޔާބުކުރިއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑް އަތުން ބަލިވި އެވެ.
މިދިޔަ ސީޒަނުގެ ލީގުގައި ދެ ޓީމުން ގިނަ ގޯލުތަކެއް ޖެހިނަމަވެސް އާ ސީޒަނާ މި ދެ ޓީމު ވެސް ކުރިމަތިލަނީ އެޓޭކަށް ކުޅުންތެރިން އިތުރުކޮށްގެންނެވެ. މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި ސިޓީން 99 ލަނޑު ޖެހިއިރު ލިވަޕޫލުން 94 ލަނޑު ޖެހި އެވެ. މި ދެޓީމާ އެންމެ ގާތުން ވާދަކުރި ޗެލްސީ އަށް ޖެހުނީ 76 ލަނޑެވެ.
ފޯވާޑް ލައިން ވަރުގަދަކުރަން ސިޓީން ގެނައި އެންމެ މުހިއްމު ކުޅުންތެރިއަކީ ނޯވޭ އަށް އުފަން 22 އަހަރުގެ ހުނަރުވެރި ފޯވާޑް އާލިން ބްރައުޓް ހާލަންޑް އެވެ. ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން ސިޓީ އަށް ހާލަންޑް ގެންދިޔައީ 51 މިލިއަން ޕައުންޑަށެވެ. ޑޯޓްމަންޑަށް ކުޅުނު 89 މެޗުގައި 86 ގޯލު ހާލަންޑް ޖެހިއިރު ގައުމީ ޓީމަށް ކުޅުނު 21 މެޗުގައި ހާލަންޑް ވަނީ މިހާތަނަށް 20 ގޯލު ޖަހައިފަ އެވެ. ހާލަންޑުގެ އިތުރުން ފޯވާޑް ލައިން ވަރުގަދަކުރުމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އާޖެންޓީނާގެ 22 އަހަރުގެ ފޯވާޑް ހޫލިއަން އަލްވާރޭޒް ޓީމަށް އިތުރުކޮށްފަ އެވެ. މިދިޔަ ޖެނުއަރީ މަހު ސިޓީއާ ގުޅުމަށް ފަހު ހަ މަސް ދުވަހުގެ މުއްދަތަކަށް ލޯނު އުސޫލުން ސިޓީން އަލްވާރޭޒް ބެހެއްޓީ ކުރީގެ ކްލަބް ރިވަ ޕްލޭޓްގަ އެވެ. މި ދެކުޅުންތެރިންގެ އިތުރުން ލީޑްސް ޔުނައިޓަށް ކުޅުނު އިނގިރޭސި މިޑްފީލްޑަރު ކެލްވިން ފިލިޕްސް ވަނީ 45 މިލިއަން ޕައުންޑަށް ސިޓީ އަށް ބަދަލުވެފަ އެވެ.
ލިވަޕޫލަށް ގެނައި އެންމެ މުހިއްމު ކުޅުންތެރިޔަކީ ޕޯޗުގަލްގެ ބެންފީކާގައި މޮޅު ކުޅުމެއް ދެއްކި އުރުގުއޭގެ ފޯވާޑް ޑާވިން ނޫނޭޒް އެވެ. އުމުރުން 23 އަހަރުގެ ނޫނޭޒް ލިވަޕޫލަށް ބަދަލުވީ 85 މިލިއަން ޕައުންޑުގެ ކްލަބް ރެކޯޑް ފީއެއްގަ އެވެ. ނޫނޭޒް ވަނީ ބެންފީކާއަށް މިދިޔަ ސީޒަނުގައި ކުޅުނު 41 މެޗުގައި 34 ގޯލު ޖަހައިފަ އެވެ. ޗެމްޕިއަންސް ލީގުގައި ބެންފީކާ އިން ލިވަޕޫލާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް ނޫނޭޒް ލަނޑު ޖެހި އެވެ. ނޫނޭޒްގެ އިތުރުން ޕޯޗުގަލްގެ އުއްމީދީ ފޯވާޑް ފަބިއޯ ކަވާލިއޯ އާއި ސްކޮޓްލެންޑަށް އުފަން 18 އަހަރުގެ ޑިފެންޑަރު ކެލްވިން ރަމްސީގެ ސޮއި ލިވަޕޫލުން ވަނީ ހޯދާފަ އެވެ.
ދެޓީމުން ދޫކޮށްލި މުހިއްމު ކުޅުންތެރިން
އާ ސީޒަނާ ކުރިމަތިލާއިރު ދެޓީމުގެ މުހިއްމު ބައެއް ކުޅުންތެރިން ވަނީ ކްލަބް ދޫކޮށްލާފަ އެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ ސިޓީ އިން ރަހީމް ސްޓާލިން ޗެލްސީ އަށް ވިއްކާލުމާއި ލިވަޕޫލްގައި މޮޅު ކުޅުމެއްދެއްކި ސަޑިއޯ މާނޭ ބަޔާން މިއުނިކަށް ބަދަލުވުމެވެ. މިދިޔަ ސީޒަނުގައި 23 ގޯލު ޖެހި މާނޭ އަށް ލިވަޕޫލުން އާ ހުށަހެޅުމެއް ލިބުނު ނަމަވެސް 35 މިލިއަން ޕައުންޑަށް މާނޭ ނިންމީ ބަޔާނަށް ބަދަލުވާށެވެ. މާނޭގެ އިތުރުން ލިވަޕޫލަށް މުހިއްމު ގޯލުތަކެއް ޖަހައިދިން ޑިވޮކް އޮރީގީ އަދި ޓަކޫމީ މިނަމީނޯ ކްލަބުން ވަނީ ދޫކޮށްލާފަ އެވެ.

ސްޓާލިން (ކ) އަދި މާނޭ. މިއީ ދެޓީމު ދޫކޮށްލި މުހިއްމު ދެ ކުޅުންތެރިން
ސިޓީގެ ސްޓާލިން 50 މިލިއަން ޕައުންޑަށް ޗެލްސީ އަށް ބަދަލުވީ އެޓީމަށް ކުޅުނު 339 މެޗުގައި 131 ލަނޑު ޖަހައިފަ އެވެ. ސިޓީން މިދިޔަ ސީޒަންތަކުގައި ތަށިތައް ހޯދިއިރު ސްޓާލިން ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. މިދިޔަ ސީޒަނުގައި ސްޓާލިން ޕްރިމިއާ ލީގުގައި 13 ލަނޑު ޖެހި އެވެ. ސްޓާލިންގެ އިތުރުން ބްރެޒިލްގެ ފޯވާޑް ގެބްރިއަލް ޖިސޫސް ވަނީ 45 މިލިއަން ޕައުންޑަށް އާސެނަލަށް ބަދަލުވެފަ އެވެ. ސިޓީ އަށް ކުޅުނު 159 މެޗުގައި ޖީސުސް 58 ލަނޑު ޖެހި އެވެ. މި ދެކުޅުންތެރިންގެ އިތުރުން ޔޫކްރޭންގެ ޑިފެންޑަރު އޮލެކްސަންޑަ ޒިންޗެންކޯ ވެސް ވަނީ އާސެނަލަށް ބަދަލުވެފަ އެވެ.
އާ ސީޒަނާ ކުރިމަތިލާއިރު ދެ ޓީމުން ވެސް ވަނީ ޕްރީ ސީޒަނުގައި އެކުވެރިކަމުގެ މެޗުތައް ކުޅެފަ އެވެ. ލިވަޕޫލުން އޭޝިއާ އާއި ޔޫރަޕްގައި ކޭމްޕް ކުރިއިރު ސިޓީން ވަނީ އެމެރިކާގައި ކޭމްޕްކޮށް މެޗުތަކެއް ކުޅެފަ އެވެ.
ތައިލެންޑުގައި ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗުގައި ލިވަޕޫލް ވަނީ 4-0 އިން މެންޗެސްޓަރ ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. އޭގެފަހުން ސިންގަޕޫރުގައި ކްރިސްޓަލް ޕެލޭސްއާ ދެކޮޅަށް ކުޅުނު މެޗު 0-2 އިން ލިވަޕޫލް ކާމިޔާބުކުރި އެވެ. އެކުވެރިކަމުގެ ތިން ވަނަ މެޗުގައި ޖަރުމަނުގެ އާރުބީ ލައިޕްޒިގްއާ ދެކޮޅަށް ކުޅެ 0-5 އިން ލިވަޕޫލް މޮޅުވި މެޗުގައި ފޯވާޑް ނޫނޭޒް ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ. އެކުވެރިކަމުގެ ފަހު މެޗުގައި މިދިޔަ ބުދަ ދުވަހު ރެޑް ބުލް ސާލްޒްބާގް އަތުން ލިވަޕޫލް ވަނީ 1-0 އިން ބަލިވެފަ އެވެ.
ސިޓީން އެމެރިކާގައި ކުޅުނު އެކުވެރިކަމުގެ ފުރަތަމަ މެޗު 1-2 އިން ކާމިޔާބު ކުރިއިރު ދެ ވަނަ މެޗުގައި ބަޔާން މިއުނިކް އަތުން 0-1 އިން ވަނީ މޮޅުވެފަ އެވެ. ބަޔާން އަތުން ސިޓީ މޮޅުވި މެޗުގެ ހަމައެކަނި ލަނޑު ޖެހީ ހާލަންޑެވެ.
ކޮމިއުނިޓީ ޝީލްޑް އެންމެ ގިނައިން ކާމިޔާބުކުރީ މެންޗެސްޓަރ ޔުނައިޓެޑެވެ. އެޓީމުން 21 ފަހަރު ޝީލްޑް އުފުލާލިއިރު ދެ ވަނައިގައި އޮތް އާސެނުން ވަނީ 16 ފަހަރު ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ. ލިވަޕޫލުން 15 ފަހަރު ކޮމިއުނިޓީ ޝީލްޑް ކާމިޔާބު ކުރިއިރު އެންމެ ފަހުން އެޓީމަށް ޝީލްޑް ލިބުނީ 2006 ވަނަ އަހަރު އެވެ. ސިޓީން ކޮމިއުނިޓީ ޝީލްޑް ކާމިޔާބުކޮށްފައިވަނީ 6 ފަހަރު އެވެ.
ސިޓީ އާއި ލިވަޕޫލް ވާދަކުރާ ކޮމިއުނިޓީ ޝީލްޑް މެޗު ލެސްޓާ ސިޓީގެ ކިންގް ޕަވާ ސްޓޭޑިއަމްގައި ފަށާނީ މިރޭ ރާއްޖެ ގަޑިން 9 ޖަހާއިރު އެވެ.
Advertisement


Leave a Reply