ސުއަރޭޒް ދެކެ ވާ ލޯބި ކުރީގެ ކްލަބުން ދައްކާލައިފި

Advertisement

ސުއަރޭޒް ދެކެ ވާ ލޯބި ކުރީގެ ކްލަބުން ދައްކާލައިފި

ޢަލީ ޝަހީމް
ސުއަރޭޒްގެ ފޮޓޯ ޖެހި މާސްކް ހިފައިގެން ސަޕޯޓަރުން ދަނޑުގައި.

މިދިޔަ ސީޒަނަށް ފަހު އެތުލެޓިކޯ މެޑްރިޑް ދޫކޮށްލުމުން މިހާރު ހިލޭ ޓްރާންސްފާއެއްގައި ކްލަބް ބަދަލުކުރުމުގެ ފުރުސަތު އޮތް އުރުގުއޭގެ ފޯވާޑް ލުއިޒް ސުއަރޭޒް އަނބުރާ ގެންދަން އޭނާ އެންމެ ފުރަތަމަ ކުޅުނު ކްލަބް، އުފަން ގައުމުގެ ނެސިއޮނަލްގެ ސަޕޯޓަރުން އާދަޔާހިލާފު ކަމެއް ކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ނެސިއޮނަލް އިން އުރުގުއޭގެ ޕްރިމިއާ ޑިވިޝަނުގައި ކެރިޓޯއާ ދެކޮޅަށް ކުޅުނު މެޗުގައި އެޓީމުގެ 20000 ސަޕޯޓަރުން ވަނީ ސުއަރޭޒްގެ ފޮޓޯ ޖެހި މާސްކް އަޅައިގެން ތިބެ ސުއަރޭޒް އަނބުރާ އެ ކްލަބަށް ގެންނަން ބޭނުންވާކަން ހާމަކޮށްފަ އެވެ. މާސްކުގެ އިތުރުން ސަޕޯޓަރުން ވަނީ ސުއަރޭޒްއާ ގުޅޭ އެކި ބެނާތައް ވެސް ދަނޑުގައި ވިހުރުވާފަ އެވެ. ސުއަރޭޒަށް އޮތް ލޯބި ދައްކާލުމުގެ ގޮތުން މެޗުގެ ނުވަ ވަނަ މިނެޓުގައި ސަޕޯޓަރުން ވަނީ މޫނު މާސްކުގައި އަޅުވައިފަ އެވެ. މިދިޔަ އަށް އަހަރު ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑްގައި ސުއަރޭޒް ބޭނުންކުރީ ނުވަ ނަންބަރު ޖާޒީ އެވެ. އޭގެކުރިން އޭނާ ކުޅުނު ލިވަޕޫލްގައި ބޭނުންކުރީ ހަތް ނަންބަރު ޖާޒީ އެވެ.

Advertisement

އުމުރުން 14 އަހަރުގައި ސުއަރޭޒް ޕްރޮފެޝަނަލް ފުޓްބޯޅަ ކެރިއަރު ފެށީ ނެސިއޮނަލް އިންނެވެ. 2006 ވަނަ އަހަރު އެ ކްލަބް ދޫކޮށްލިއިރު ސުއަރޭޒް ވަނީ 35 މެޗުގައި 12 ގޯލު ޖަހައިފަ އެވެ. އުމުރުން 18 އަހަރުގައި ނެސިއޮނަލްގެ ސީނިއާ ޓީމުން ފުރުސަތު ލިބުނުއިރު ސުއަރޭޒް ވަނީ 2005 ވަނަ އަހަރު އުރުގުއޭގެ ލީގު އެޓީމާ އެކު ކާމިޔާބުކޮށްފަ އެވެ.

ސުއަރޭޒް އުރުގުއޭގެ ނެސިއޮނަލްގެ ޔޫތު ޓީމަށް ކުޅުނުއިރު (މ). އެ ކްލަބުން އަންނަނީ އޭނާ އަނބުރާ ގެންނަން މަސައްކަތްކުރަމުން

ނެސިއޮނަލް އަށް ފަހު ސުއަރޭޒް ބަދަލުވީ ނެދަލެންޑްސްގެ ގްރޮނިންގެން އަށެވެ. އޭގެފަހުން 2007 ވަނަ އަހަރު އަޔަކްސްއާ ގުޅުނެވެ. ސުއަރޭޒްގެ ސޮއި ލިވަޕޫލުން ހޯދީ 2011 ވަނަ އަހަރު އެވެ. ލިވަޕޫލްގައި ތަފާތު މޮޅު ކުޅުމެއް ދައްކައި ސުއަރޭޒް ދެން ބަދަލުވީ ބާސެލޯނާއަށެވެ. އޭގެފަހުން މިދިޔަ ދެ ސިޒަނުގައި ސުއަރޭޒް ފެނުނީ އެތުލެޓިކޯ މެޑްރިޑުންނެވެ.

ރިޕޯޓުތައް ބުނާގޮތުން ހިލޭ ޓްރާންސްފާއެއްގައި އުމުރުން 35 އަހަރުގެ ސުއަރޭޒް ނެސިއޮނަލްއާ ގުޅުމުގެ ފުރުސަތު އެބައޮތެވެ. ނޮވެމްބަރު މަހު ފީފާ ވޯލްޑް ކަޕް އޮތުމާ އެކު ނެސިއޮނަލް އިން ބޭނުންވަނީ ކުރު މުއްދަތަކަށް ވިޔަސް ސުއަރޭޒް އެ ކްލަބަށް ގެންނާށެވެ. ސުއަރޭޒް ގެނައުމުގެ ޝައުގުވެރިކަން އޮތްކަން ހާމަކުރަން އެ ކްލަބުން ކުރި ޓްވީޓަކާއެކު މިހާރު ވަނީ ސޯޝަލް މީޑިއާ ކެމްޕޭނެއް ވެސް ފެށިފަ އެވެ. އެ ކެމްޕޭނުގައި ވެސް ސަޕޯޓަރުން އަންނަނީ ސުއަރޭޒް އެ ކްލަބަށް އަނބުރާ ގެންނަން ބޭނުންވާކަން ހާމަކުރަމުންނެވެ.

ސަޕޯޓަރުން ދަނޑުގައި ސުއަރޭޒް ދެކެ ވާ ލޯބި ދައްކާލަނީ.

ޔޫރަޕްގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ދެ ސީޒަނެއްގައި ހޯދި ސުއަރޭޒް އަކީ އޭނާގެ ރަން ދުވަސްވަރު އެންމެ ފާހަގަކޮށްލެވޭ އެއް ފޯވާޑެވެ. ސުއަރޭޒް އަނބުރާ ގެންދިއުމަށް ސަޕޯޓަރުން މަސައްކަތް ކުރާއިރު ޔޫރަޕްގެ ބައެއް ކްލަބްތަކުން ވެސް ސުއަރޭޒަށް އަންނަނީ ކަޅި އަޅަމުންނެވެ. އޭގެތެރެއިން ސުއަރޭޒް ގެންދަން އެންމެ ބޭނުންވަނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ކަމަށް ރިޕޯޓުތައް ބުނެ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *