ޒުވާން ގައުމީ ޓީމުގެ ކެޕްޓަންކަން އީގަލްސްގެ ހުމެއިދު އަށް

Advertisement

ޒުވާން ގައުމީ ޓީމުގެ ކެޕްޓަންކަން އީގަލްސްގެ ހުމެއިދު އަށް

ޢަލީ ޝަހީމް
ޒުވާން ޓީމުގެ ކެޕްޓަންކަމަށް ހަމަޖެއްސި ހުމެއިދު (މ) އަދި ވައިސް ކެޕްޓަނުންނަށް ހަމަޖެއްސި އަހުނަފް (ކ) އާއި މީސަމް (ވ). - ފޮޓޯ: އެފްއޭއެމް

އިންޑިއާގައި ފަށަން ތައްޔާރުވަމުން އަންނަ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޒުވާން ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ކްލަބް އީގަލްސްގެ ހުމެއިދު ހުސެއިން ހަމަޖައްސައިފި އެވެ.

އަންނަ ހޯމަ ދުވަހު އިންޑިއާގެ ބުނަނޭޝްވަރުގައި ފަށާ މުބާރާތަށް ރާއްޖޭގެ ޓީމު މިހާރު ވަނީ އިންޑިއާ އަށް ގޮސްފަ އެވެ. ހުމެއިދުއާ އެކު ޓީމުގެ ވައިސް ކެޕްޓަނުންނަށް ހަމަޖެއްސީ ޓީސީ ސްޕޯޓްސް ކްލަބުގެ އަހުނަފް މުހައްމަދު ތަސްނީމް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ޒުވާން ގޯލްކީޕަރު ޔޫސުފް މީސަމް އަބްދުﷲ އެވެ.

އީގަލްސްގެ ސީނިއާ ޓީމުގައި ވެސް ހިމެނޭ ހުމެއިދު ވަނީ މިދިޔަ މަހު އޮތް އޭޝިއަން ކަޕްގެ ކޮލިފައިންގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ތައްޔާރުވި ރާއްޖޭގެ ސީނިއާ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. އެ ފަރިތަކުރުންތަކުގައި ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ވަނީ ޒުވާން ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތުދީފަ އެވެ.

ހއ. މާރަންދޫ އަށް އުފަން އުމުރުން 19 އަހަރުގެ ހުމެއިދު އަށް އީގަލްސްގެ ސީނިއާ ޓީމުން ފުރަތަމަ ޖާގަ ލިބުނީ މިދިޔަ ސީޒަނުގަ އެވެ. އެފަހަރު އީގަލްސްގެ ސީނިއާ ޓީމުން މާގިނަ ފުރުސަތުތައް ނުލިބުނު ނަމަވެސް މި ސީޒަން ފަށައިގެން ޕްރެޒިޑެންޓްސް ކަޕުން ފެށިގެން އީގަލްސްގެ ޓީމުން ހުމެއިދު އަންނަނީ ޖާގަ ހޯދަމުންނެވެ. އެ މުބާރާތުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އަތުން ފަހު ވަގުތު އީގަލްސް މޮޅުވި ލަނޑު ޖެހީ ހުމެއިދު އެވެ.

މިއަހަރު އޮތް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ޗެމްޕިއަންކަން އީގަލްސް އިން ހޯދީ ހުމެއިދުގެ ކެޕްޓަންކަމުގަ އެވެ. އެ މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނުއިރު ހުމެއިދު ވަނީ އެއް ގޯލު ޖަހައި އެއް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. އޭގެފަހުން ދިވެހި ޕްރިމިއާ ލީގުގައި ވެސް ސީނިއާ ޓީމުން ލިބޭ ފުރުސަތުގައި ހުމެއިދު އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ.

ސާފް ޗެމްޕިއަންޝިޕަށް ފުރި ޒުވާން ޓީމު. މުބާރާތުގައި ވާދަކުރަނީ ފަސް ގައުމަކުން. – ފޮޓޯ: އެފްއޭއެމް

20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ ފަސް ގައުމަކުންނެވެ. އެއީ ރާއްޖޭގެ އިތުރުން މުބާރާތް ބާއްވާ އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ސްރީ ލަންކާ އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ ހޯމަ ދުވަހު ރާއްޖެ ކުޅޭނީ ނޭޕާލްއާ އެވެ. ދެ ވަނަ މެޗުގައި މި މަހުގެ 29 ވަނަ ދުވަހު ބަންގްލަދޭޝްއާ ވާދަކުރާއިރު މި މަހުގެ 31 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ފަހު މެޗުގައި އިންޑިއާއާ ދެކޮޅަށް ރާއްޖެ ކުޅޭނީ އަންނަ މަހުގެ ދެ ވަނަ ދުވަހު އެވެ. ފަސް ޓީމުގެ މެދުގައި ލީގު އެއް ބުރު ކުޅުމަށް ފަހު ފައިނަލަށް ދާނީ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ. ފައިނަލް މެޗު އޮންނާނީ އޯގަސްޓް ފަސް ވަނަ ދުވަހު އެވެ.

ރާއްޖޭގެ ޒުވާން ޓީމުގެ ހެޑް ކޯޗަކީ އަހުމަދު ޝާކިރު (ޝާކިއްޓޭ) އެވެ. ރާއްޖޭގައި ބާއްވާ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗު، ޝާކިއްޓޭއާ އެކު ކޯޗިން ޓީމުގައި ހިމެނެނީ ގައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން މުހައްމަދު އާއި އިބްރާހީމް ސައީދު (ކަކާ) އާއި އަހުމަދު ފައްރާހް (ފައްރަ) އެވެ. ޓީމުގެ މެނޭޖަރަކީ މުހައްމަދު އަބީރު އެވެ.

ޒުވާން ޓީމު ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާއިރު ޓީމުގެ ހުރިހާ ކުޅުންތެރިންހެން ވަނީ މިއަހަރު އޮތް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ކުޅެފަ އެވެ. އަދި ބައެއް ކުޅުންތެރިންނަކީ ކްލަބްތަކުގެ ސީނިއާ ޓީމުން ވެސް ޖާގަ ހޯދަމުން އަންނަ ކުޅުންތެރިންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *