އޭދަފުށި ބައިބަލާގެ ސެމީ އާއި ފައިނަލް މިރޭ
އަލްހާ އީދާ ދިމާކޮށް އޭދަފުށީގައި ކުރިއަށްގެންދާ “އޫދު އަލް ސަބާޔާ އޭދަފުށި ބައިބަލާ 1443” ގެ ސެމީ ފައިނަލްގެ ދެ މެޗާއި ފައިނަލް މެޗު މިރޭ ކުޅޭނެ އެވެ.
އޭދަފުށީގެ ގްރޫޕެއް ކަމަށްވާ ބަނަފްސާ ކަންމަތި (ބީކޭ) އިން އިންތިޒާމުކޮށްގެން ބައިބަލާ އެސޯސިއޭޝަން އާއި އޭދަފުށީ ކައުންސިލް ގުޅިގެން މިހާރު ކުރިއަށްގެންދާ ބައިބަލާ މުބާރާތުގައި ހަ ޓީމު ވާދަކުރި އެވެ.
ބައިވެރިވި ޓީމްތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ މުބާރާތުގެ ގްރޫޕް އޭގައި ހިމެނުނީ ކްލަބް ފޯކަސް އާއި ކްލަބް އެމްވީ އަދި ދަ ވަޑިޔަންސް އެވެ. މިއިން ކޮންމެ ޓީމެއް ވެސް ވަނީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗު ކާމިޔާބުކޮށްފަ އެވެ. ނަމަވެސް މޮޅުވި ގޭމްގެ އަދަށް ބަލައި މި ގްރޫޕުގެ އެއް ވަނައިގެ ގޮތުގައި ސެމީ އަށް ދަތުރުކުރީ ކްލަބް ފޯކަސް އެވެ. ދެ ވަނަ ހޯދީ ކްލަބް އެމްވީ އެވެ.
ގްރޫޕް ދޭއްގެ އެއް ވަނަ ހޯދީ، ކުޅުނު ދެ މެޗު ވެސް ކާމިޔާބުކުރި ބ. ގޮއިދޫ ޔޫތު އެންޑް ސްޕޯޓްސް އެވެ. ގޮއިދޫ ޓީމަކީ އޭދަފުށި ފިޔަވައި، އަތޮޅުން މުބާރާތުގައި ބައިވެރިވި ހަމައެކަނި ޓީމެވެ. މި ގްރޫޕުގެ ދެ ވަނަ ހޯދީ އެއް މެޗު ކާމިޔާބުކުރި ބީކޭ ސްޕޯޓްސް ކްލަބް އެވެ. ބީކޭ އަދި ގޮއިދޫ ވެސް ވަނީ އެމްވީ ޔުނައިޓެޑާ ކުޅުނު މެޗު ކާމިޔާބުކޮށްފަ އެވެ.
މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ 8:30 ގައި ވާދަކުރާނީ ކްލަބް ފޯކަސް އާއި ބީކޭ ސްޕޯޓްސް ކްލަބެވެ. އަދި ދެ ވަނަ މެޗުގައި ވާދަކުރާނީ ގޮއިދޫ އާއި ކްލަބް އެމްވީ އެވެ.
ސެމީ އިން މޮޅުވާ ދެ ޓީމުގެ ފައިނަލް މެޗު ފަށަން ހަމަޖެހިފައިވަނީ މިރޭ 10:45 ގަ އެވެ.
ބީކޭ އިން އިންތިޒާމުކުރާ އޫދު އަލް ސަބާޔާ އޭދަފުށި ބައިބަލާ މުބާރާތުގެ ކޯ ސްޕޮންސަރުންނަކީ މެޑިފްލެކްސް އާއި ރާއްޖޭގެ ސަން ކެއާ ބްރޭންޑެއް ކަމަށްވާ މުލަ މޯލްޑިވްސް އެވެ.
އިވެންޓް ޕްރޮޑަކްޝަން ޕާޓްނަރަކަށް ޔުނިކްސް ސްޕޯޓިން ހަމަޖައްސާފައި ވާއިރު ޑިޖިޓަލް ޕާޓްނަރަކީ ދިރާގެވެ. އެކެމޮޑޭޝަން ޕާޓްނަރަކީ ހުޅުމާލޭގެ ‘ދަ ޖީ-10 ހޮލިޑޭ އިން’ އެވެ. މީގެ އިތުރުން ކިޓް ޕާޓްނަރަކަށް ލަމްޕޯ ސްޕޯޓްސް ވެއާ ހަމަޖައްސާފައި ވާއިރު، ޓެކްނިކަލް ޕާޓްނަރަކީ އެރަށު އައި މޮޓޯ ޓެކް އެވެ. އަދި ރަސްމީ ފޮޓޯގްރާފަރަކަށް ހަމަޖެއްސީ އެރަށުގެ ޒުވާން ފޮޓޯ/ވީޑިއޯ ގްރާފަރު މުހައްމަދު ނާހިލް އެވެ. އަދި މީޑިއާ ޕާޓްނަރަކީ ‘ފަހުމިނެޓް’ އެވެ.
Advertisement
Leave a Reply