16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް: ސެމީގެ ޖާގަތައް ޔޫވީ، އީގަލްސް، ވެލެންސިއާ އަދި ޓީސީ އަށް

Advertisement

16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް: ސެމީގެ ޖާގަތައް ޔޫވީ، އީގަލްސް، ވެލެންސިއާ އަދި ޓީސީ އަށް

ޢަލީ ޝަހީމް
އިއްޔެ ހަވީރު ދަ ގްރާންޑޭ އާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން. - ފޮޓޯ: އެފްއޭއެމް

އެފްއޭއެމުން މިހާރު ކުރިއަށްގެންދާ 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ހަތަރު ޖާގަ ކަށަވަރުވެއްޖެ އެވެ. ހަތް ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ފަހު ސެމީގެ ޖާގަތައް ހޯދީ ޔުނައިޓެޑް ވިކްޓްރީ އާއި ކްލަބް އީގަލްސްގެ އިތުރުން ކްލަބް ވެލެންސިއާ އަދި ޓީސީ ސްޕޯޓްސް ކްލަބެވެ.

ގްރޫޕް އޭގެ އެއް ވަނަ ހަތް ޕޮއިންޓާ އެކު ޔުނައިޓެޑް ވިކްޓްރީ ހޯދިއިރު ދެ ވަނަ ލިބުނީ ހަ ޕޮއިންޓް ލިބުނު ޓީސީ ސްޕޯޓްސް ކްލަބަށެވެ. މި ގްރޫޕުގައި ދެން ހިމެނުނު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. ފުލަށް ދިޔައީ ތިން މެޗުން ވެސް ބަލިވި މާޒިޔާ އެވެ.

ގްރޫޕް ބީގައި ވާދަކުރި ވެލެންސިއާ އާއި އީގަލްސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. މި ގްރޫޕުގެ ފުރަތަމަ ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާ އެކު އެއް ވަނަ ޓީމުގެ ގޮތުގައި ސެމީގެ ފުރަތަމަ ޖާގަ ހޯދީ ވެލެންސިއާ އެވެ. ފުރަތަމަ މެޗުގައި ވެލެންސިއާ އިން 10-1 އިން ދަ ގްރާންޑޭ ބަލިކުރިއިރު ދެ ވަނަ މެޗުގައި އެޓީމުން އީގަލްސް ބަލިކުރީ 1-0 އިންނެވެ. ގްރޫޕުގެ ދެ ވަނަ ކަނޑައެޅުމަށް އިއްޔެ ހަވީރު ކުޅުނު މެޗުގައި އީގަލްސް އިން ވަނީ 4-3 އިން ދަ ގްރާންޑޭ ބަލިކޮށްފަ އެވެ.

ދަ ގްރާންޑޭ ކޮޅަށް ގޯލު ޖެހުމަށް ފަހު އީގަލްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ. – ފޮޓޯ: އެފްއޭއެމް

އިއްޔެ ކުޅުނު މެޗުން މޮޅެއް ހޯދާ ޓީމަކަށް އޮތީ ސެމީގެ ޖާގަ ކަށަވަރުވާގޮތަށެވެ. މެޗުގައި ތަފާތަކަށްވީ އީގަލްސް އަށް ހެޓްރިކް ހަދައިދިން އަހުމަދު އަފްލާޒް އެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-1 އިން އީގަލްސް ކުރީގައި އޮވެގެންނެވެ. މި ހާފުގައި އީގަލްސްގެ ލަނޑުތައް އަޝްހަމް އިބްރާހީމް އާއި އަފްލާޒް ޖެހިއިރު ދަ ގްރާންޑޭގެ ލަނޑު ޖެހީ ނަހުޒާން އަހުމަދު އެވެ. ދެ ވަނަ ހާފު ފެށިގެން އިރުކޮޅެއްތެރޭ ދަ ގްރާންޑޭ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ވެސް ނަހުޒާން އެވެ.

އީގަލްސް އިން މެޗުގައި އަލުން ލީޑު ނެގި ލަނޑުތައް 64 ވަނަ މިނެޓުގާއި 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަފްލާޒް އެވެ. ދަ ގްރާންޑޭ އިން ވަނީ މެޗުގެ އިތުރު ވަގުތުގައި ލަނޑެއް ޖަހައި 4-3 އަށް ނަތީޖާ ބަދަލުކޮށްލާފަ އެވެ. މި ލަނޑަކީ އީގަލްސްގެ ގޯލްކީޕަރު އަބާން އިބްރާހީމް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މުބާރާތުގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓްރީ އާއި އީގަލްސް އެވެ. ދެ ވަނަ ސެމީގައި ވާދަކުރާނީ ވެލެންސިއާ އާއި ޓީސީ އެވެ. ގަލޮޅު ދަނޑުގައި މި ދެ މެޗު ވެސް ކުޅޭނީ މި މަހުގެ 29 ވަނަ ދުވަހު އެވެ.

މިފަހަރު 16 އަހަރުން ދަށަށް އަމާޒުކޮށްގެން އެފްއޭއެމުން ޔޫތު މުބާރާތެއް ކުރިއަށް ގެންދިއުމުގެ މައިގަނޑު ބޭނުމަކީ އަންނަ އޮކްޓޫބަރު މަހު އޮންނަ 17 އަހަރުގެ ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ޓީމެއް އެކުލަވާލުމެވެ. 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެއާ އެކު ހިމެނެނީ އިންޑިއާ، މިއަންމާ، ސައުދީ އަރަބިއާ އަދި ކުވެއިތު އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *