ޗެމްޕިއަންސް ލީގު ފައިނަލް އަލުން ކުޅެވެން އޮތިއްޔާ އެވޯޑުތައް ވެސް ދޫކޮށްލާނަން: ސަލާހް

Advertisement

ޗެމްޕިއަންސް ލީގު ފައިނަލް އަލުން ކުޅެވެން އޮތިއްޔާ އެވޯޑުތައް ވެސް ދޫކޮށްލާނަން: ސަލާހް

ޢަލީ ޝަހީމް

މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އަލުން ކުޅެން ލިބިއްޖެ ނަމަ ސީޒަނުގައި ލިބުނު އެވޯޑުތައް ވެސް ދޫކޮށްލާނެކަމަށް ލިވަޕޫލްގެ ފޯވާޑް މުހައްމަދު ސަލާހް ބުނެފި އެވެ.

މިދިޔަ ހޮނިހިރު ދުވަހު ފްރާންސްގެ ޕެރިހުގައި ކުޅުނު ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ލިވަޕޫލް ވަނީ 1-0 އިން ރެއާލް މެޑްރިޑް އަތުން ބަލިވެފަ އެވެ. މިދިޔަ ސީޒަނުގައި ސަލާހް ވަނީ ލިވަޕޫލްއާ އެކު އިނގިރޭސި ލީގު ކަޕާއި އިނގިރޭސި އެފްއޭ ކަޕް ކާމިޔާބުކޮށްފަ އެވެ.

“ފައިނަލް އަލުން ކުޅެން ލިބިއްޖެނަމަ އަހަރެންނަށް ލިބުނު އަމިއްލަ އެވޯޑުތައް ދޫކޮށްލާނަން. އެކަމަކު އެއީ ފުޓްބޯޅައިގަ އޮންނަ އުސޫލެއް ނޫން” ޓްވިޓާގައި ކުރި ޕޯސްޓެއްގައި ސަލާހް ބުންޏެވެ.

މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގައި 23 ލަނޑު ޖަހައި ސަލާހް ވަނީ ރަން ބޫޓު ހޯދައިފަ އެވެ. މީގެ އިތުރުން ދަ ފުޓްބޯލް ވްރައިޓާސް އެސޯސިއޭޝަނުން ހޮވި އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑާއި މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ގޯލުގެ އެވޯޑް ސަލާހް ހޯދި އެވެ. އެންމެ ގޯލަށް ހޮވުނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިން ވަނަ ދުވަހު ސަލާހް މެންޗެސްޓަރ ސިޓީ ކޮޅަށް ޖެހި ގޯލެވެ. މީގެ އިތުރުން ޕްރޮފެޝަނަލް ފުޓްބޯލާސް އެސޯސިއޭޝަނުން ހޮވި ސަޕޯޓަރުންގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ވެސް ސަލާހް އަށް ލިބުނެވެ.

މިދިޔަ ސީޒަނުގެ ވަރަށް ފަހަކާ ޖެހެންދެން ލިވަޕޫލް ދިޔައީ ހަތަރު ތައްޓަށް ވާދަކުރަމުންނެވެ. އެކަމަކު ސީޒަނުގެ ފަހު މެޗުތަކުގައި އެޓީމަށް އެ ކާމިޔާބީއާ ހަމައަށް ދެވޭގޮތެއްނުވި އެވެ. ޗެމްޕިއަންސް ލީގު ފައިނަލުން ބަލިވިއިރު އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި އެޓީމަށް ގެއްލުނީ ފަހު މެޗުގައި މެންޗެސްޓަރ ސިޓީ އިން އެސްޓަން ވިލާ ބަލިކުރުމުންނެވެ.

“ޗެމްޕިއަންސް ލީގުގެ ތަށި އަލުން ލިވަޕޫލަށް ގެންނަށް ބޭނުންވި ވަރު ބުނެދޭން ނޭނގޭ. އެކަމަކު މިފަހަރު އެކަމެއް ނުވި. މި ނިމުނީ ވަރަށް ދިގު ސީޒަނެއް. އަހަރެން ބޭނުންވަނީ އަންނަ ސީޒަން މާދަމާ ވެސް ފަށަން” ލިވަޕޫލްގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަލާހް ބުންޏެވެ.

މިސްރުގެ ފޯވާޑް ސަލާހް ލިވަޕޫލާ އެކު ހަދާފައިވާ އެއްބަސްވުން އަންނަ އަހަރުގެ ޖޫން މަހު ހަމަވާނެ އެވެ. ލިވަޕޫލްގެ އެއްބަސްވުން ސަލާހް އާކޮށްފައި ނުވާއިރު، އޭނާ ބުނެފައިވަނީ އަންނަ ސީޒަނުގައި ފެންނާނީ އެ ކްލަބުން ކަމަށެވެ. ސަލާހް ލިވަޕޫލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާން ގާތްވަމުން އަންނައިރު ޔޫރަޕްގެ މަޝްހޫރު ބައެއް ކްލަބްތަކުން އަންނަނީ އޭނާ އަށް ޝައުގުވެރިކަން ފާޅުކުރަމުންނެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *