ލީގު ކޮލިފިކޭޝަން: އޭދަފުށީ ދެޓީމުގެ ވާދަވެރި ކުރިމަތިލުން މިއަދު

Advertisement

ލީގު ކޮލިފިކޭޝަން: އޭދަފުށީ ދެޓީމުގެ ވާދަވެރި ކުރިމަތިލުން މިއަދު

ޢަލީ ޝަހީމް
އޯޕަން ޑިވިޝަނުގައި ވާދަކުރާ އޭދަފުށީ ފުޓްބޯޅަ ކްލަބްގެ ޓީމު. ފޮޓޯ: އޭދަފުށީ ފުޓްބޯޅަ ކްލަބް

ދިވެހި ޕްރިމިއާ ލީގު ކޮލިފިކޭޝަނުގެ އޯޕަން ރައުންޑުގައި ބ. އޭދަފުށިން ބައިވެރިވި ދެޓީމުގެ ފުރަތަމަ ލެގްގެ މެޗު މިއަދު ހަވީރު އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑުގައި ކުޅޭނެ އެވެ.

2024/2023 ވަނަ ސީޒަނުން ފެށިގެން ދިވެހި ޕްރިމިއާ ލީގު މުޅި ރާއްޖެ އަށް ފުޅާކޮށްގެން ކުޅޭއިރު އެންމެ ފުރަތަމަ އޮންނާނީ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ އޯޕަން ޑިވިޝަނުގެ މެޗުތަކެވެ. އޭގެފަހުން އޮންނާނީ ހަތަރު ޒޯނަކަށް ބަހާލައިގެން ކުރިއަށްގެންދާ ތިން ޑިވިޝަނުގެ މެޗުތަކެވެ. އޯޕަން ޑިވިޝަންގެ މެޗުތައް އޮންނާނީ އޭދަފުއްޓާއި ލ. ގަމުގެ އިތުރުން އެ އަތޮޅު ކުނަހަންދޫ، ށ. ނަރުދޫ އަދި ސ. ފޭދޫ އާއި ސ. ހިތަދޫގަ އެވެ. މީގެ ތެރެއިން ލ. ގަމުގެ ޗެމްޕިއަންކަން އެރަށު ތިއްތި ސްޕޯޓްސް ކްލަބް ހޯދިއިރު ކުނަހަންދޫ އޯޕަން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ކުނަހަންދޫ އައިލެންޑް ނޮމިނޭޝަން ގްރޫޕެވެ.

މިއަދު އޭދަފުށީގައި އޯޕަން ޑިވިޝަން ފަށާއިރު އެ ރަށް ނިސްބަތްވަނީ ސެންޓްރަލް ޒޯނަށެވެ. އޭދަފުށިން އޯޕަން ޑިވިޝަނުގައި ބައިވެރިވީ ކްލަބް އޭދަފުއްޓާއި، އޭދަފުށީ ފުޓްބޯޅަ ކްލަބެވެ. މި ދެޓީމުގެ ތެރެއިން ޗެމްޕިއަން ޓީމު ކަށަވަރުވާނީ ދެ ލެގު ކުޅެ އެގްރިގޭޓް ނަތީޖާއިންނެވެ. މިއަދު ކުޅޭ މެޗަކީ ކްލަބް އޭދަފުށީގެ ހޯމް މެޗެވެ. ދެ ވަނަ ލެގްގެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހެވެ. އެގްރިގޭޓް ނަތީޖާ ބަލާއިރު އަވޭ ގޯލަކަށް ނުބަލާނެ އެވެ.

މުބާރާތުގައި 53 ރަށަކުން 61 ޓީމު ވަނީ ބައިވެރިވެފަ އެވެ. އޯޕަން ޑިވިޝަނުގެ މެޗުތަކުގެ ތެރެއިން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވެނީ އޭދަފުށީ ދެޓީމުގެ ކުރިމަތިލުމެވެ. ފުޓްބޯޅައިގެ މަޝްހޫރު އޭދަފުއްޓަކީ ގިނަ ކުޅުންތެރިންތަކެއް ފުރަތަމަ ޑިވިޝަނަށް ނެރެފައިވާ ރަށެކެވެ. މިހާރު އޮތް ގައުމީ ޓީމުގައި ވެސް އެރަށުގެ ތިން ކުޅުންތެރިން ހިމެނެ އެވެ.

މުބާރާތުގައި ވާދަކުރާ ކްލަބް އޭދަފުއްޓަކީ އެރަށު ކައުންސިލްގެ ކްލަބެކެވެ. އޭދަފުށީ ފުޓްބޯޅަ ކްލަބަކީ ވަރަށް ފަހުން އުފައްދައި ލީގު ކޮލިފިކޭޝަނަށް ނެރުނު ޓީމެވެ. ކްލަބް އޭދަފުށީގެ ކޯޗަކީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު މަޝްހޫރު ކޯޗު އަހުމަދު އާތިފް (އާތީ) އެވެ. އޭދަފުށީ ފުޓްބޯޅަ ކްލަބުގެ ކޯޗަކީ ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ އިބްރާހީމް ޒާހިދު (ބައްޓޭ) އެވެ.

ކޮލިފިކޭޝަނުގައި ވާދަކުރާ ކްލަބް އޭދަފުށީގެ ކޯޗު އާތީ ޓީމަށް އިރުޝާދުދެނީ. އެރަށު ދެޓީމުގެ ފުރަތަމަ ލެގްގެ މެޗު މިއަދު ހަވީރު އޮންނާނެ. – ފޮޓޯ: ކްލަބް އޭދަފުށި

މި ދެޓީމު ވެސް އަންނަނީ އޯޕަން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދުމަށް ދުރާލާ ތައްޔާރުވަމުންނެވެ. ކްލަބް އޭދަފުށީގައި ކުރިން ފުރަތަމަ ޑިވިޝަނުގައި ކުޅުނު އިޝާން އިބްރާހީމް (ސައްޓު) އާއި އޭދަފުށީގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުލްމަޖީދު އިބްރާހީމް ހިމެނެ އެވެ. މީގެ އިތުރުން ކުރިން ނިއު ރޭޑިއަންޓުގައި މޮޅު ކުޅުމެއް ދެއްކި އަހުމަދު ޝުހައިލް (ބަންބުޗް) އާއި ހުނަރުވެރި ފޯވާޑް އާދަމް ނިޒާމް (ކިތުނާ) ވެސް ކްލަބް އޭދަފުށީގައި ހިމެނެ އެވެ.

އޭދަފުށީ ފުޓްބޯޅަ ކްލަބް މުބާރާތަށް ނުކުންނަނީ ބިދޭސީ ތިން ކުޅުންތެރިންނާ އެކު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭދަފުށީ ފުޓްބޯޅަ ކްލަބުގައި ބިދޭސީ ގޯލްކީޕަރަކާއި ބިދޭސީ ޑިފެންޑަރެއްގެ އިތުރުން ބިދޭސީ ފޯވާޑެއް ހިމެނެ އެވެ. މީގެ އިތުރުން އަލީ ފާސިރު (ސެންޓޭ) ގެ ބޭބެ މުހައްމަދު ފާސިރު (ފާއްޓެ) އާއި އެރަށުގެ ހުނަރުވެރި ގިނަ ކުޅުންތެރިންތަކެއް އެޓީމުގައި ހިމެނެ އެވެ.

ކްލަބް އޭދަފުއްޓާއި އޭދަފުށީ ފުޓްބޯޅަ ކްލަބް ވާދަކުރާ ފުރަތަމަ ލެގްގެ ކުޅުން އޮންނާނީ މިއަދު ހަވީރު ހަތަރެއް ޖަހާއިރު އެރަށު ޓާފް ފުޓްބޯޅަ ދަނޑުގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *