ބެންގަލޫރު ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު ނިއުއިން ބޮޑުކޮށްފި

Advertisement

ބެންގަލޫރު ބަލިކޮށް ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު ނިއުއިން ބޮޑުކޮށްފި

ޢަލީ ޝަހީމް

އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު އިންޑިޔާ އަދި ދެކުނު އޭޝިޔާގެ ގަދަބާރު ބެންގަލޫރު 2-0 އިން ބަލިކޮށް ނިއު ރޭޑިއަންޓުން ގްރޫޕްގެ އެއްވަނަ ހޯދުމުގެ ފުރުސަތު ބޮޑު ކޮށްފި އެވެ. މިއަދު މެޗުން ލިބުނު މޮޅާއެކު މިހާތަނަށް ކުޅުނު ހަތަރު މެޗުން މި ދެޓީމަށްވެސް ނުވަ ޕޮއިންޓް ވަނީ ލިބިފައެވެ. ނިއުއަށް ގްރޫޕްގެ އެއްވަނަ ލިބެނީ ހެޑް ޓު ހެޑަށް ބަލައިގެންނެވެ. އެއީ ބެންގަލޫރުގައި ކުޅުނު ފުރަތަމަ މެޗުން 1-0 އިން ބަލިވި ނަމަވެސް މިއަދު 2-0 އިން އެޓީމު އަތުން މޮޅުވުމުންނެވެ.

މިއަދު މެޗުގައި ނިއުއިން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ބެންގަލޫރުން މިއަދު މެޗު ފެށީ މި މުބާރާތުގައި އެޓީމުން މިހާތަނަށް ނުކުތް އެންމެ ވަރުގަދަ ޓީމާ އެކުއެވެ. އޭގެތެރޭގައި ކެޕްޓަން ސުނިލް ޗެތްރީ އާއި ވިކްޓަ ޕެރޭޒް އަދި މިޑްފީލްޑަރ ލެނީ ރޮޑްރިގޭޒް ވަނީ ފުރަތަމަ އެގާރާގައި ހިމަނާފައެވެ.

Advertisement

މެޗުގެ ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ޢަލީ ފާސިރު (ސެންޓޭ) އެވެ. ސެންޓޭ މި ލަނޑު ޖެހީ ހާފުގެ މެދުތެރެއިން ޢަލީ އަޝްފާގް (ދަގަނޑޭ) ތަނަވަސްކޮށްދިން ފުރުސަތެއް ގައެވެ. އޭރިޔާ ތެރެއިން ސެންޓޭއަށް ލިބުނު ބޯޅަ ބެންގަލޫރުގެ ކީޕަރު ލަލްތުއަމާވިއާ ރަލްޓޭއަށް އަށް ފުރުސަތެއް ނުދީ ސެންޓޭ ބޯޅަ ފޮނުވާލީ ދުރު ކަނަށެވެ. މި ލަނޑުގެ އިތުރުންވެސް ފުރަތަމަ ހާފުގައި ސެންޓޭ އަދި ހަމްޒާ މުހައްމަދު (ހަމްޕު) އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތު ލިބިފައެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައި ދަގަނޑޭ ވަނީ ނިއުއަށް ލީޑު ފުޅާ ކޮށްދީފައެވެ. ބެންގަލޫރުގެ ޑިފެންޑަރުން އަތުން ދޫވި ބޯޅައެއްގައި ދަގަނޑޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ. މިއީ އޭއެފްސީ ކަޕްގައި ދަގަނޑޭ ޖެހި ހަތަރު ވަނަ ލަނޑެވެ.

ނިއުއިން ދެ ލަނޑުގެ ލީޑެއް ނެގުމުން ބެންގަލޫރު ޓީމުން ވަނީ ކުރިއަށް ޖެހި ލަނޑެއް ޖަހަން މަސައްކަތް ކޮށްފައެވެ. ނަމަވެސް ލަނޑު ޖަހާނެ މާ ރަނގަޅު ފުރުސަތެއް އެޓީމަށް ތަނަވަސް ކުރެވިފައެއް ނުވެއެވެ. ބެންގަލޫރު ޓީމު ކުރިއަށް ޖެހުމުން ނިއުގެ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބި ބޭކާރު ވެފައެވެ. އޭގެ ތެރޭގައި ސެންޓޭއަށް ހުސް ދެ ފުރުސަތު ފާހަގަ ކޮށްލެވެއެވެ.

މި ގްރޫޕުގައި މިއަދު ކުޅުނު އަނެއް މެޗުގައި ބަންގްލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީއާއި އިންޑިޔާގެ ޗެމްޕިއަން އައިޒޯލް އެފްސީ ބައްދަލުކުރި މެޗު ނިމުނީ އެއްވަރު ވެގެންނެވެ. ނިއުއާއި ބެންގަލޫރުގެ ފަހަތުން މި ގްރޫޕުގެ ތިންވަނައިގައި ކުޅުނު ހަތަރު މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު އޮތީ ޑާކާ އަބަހާނީ އެވެ. ގްރޫޕްގެ ފުލުގައި އޮތް އައިޒޯލަށް ކުޅުނު ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

 

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *