އަންހެން ރެފްރީންނާ އެކު ވޯލްޑް ކަޕްގެ ތާރީހު ބަދަލުކޮށްލައިފި

Advertisement

އަންހެން ރެފްރީންނާ އެކު ވޯލްޑް ކަޕްގެ ތާރީހު ބަދަލުކޮށްލައިފި

ޢަލީ ޝަހީމް
ވޯލްޑް ކަޕަށް ހޮވުނު ފްރާންސްގެ އަންހެން ރެފްރީ ފްރެޕާޓް މެޗެއްގެ ތެރެއިން. މިފަހަރުގެ ވޯލްޑް ކަޕްގައި އަންހެން ރެފްރީން ފެންނާނެ

މިއަހަރުގެ ފަހުކޮޅު ގަތަރުގައި ބާއްވާ މެންސް ފީފާ ވޯލްޑް ކަޕްގައި އަންހެން ރެފްރީން މެޗުތައް އިންސާފުކުރާނެކަން ފީފާ އިން އިއުލާންކޮށްފި އެވެ. މިއީ ފީފާ މެންސް ވޯލްޑް ކަޕްގެ ދިގު ތާރީހުގައި އަންހެން ރެފްރީން މެޗުތައް އިންސާފުކުރާނެ ފުރަތަމަ ފަހަރެވެ.

އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ފަށާ މުބާރާތުގެ ރެފްރީކަން ކުރާނެ އަންހެން ރެފްރީންނަށް ހޮވުނީ ފްރާންސްގެ ސްޓެފަނީ ފްރެޕާޓް އާއި ރުވާންޑާގެ ސަލިމާ މުކަންސަންގާ އާއި ޖަޕާނުގެ ޔޮޝީމީ ޔަމަޝިތާ އެވެ. މި ތިން އަންހެން ރެފްރީންނާއެކު އަންހެން ތިން އެސިސްޓެންޓް ރެފްރީން ހަރަކާތްތެރިވާނެ އެވެ.

Advertisement

މިފަހަރުގެ ވޯލްޑް ކަޕްގައި ޖުމްލަ 36 ރެފްރީން މެޗުތައް އިންސާފުކުރާނެ އެވެ. އަދި 69 އެސިސްޓެންޓް ރެފްރީންނާއި 24 ވީޑިއޯ މެޗު އޮފިޝަލުން ހަރަކާތްތެރިވާނެ އެވެ.

އަންހެން ރެފްރީން ކަނޑައެޅުމަށް ފަހު ފީފާގެ ރެފްރީން ކޮމިޓީގެ ޗެއާމަން ކަމުގެ މަގާމް އަދާކުރާ ކުރީގެ މަޝްހޫރު ރެފްރީ، ޕިއަރްލުއިޖީ ކޮލީނާ ބުނީ މިއީ މީގެ އަހަރުތަކެއް ކުރިން އަންހެން ރެފްރީން އުފައްދަން ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. ފީފާ އިން ވަނީ މިދިޔަ އަހަރުތަކުގައި ފީފާ ޖޫނިއާ އަދި ސީނިއާ ބައެއް މުބާރާތްތަކުގައި އަންހެން ރެފްރީން ބޭނުންކޮށްފަ އެވެ. ކޮލީނާ ބުނީ މުހިއްމީ ރެފްރީންގެ ފެންވަރު ކަމަށާއި ވަކި ޖިންސަކަށް މުހިއްމުކަން ނުދޭ ކަމަށެވެ.

މުބާރާތަށް އެކުލަވާލި ރެފްރީންގެ ޓީމުގައި އިނގިރޭސި ޕްރިމިއާ ލީގުގައި ރެފްރީކަން ކުރާ މައިކަލް އޮލިވާ އާއި އެންތަނީ ޓެއިލާ ވަނީ ހިމެނިފަ އެވެ. ޓެއިލާ ވަނީ މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފިންލެންޑާއި ޑެންމާކް ވާދަކުރި މެޗުގެ ރެފްރީކަން ކޮށްފަ އެވެ. އެ މެޗު އެންމެ ފާހަގަކުރެވުނީ ޑެންމާކްގެ ކްރިސްޓިއަން އެރިކްސެންގެ ހިތް ހުއްޓި ފަރުވާދިނުމަށް ފަހު އޭނާގެ ފުރާނަ ސަލާމަތްވި މެޗުގެ ގޮތުގަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *