ޓެން ހާގް އަޔަސް ޔުނައިޓެޑަށް ކާމިޔާބުވާނެކަން ޔަގީނެއް ނޫން: ގާޑިއޯލާ

ނެދަލެންޑްސް އަށް އުފަން އަޔަކްސްގެ މިހާރު ކޯޗު އެރިކް ޓެން ހާގަކީ އާދަޔާހިލާފު މޮޅު ކޯޗެއް ކަމަށާއި، އެކަމަކު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމަށް ޓެން ހާގް އަޔަސް ކާމިޔާބީ ހޯދޭނެކަމުގެ ޔަގީންކަން ނެތްކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
އޮލެ ގުނަ ސޯލްޝެއާ ކޯޗުކަމުން ވަކިކޮށް މި ސީޒަން ނިމެންދެން ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް ހަމަޖައްސާފައި ހުރީ ރަލްފް ރަންގްނިކް އެވެ. މި ސީޒަން ނިމުނުން ރަންގްނިކް ބަދަލުވާނީ ޔުނައިޓެޑްގެ އެޑްވައިޒަރީ ރޯލަކަށެވެ. އެހެންވެ ޔުނައިޓެޑުން އަންނަނީ ސީޒަން ނިމުމުގެ ކުރިން ދާއިމީ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ މިދިޔަ އަހަރުތަކުގައި އަޔަކްސްގައި ރަނގަޅު މަސައްކަތްތަކެއް ކުރި އުމުރުން 52 އަހަރުގެ ޓެން ހާގެވެ.
ގާޑިއޯލާ ވަނީ ބަޔާން މިއުނިކްގެ ކޯޗުކަމުގައި ޓެން ހާގާއެކު މަސައްކަތްކޮށްފަ އެވެ. އޭރު ޓެން ހާގަކީ ބަޔާންގެ ދެ ވަނަ ޓީމުގެ ކޯޗެވެ.
“އަހަރެން ބުނާނީ ޓެން ހާގް ޔުނައިޓެޑްގެ ކޯޗަކަށް ހަމަޖައްސާށޭ. އެކަމަކު ޓެން ހާގާއެކު ޔުނައިޓެޑަށް ކާމިޔާބީ ލިބޭނެކަން އަހަރެންނަށް އަދި އެކަކަށް ވެސް ނޭނގޭނެ. ޓެން ހާގަކީ މޮޅު ކޯޗެއް. ސަރ އެލެކްސް ފާގަސަން ދިޔަފަހުން ޔުނައިޓެޑަށް ގެނައީ ވެސް މޮޅެތި ކޯޗުން” މިދިޔަ އަހަރުތަކުގައި ޔުނައިޓެޑްގެ ނާކާމިޔާބީއާ ގުޅުވައި ގާޑިއޯލާ ބުންޏެވެ.

ބަޔާންގެ ކޯޗުކަމުގައި ހުރިއިރު ގާޑިއޯލާ ޓެން ހާގާއެކު
ކާމިޔާބު ކޯޗު ފާގަސަން ޓީމު ދޫކޮށްލިފަހުން ޔުނައިޓެޑާ ހަވާލުވި އެއްވެސް ކޯޗަކަށް އެޓީމު ރަނގަޅު މިސްރާބަކަށް ގެންދެވޭގޮތެއްނުވި އެވެ. މިދިޔަ އަހަރުތަކުގައި ޑޭވިޑް މޯޔެސް އާއި ލުއީ ވެން ހާލް އާއި ހޯސޭ މޮރީނިއޯ ވެސް ވަނީ ޔުނައިޓެޑްގެ ނާކާމިޔާބުވެފަ އެވެ.
“މޯޔެސް އަކީ މޮޅު ނޫން ކޯޗެކޭ ނުބުނެވޭ. އަދި މޮރީނިއޯ އާއި މިހާރުގެ ކޯޗުގެ މޮޅުކަމާ މެދު ވެސް ސުވާލެއް ނުކުރެވޭނެ. ޔުނައިޓެޑްގައި މިދިޔަ އަހަރުތަކުގައި ތިބީ މޮޅެތި ކޯޗުން” ޔުނައިޓެޑާ ވާދަވެރި ސިޓީގައި ގިނަ ކާމިޔާބީތަކެއް ހޯދަމުން އަންނަ ގާޑިއޯލާ ބުންޏެވެ.
ޓެން ހާގް އަޔަކްސްއާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ އަންނަ ސީޒަން ނިމުމުންނެވެ. އެކަމަކު ރިޕޯޓުތައް ބުނާގޮތުން އަޔަކްސްގެ އެއްބަސްވުން ހަމަވުމުގެ އެއް އަހަރު ކުރިން ޓެން ހާގް ގެނައުމުގެ ރަސްމީ މަސައްކަތް ޔުނައިޓެޑުން މިހާރު ވަނީ ފަށައިފަ އެވެ. ޓެން ހާގް ވަނީ އަޔަކްސްގައި ހޭދަކުރި ފަސް އަހަރު ޑަޗް ލީގުގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދައި ޑަޗް ކަޕް ދެ ފަހަރު ހޯދާފަ އެވެ.
ޓެން ހާގްގެ އިތުރުން ޕްރެޝަރުގައި ހުރި ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓިނޯ އަކީ ވެސް ޔުނައިޓެޑުން ޝައުގުވެރިވާ ކޯޗެކެވެ. ޕޮޗެޓީނޯގެ އިތުރުން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ އަށް ވެސް ޔުނައިޓެޑުން ޝައުގުވެރިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.
Advertisement


Leave a Reply