ވެލެންސިއާ ބަލިކޮށް އީގަލްސް ކުރިއަށް ޖެހިލައިފި

Advertisement

ވެލެންސިއާ ބަލިކޮށް އީގަލްސް ކުރިއަށް ޖެހިލައިފި

ޢަލީ ޝަހީމް
ލީގުަގައި މިރޭ ކްލަބް އީގަލްސް އާއި ކްލަބް ވެލެންސިއާ ވާދަކުރި މެޗުގެ ތެރެއިން. - ފޮޓޯ: އެފްއޭއެމް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ވެލެންސިއާ އަތުން 1-0 އިން މޮޅުވެ ކްލަބް އީގަލްސް ލީގުގެ ދެ ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

މުހިއްމު މޮޅާ އެކު އީގަލްސް ދެ ވަނަ އަށް އެރީ ހަ މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ވެލެންސިއާ އޮތީ ހަ މެޗުން ލިބުނު 12 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. އެއް ވަނައިގައި އޮތީ ފުރަތަމަ ހަ މެޗުން މޮޅުވެ 18 ޕޮއިންޓް ހަމަކޮށްފައިވާ މާޒިޔާ އެވެ.

Advertisement

މިރޭގެ މެޗުގައި ވެލެންސިއާގެ ގޯލު ބެލެހެއްޓީ ބަދަލު ގޯލްކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) އެވެ. ގައުމީ ޓީމުގެ އެއް ވަނަ ކީޕަރު މުހައްމަދު ފައިސަލް މިރޭގެ މެޗުގައި ނުކުޅުނީ އަމިއްލަ ސަބަބަކާ ގުޅިގެންނެވެ. ވެލެންސިއާ ޓީމުން ދެން ފާހަގަކުރެވުނު ބަދަލަކީ ޖަލު ހުކުމެއް ތަންފީޒު ކުރުމަށް ފަހު މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) އަލުން ކުޅެން ނުކުތުމެވެ. ވެލެންސިއާގެ ފުރަތަމަ އެގާރައިގައި ކުޅޭ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އާއި އަބްދުﷲ ޔާމީން (ޔާން) މިރޭގެ މެޗުގައި ކުޅެން އެރީ ބެންޗުންނެވެ.

ވެލެންސިއާ ކޮޅަށް އީގަލްސްގެ ހަމައެކަނި ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިޓަލީގެ މިޑްފީލްޑަރު ޖިއަކޯމޯ ފަވޭރޯ އެވެ. ފަވޭރޯ އަށް ލިބުނު ބޯޅަ އޭނާ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. އީގަލްސް އިން ލަނޑު ޖެހުމުން މެޗުގެ ބާކީ ބައިގައި ވެލެންސިއާ އިން ވަނީ ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ. ރެފްރީގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން މެޗުގައި ވެލެންސިއާ އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެލެންސިއާގެ ހަމަލާތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދެއްކި އީގަލްސްގެ ބިދޭސީ ގޯލްކީޕަރު މުހައްމަދު ތާހާ އެވެ.

މުބާރާތުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. މާދަމާ ރޭ ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ނުކުންނާނީ ޔުނައިޓެޑް ވިކްޓްރީއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *