މުރައިދޫ ބަލިކޮށް ފެހެންދޫން ސެމީގެ އުއްމީދު އާކޮށްފި

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރުގެ ގްރޫޕް ދޭއްގައި މިއަދު ކުޅުނު މެޗުގައި ހއ. މުރައިދޫ ބަލިކޮށް ބ. ފެހެންދޫން ސެމީއަށް ދިއުމުގެ އުއްމީދު އާކޮށްފި އެވެ. ށ. ފޯކައިދޫ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފެހެންދޫ ޓީމުން ކާމިޔާބު ކުރީ 4-0 އިންނެވެ. ފުރަތަމަ ކުޅުނު މެޗުން މި ދެޓީމުވެސް ބަލިވުމުން ދެޓީމަށްވެސް މިއަދުގެ މެޗުން މޮޅުވާން މަޖޫބޫރެވެ.
މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އިބްރާހީމް މާޖިދު އެވެ. މާޖިދު ވަނީ ފުރަތަމަ މެޗުގައި ފޯކައިދުއާ ވާދަކުރި މެޗުގައިވެސް ޕެނަލްޓީއަކުން ލަނޑު ޖަހާފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ ފެހެންދޫ އެއް ލަނޑުގެ ލީޑެއްގައި އޮވެގެންނެވެ.
މުޅި މެޗުގައިވެސް މޮޅަށް ކުޅުނު ފެހެންދޫ ޓީމުގެ އަނެއް ތިން ލަނޑު ފެނުނީ މެޗުގެ ފަހު ފަނަރަ މިނެޓުގައެވެ. ދެވަނަ ލަނޑު މެޗުގެ 78 ވަނަ މިނެޓުގައި އާދަމް ނިޒާމު ކާމިޔާބު ކުރިއިރު ތިންވަނަ ލަނޑު މެޗުގެ 82 ވަނަ މިނެޓުގައި ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޙުސައިން އީމާން އެވެ. ފެހެންދޫ ޓީމުގެ ހަތަރު ވަނަ ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޖެހީ ޙަސަން ސުޖާއު އެވެ. މި މޮޅާއެކު ފެހެންދޫ ޓީމަށް ވަނީ ކުޅުނު ދެމެޗުން 3 ޕޮއިންޓް ލިބިފައެވެ. ކުޅުނު ދެމެޗުންވެސް ބަލިވެ މުރައިދޫ ވަނީ މުބާރާތާ އަލްވާދާއު ކިޔާފައެވެ.
ފައިނަލް ބުރުގެ ގްރޫޕް ދޭއްގެ މެޗެއް ދެން ކުޅޭނީ އަންނަ ހުކުރު ދުވަހުއެވެ. މި މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ށ. ފޯކައިދޫ އާއި އއ. މާޅޮހެވެ. މި ދެޓީމުވެސް މިހާތަނަށް ކުޅުނު ދެ މެޗު ވަނީ ކާމިޔާބު ކޮށްފައެވެ.
މިނިވަން ޗެމްޕިއަންޝިޕްގެ ސެމީއަށްދާ ހަތަރު ޓީމަށް މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގުން ފުރުސަތު ލިބިގެންދާނެއެވެ.
Advertisement


Leave a Reply