ހަނާވަމުން އަޔަސް ޗެލްސީން ދަނޑުމަތީގައި ހިތްވަރު ދައްކައިފި
ރަޝިއާ އާއި ޔޫކްރޭންގެ ހަނގުރާމައިގެ މައްސަލައިގައި، އިނގިރޭސި ސަރުކާރުން ޗެލްސީގެ ވެރިޔާ އަދި ރަޝިއާ މަހުޖަނު ރޯމަން އަބްރަމޮވިޗްގެ ވިޔަފާރިތައް ހުއްޓާލަން އެނގުމުން، އަޑިގަނޑަކަށް ވެއްޓިފައި އޮއްވައި ޗެލްސީން މިރޭ އިނގިރޭސި ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި 1-0 އިން ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްފި އެވެ.
ޗެލްސީ ވިއްކާލަން އަބްރަމޮވިޗް ނިންމާފައިވަނިކޮށް އިނގިރޭސި ސަރުކާރުގެ ޕްރެޝަރާ ހެދި އެ މަސައްކަތް ވަނީ މަޑުޖައްސާލަން ޖެހިފަ އެވެ. ރަޝިއާގެ ވިޔަފާރިތަކަށް އިނގިރޭސި ސަރުކާރުން ފިޔަވަޅު އަޅަމުން އަންނައިރު އަބްރަމޮވިޗްގެ އެސެޓްތައް މިހާރު ވަނީ ފްރީޒްކޮށްފަ އެވެ. އަނެއްކޮޅުން ބާކްލޭސް ބޭންކުން މިހާރު ވަނީ ޗެލްސީގެ އެކައުންޓްތައް ސަސްޕެންޑްކޮށްފަ އެވެ. މީގެ އިތުރުން ޗެލްސީގެ ކުޅުންތެރިންގެ އެއްބަސްވުން އާކުރުމާއި، ޗެލްސީގެ ރަސްމީ ފިހާރަތަކުން ވިޔަފާރިކުރުން ވެސް މިހާރު ވަނީ މަޑުޖައްސާލާފަ އެވެ.
2003 ވަނަ އަހަރު އަބްރަމޮވިޗް ޗެލްސީ ގަތުމަށް ފަހު އެޓީމު ވަނީ ޔޫރަޕްގެ ވަރުގަދަ ކްލަބަކަށް ހަދައިފަ އެވެ. މިދިޔަ 19 ވަރަކަށް އަހަރުތެރޭ ޗެލްސީން ވަނީ 21 ތަށި ހޯދައިފަ އެވެ. އޭގެތެރޭގައި އިނގިރޭސި ޕްރިމިއާ ލީގު ފަސް ފަހަރު ކާމިޔާބު ކުރުމާއި ޔޫއެފާ ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކުރުން ހިމެނެ އެވެ.
ބޮޑު ނުތަނަވަސް ކަމެއްގައި ޗެލްސީން މިރޭ ނިއުކާސަލް އަތުން މޮޅުވީ މެޗު ނިމެން ގާތްވެފައިވަނިކޮށް ކާމިޔާބުކުރި ލަނޑުންނެވެ. މެޗުގެ 88 ވަނަ މިނެޓުގައި ޗެލްސީ އަށް މި ގޯލު ކާމިޔާބުކޮށްދިނީ ކައި ހަވާޓްޒް އެވެ. މިއީ ލީގުގައި ހަވާޓްޒް ޖެހިޖެހިގެން ލަނޑު ޖެހި ތިން ވަނަ މެޗެވެ. ނިއުކާސަލުން ޗެލްސީއާ ދެކޮޅަށް މޮޅު ކުޅުމެއް ދެއްކިއިރު މެޗުގެ 75 ވަނަ މިނެޓާ ހަމައަށް ނިއުކާސަލްގެ ގޯލާ އަމާޒުކޮށް ޗެލްސީ އަށް ހަމަލާއެއް ފޮނުވައެއްނުލެވުނެވެ.
ޗެލްސީ މިވަގުތު އޮތީ 28 މެޗުން ލިބުނު 59 ޕޮއިންޓާ އެކު ލީގުގެ ތިން ވަނައިގަ އެވެ. ލީގުގެ އެއް ވަނައިގައި 69 ޕޮއިންޓާ އެކު މެންޗެސްޓަރ ސިޓީ އޮތްއިރު ދެ ވަނައިގައި އޮތީ 66 ޕޮއިންޓް ހޯދާފައިވާ ލިވަޕޫލް އެވެ.
ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވުލްވްސް އިން ވަނީ ރަށުން ބޭރުގައި 1-0 އިން އެވަޓަން ބަލިކޮށްފަ އެވެ. އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑުން ފަހު ވަގުތު 1-2 އިން ނޯވިޗް ސިޓީ ބަލިކުރި އިރު ސައުތެމްޓަންގެ ދަނޑުގައި ވެޓްފޯޑް ވަނީ 2-1 އިން މޮޅުވެފަ އެވެ. ފަހަކަށް އައިސް ރަނގަޅު ފޯމެއްގައި އެސްޓަން ވިލާ ވަނީ ރަށުން ބޭރުގައި 1-2 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. ލީގުގައި މިރޭ ދެން ކުޅޭނީ އާސެނަލް އާއި ލެސްޓާ ސިޓީ ވާދަކުރާ މެޗެވެ.
Advertisement
Leave a Reply