ޓަނާގެ ހެޓްރިކާ އެކު މާޒިޔާ އަށް ހަ މެޗުން ހަ މޮޅު

Advertisement

ޓަނާގެ ހެޓްރިކާ އެކު މާޒިޔާ އަށް ހަ މެޗުން ހަ މޮޅު

ޢަލީ ޝަހީމް
ހެޓްރިކް ހެދި ޓަނާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. އޭނާ އަންނަނީ މޮޅު ކުޅުމެއް ދައްކަމުން. - ފޮޓޯ: މާޒިޔާ

ސްޕެއިންގެ ހުނަރުވެރި މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒްގެ ހެޓްރިކާ އެކު، ކްލަބް ގްރީން ސްޓްރިޓްސް 6-0 އިން ބަލިކޮށް މާޒިޔާ އިން ލީގުގައި ޖެހިޖެހިގެން ހަ ވަނަ މޮޅު ހޯދައިފި އެވެ.

ކުޅުނު ހަ މެޗުން މޮޅުވެ 18 ޕޮއިންޓާ އެކު މާޒިޔާ އޮތީ އެއް ވަނައިގަ އެވެ. ދެ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް ފަސް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ކްލަބް އީގަލްސް އަށް ފަސް މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. ގްރީން ސްޓްރީޓްސް އަށް ހަ މެޗުން ލިބުނު ހަތަރު ޕޮއިންޓާ އެކު އޮތީ ލީގުގެ ފަސް ވަނައިގަ އެވެ. ޕްރެޒިޑެންޓްސް ކަޕްގައި މޮޅު ކުޅުމެއް ދެއްކި ނަމަވެސް ލީގުގައި ގްރީން ސްޓްރީޓްސް އިން ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗުން ވަނީ ބަލިވެފަ އެވެ.

Advertisement

މިއަދުގެ މެޗުގައި މާޒިޔާގެ ފުރަތަމަ ލަނޑު 18 ވަނަ މިނެޓުގައި ޖެހީ ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓަނާ ވަނީ އިތުރު ދެ ގޯލު ޖަހައި މާޒިޔާގެ ލީޑު ފުޅާކޮށްފަ އެވެ. 31 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު (ހަމްޕު) ގެ އެހީތެރިކަމާ އެކު ޓަނާ، އޭނާގެ ފުރަތަމަ ލަނޑު ޖެހިއިރު ދެ ވަނަ ލަނޑު ޖެހީ 36 ވަނަ މިނެޓުގައި ލިބުނު ފުރުސަތުގައި ގޯލުގެ ކަނަށް ބޯޅަ ވައްދާލައިގެންނެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު މާޒިޔާގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ނާއިޒް ހަސަން (ދާދު) އެވެ. ޓަނާ މެޗުގެ ހެޓްރިކް ފުރިހަމަކުރީ 78 ވަނަ މިނެޓުގަ އަސަދުﷲ އަބްދުﷲގެ އެހީތެރިކަމާ އެކު އެވެ. މިއީ މާޒިޔާ އަށް ބަދަލުވުމަށް ފަހު ކުޅުނު ހަ މެޗުގައި ޓަނާ ޖެހި ހަ ވަނަ ގޯލެވެ. މާޒިޔާގެ ފަހު ގޯލު އިތުރު ވަގުތުގައި ލިބުނު ފުރުސަތެއްގައި ޖެހީ ހަމްޕު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހެޓްރިކް ހެދި ޓަނާ އެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އާއި ކްލަބް އީގަލްސް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *