ބްރައިޓަން ބަލިކޮށް ލިވަޕޫލުން ސިޓީ އަށް ޕްރެޝަރުކޮށްފި

Advertisement

ބްރައިޓަން ބަލިކޮށް ލިވަޕޫލުން ސިޓީ އަށް ޕްރެޝަރުކޮށްފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި 2-0 އިން ބްރައިޓަން ބަލިކޮށް ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓަރ ސިޓީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ލިވަޕޫލުން ކުޑަކޮށްފި އެވެ.

އެއް ވަނައިގައި ސިޓީ އޮތީ 28 މެޗުން 69 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް 28 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. ތިން ޕޮއިންޓުގެ ފަރަގެއް ދެޓީމުގެ ދެމެދުގައި އޮތްއިރު ސިޓީގެ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ނުކުންނަ މެޗު އޮންނާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. ޕޮއިންޓުގެ ގޮތުން އެއްވަރުވެއްޖެ ނަމަ ލީގު ތަށި ދޭނީ ފައިދާ ގޯލުގެ ތަފާތަށް ބަލައިގެންނެވެ. މިވަގުތު ލިވަޕޫލަށް ފައިދާ 53 ގޯލު އޮތްއިރު ސިޓީ އަށް އޮތީ ފައިދާ 50 ގޯލެވެ.

Advertisement

މިރޭގެ މެޗުގައި ލިވަޕޫލްގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ލުއިސް ޑިއާޒް އެވެ. މިއީ މިދިޔަ ޖެނުއަރީ މަހު ޕޯޓޯ ދޫކޮށް ލިވަޕޫލަށް ބަދަލުވެ ޑިއާޒް ލިވަޕޫލަށް ކާމިޔާބުކޮށްދިން ދެ ވަނަ ލަނޑެވެ. ލިވަޕޫލަށް ގުޅުމަށް ފަހު މޮޅު ކުޅުމެއް ދައްކައި ޑިއާޒް މިހާރު އަންނަނީ ފުރަތަމަ އެގާރައިން ޖާގަ ހޯދަމުންނެވެ.

ލިވަޕޫލްގެ ދެ ވަނަ ލަނޑު ދެ ވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހް އެވެ. މިއީ ލިވަޕޫލްގެ ނަބީ ކެއިޓާ ޖެހި ބޯޅައެއް ބްރައިޓަންގެ ކުޅުންތެރިއަކު އަތުން ބްލޮކްކުރުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ ސަލާހް މި ސީޒަނުގެ ލީގުގައި ކާމިޔާބުކުރި 20 ވަނަ ގޯލެވެ. އޭނާ ވެފައިވަނީ ޕްރިމިއާ ލީގުގެ ތާރީހުގައި ހަތަރު ސީޒަނުގައި 20 ގޯލު ހަމަކުރި ހަ ވަނަ ކުޅުންތެރިޔާއަށެވެ.

ލިވަޕޫލަށް މެޗުގައި ދިމާވި އެންމެ ބޮޑު މައްސަލައަކީ ކަކުލަށް އަނިޔާވެގެން ދެ ވަނަ ހާފުގައި ސަލާހް ބަދަލުކުރަން ޖެހުމެވެ. މި ހަފްތާ ލިވަޕޫލުން އާސެނަލާ ދެކޮޅަށް ކުޅޭއިރު އެ މެޗުގައި ސަލާހަށް ކުޅެވޭނެކަމުގެ ޔަގީންކަމެއް ނެތެވެ. މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ސަލާހްގެ އަނިޔާ ސީރިއަސްކަމަށް ގަބޫލުނުކުރެވޭ ކަމަށާއި، އެކަމަކު ސަލާހް ހަރަކާތް ކުރިގޮތުން އަނިޔާއެއް ވީކަން ޔަގީންކަމަށެވެ. އިތުރަށް ބެލުމަށް ފަހު ސަލާހްގެ އަނިޔާގެ ތަފްސީލު ހާމަކުރާނެކަމަށް ކްލޮޕް ބުންޏެވެ.

ލީގުގައި ސިޓީ ކުޅޭ މެޗު އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރެ އެވެ. ރަށުން ބޭރުގައި ސިޓީ އެރޭ ނުކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *