ގޯލްޑަން ފުޓްސަލް: ތިމަރަފުށި އަތޮޅު ފައިނަލަށް، އޭދަފުއްޓަށް ރަނގަޅު ފެށުމެއް
91 ޓީމާ އެކު ހުޅުމާލޭގައި ކުރިއަށްދާ ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ރޭ ކުޅުނު މެޗުން މޮޅުވެ މިދިޔަ އަހަރުގެ ޗެމްޕިއަން ތިމަރަފުށި އަތޮޅު ފައިނަލުން ފުރުސަތު ހޯދިއިރު އެންމެ ފަހުގެ ރަނަރަޕް، އޭދަފުށިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި އެވެ.
ރޭ އޭދަފުށި ވަނީ ބ. އަތޮޅު ބުރުގެ ފުރަތަމަ މެޗުގައި 5-1 އިން ތުޅާދޫ ބަލިކޮށްފަ އެވެ. މި ދެޓީމުގެ އިތުރުން ބ. އަތޮޅުން މުބާރާތުގައި ބައިވެރިވީ 2015 ވަނަ އަހަރުގެ ޗެމްޕިއަން ހިތާދޫ އެވެ. ރޭގެ މެޗުގައި އޭދަފުށީގެ ފަސް ގޯލުގެ ތެރެއިން ދެ ގޯލު ޖަހައި އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ. މެޗުގެ ފުރަތަމަ ގޯލު ތުޅާދޫގެ އަހުމަދު ޖައިލަމް އަތުން ބައިކޮޅަށް ވަންއިރު އޭދަފުށީގެ އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ ހަމްދާން އަބްދުއްސައްތާރު އާއި އަލީ ނަސީމް އެވެ. ތުޅާދޫގެ ހަމައެކަނި ލަނޑު ލިބުނު ޖެހުމަކުން ކާމިޔާބުކޮށްދިނީ އީމާން އިލިޔާސް އެވެ.
ތ. އަތޮޅު ގްރޫޕް ބީގެ އެއް ވަނަ ޓީމުގެ ގޮތުގައި ތިމަރަފުށި ފައިނަލަށް ދަތުރުކުރީ ރޭ 5-2 އިން ބުރުނީ ބަލިކޮށްގެންނެވެ. ތިމަރަފުށި ވަނީ ފުރަތަމަ މެޗުގައި މި ގްރޫޕުގައި ދެން ހިމެނޭ ވޭމަންޑޫ ބަލިކޮށްފަ އެވެ. ތިމަރަފުއްޓަށް ދެ މެޗުން ހަ ޕޮއިންޓް ވަނީ ލިބިފަ އެވެ. ތިމަރަފުށީގެ ފަސް ގޯލުގެ ތެރެއިން ދެ ލަނޑު ޖެހީ އިބްރާހީމް ހަމްދާން އެވެ. އަނެއް ތިން ލަނޑުގެ ތެރެއިން އެއް ލަނޑަކީ ބުރުނީ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ދެން އެޓީމަށް ލަނޑު ޖަހައިދިނީ އަލީ ޝިފާއު (ރޮނާ) އާއި މުހައްމަދު ޒަޔާން މުލާޒް އެވެ. ބުރުނީގެ ދެ ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު އިބްރާހީމް އާއި މުހައްމަދު ނާހިލް ނޫހު އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަމްދާން އެވެ.
Golden Futsal Challenge 2022
Two times Champion Th. Thimarafushi advances to the Atoll Finals!@SoneeSports @GFAmaldives pic.twitter.com/lK303vHcXr— Fahuminet (@fahuminet) March 4, 2022
ތ. އަތޮޅުގެ ގްރޫޕް އޭގައި ރޭ ގާދިއްފުއްޓާއި އޮމަދޫ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މި ގްރޫޕުން ފައިނަލުގެ ޖާގައެއް އަދި ކަށަވަރުނުވާއިރު ފަހު މެޗުގައި އޮމަދޫ ނުކުންނާނީ ކިނބިދޫއާ ދެކޮޅަށެވެ. އެ މެޗު ތިން ގޯލުގެ ތަފާތަކުން ކާމިޔާބުކޮށްފި ނަމަ ތިމަރަފުއްޓާ ދެކޮޅަށް އަތޮޅު ފައިނަލުގައި ނުކުންނާނީ އޮމަދޫ އެވެ. އެނޫން ނަތީޖާއަކުން އެ މެޗު ނިމިއްޖެ ނަމަ ގާދިއްފުއްޓަށް ފައިނަލުގެ ފަހު ޖާގަ ލިބޭނެ އެވެ. ރޭގެ މެޗުގައި އޮމަދޫ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އަހުމަދު ނަޝްވާން އާއި އަޒްމާން އަހުމަދު އެވެ. ގާދިއްފުށީގެ ފުރަތަމަ ލަނޑު މުހައްމަދު ސާހިލް ޖެހިއިރު އެއްވަރުކުރި ލަނޑު ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހުސައިން ޒާހިރު އެވެ.
ރ. އަތޮޅު ބުރުގެ މެޗުތައް ރޭ ފެށިއިރު ދުވާފަރުން ވަނީ 6-0 ގެ ނަތީޖާއަކުން އިންނަމާދޫ ބަލިކޮށްފަ އެވެ. ރ އަތޮޅުން މުބާރާތުގައި ދެން ވާދަކުރަނީ އިނގުރައިދޫ އެވެ. ރޭ ދުވާފަރުން ޖެހި ހަ ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ޖުމާން އަހުމަދު އެވެ. އަނެއް ދެ ގޯލު ޖެހީ މުހައްމަދު ހަފީޒް އަދި މުހައްމަދު އިސާމް އެވެ. މި ގްރޫޕުގައި އެންމެ ވާދަވެރިވާނެ ކަމަށް ބެލެވޭ ދުވާފަރާ އިނގުރައިދޫގެ ކުރިމަތިލުން އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރެ އެވެ.
ގއ. އަތޮޅުގެ ގްރޫޕް ބީގައި ރޭ މާމެންދޫ އަތުން 5-1 އިން ބަލިވެ ކޮލަމާފުށި ވަނީ މުބާރާތުން ކަޓައިފަ އެވެ. ފުރަތަމަ މެޗުގައި ކޮލަމާފުށި ބަލިވީ ދާންދޫ އަތުންނެވެ. ރޭގެ މެޗުގައި މާމެންދޫގެ އަޝްފާގް އަހުމަދު ވަނީ ހެޓްރިކް ހަދައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އެޓީމުގެ އަނެއް ދެ ލަނޑު ކާމިޔާބުކޮށްދިނީ އަހުސަން ހަސަން ދީދީ އާއި މުސީފް އަބްދުލްގަފޫރު އެވެ. ކޮލަމާފުށީގެ ހަމައެކަނި ލަނޑު ޖެހީ އިސްމާއިލް މުސަބް ނަޖީބް އެވެ.
ހަތަރު ޓީމު ވާދަކުރާ ގއ. އަތޮޅުގެ ގްރޫޕް އޭގައި ރޭ ކޮނޑޭ އިން ވަނީ 2-0 އިން ގއ. ނިލަންދޫ ބަލިކޮށްފަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ގެމަނަފުށި އަދި ކަނޑުހުޅުދޫ އެވެ. މެޗުގައި ކޮނޑޭގެ ދެ ލަނޑު ވެސް ޖެހީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޝިފާޒް އާދިލް އެވެ.
މުބާރާތުގައި މިރޭ ވެސް ހަ މެޗު ކުޅޭނެ އެވެ. ރޭގަނޑު 8:15 ގައި ފަށާ ދެ މެޗުގައި ބައްދަލުކުރާނީ ފ. ބިލެއްދޫ އާއި ފީއަލި އަދި ފ. ނިލަންދޫ އާއި މަގޫދޫ އެވެ. 9:15 ގައި ރަސްދޫ އިން ބޮޑުފޮޅުދޫއާ ދެކޮޅަށް ނުކުންނައިރު ފެރިދޫ ކުޅޭނީ މަތިވެރިއާ އެވެ. މިރޭ ކުޅޭ ފަހު މެޗުތަކުގައި ކުރެންދޫ އާއި ހިންނަވަރު ވާދަކުރާއިރު މަރަދޫ ނުކުންނާނީ ފޭދޫއާ ދެކޮޅަށެވެ.
Sonee Sports Golden Futsal Challenge 2022
Fixtures – 05 March@SoneeSports @GFAmaldives pic.twitter.com/hiUTxfwkTy
— Fahuminet (@fahuminet) March 4, 2022
މިފަހަރުގެ މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖައްސާފައިވާއިރު ގޯލްޑެން ޕާޓްނަރަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. މުބާރާތުގެ ބެވަރެޖް ޕާޓްނަރުގެ ގޮތުގައި ވެސް ހަމަޖައްސާފައިވަނީ ކޮކާ ކޯލާ އެވެ. މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ. ސިލްވާ ޕާޓްނަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ އަލްޝާލީ މެރިން އާއި ފެންސީ ފުޑް އަދި މައި ކޮލެޖެވެ. އެހެން ޕާޓްނަރުންގެ ތެރޭގައި ރީޖަނަލް އެއާޕޯޓްސް، އެލައިޑް، ޕިއްޒާ ބޯނާ، ކޭވް ކެފޭ، ޔޫތު އޮންދަ މޫވް އަދި ޒުއްރާ ހިމެނެ އެވެ. އޮފިޝަލް ޖާޒީ ޕާޓްނަރަކަށް ޖާޒިއާ ހަމަޖައްސާފައިވާއިރު ޕްރިންޓިން ޕާޓްނަރަކީ ހަވާސާ ޕްރިންޓެވެ.
މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަތަރު މީޑިއާ އެއް ވަނީ ހަމަޖައްސައިފަ އެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިން އެވެ. ސްޕޯޓްސް މީޑިއާ ޕާޓްނަރުގެ ގޮތުގައި ފަހުމިނެޓް ހަމަޖައްސާފައިވާއިރު ޕީއާރު ޕާޓްނަރަކީ އަދަދު ނޫހެވެ. ބްރޯޑްކާސްޓިން ޕާޓްނަރަކީ ޕީއެސްއެމް އެވެ.
Advertisement
Leave a Reply