ގްރީން ސްޓްރީޓްސް އަތުން ސަސް އަށް މުހިއްމު މޮޅެއް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް ގްރީން ސްޓްރީޓްސްއާ ވާދަކޮށް 1-0 ގެ ނަތީޖާއަކުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މޮޅުވެއްޖެ އެވެ.
މިއީ މިފަހަރުގެ ލީގުގައި ސަސް އިން ހޯދި ފުރަތަމަ މޮޅެވެ. ލީގުގެ ފުރަތަމަ ތިން މެޗުން ސަސް ވަނީ ބަލިވެފަ އެވެ. އެހެންވެ މޮޅެއް ހޯދައިގެން ތާވަލުގެ ފުލުން ކުރިއަށް ޖެހިލުމަށް ރޭ އެޓީމަށް އޮތީ މުހިއްމުވެފަ އެވެ. އަނެއްކޮޅުން ސަސް އަތުން ބަލިވުމުން ކުރީގަ އޮތް ޓީމުތަކާ ގާތަށް ޖެހިލަށް ލިބުނު ފުރުސަތު ގްރީން ސްޓްރީޓްސް އަށް ވަނީ ގެއްލިފަ އެވެ.
ހަތަރު މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ސަސް މިހާރު އޮތީ ލީގުގެ ހަ ވަނައިގަ އެވެ. ސަސްގެ ފަހަތުގައި އޮތީ ޓީސީ ސްޕޯޓްސް ކްލަބާއި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ހަތަރު ޕޮއިންޓާ އެކު ގްރީން ސްޓްރީޓްސް އޮތީ ތާވަލުގެ ފަސް ވަނައިގަ އެވެ. ރޭ މޮޅުވި ނަމަ އެޓީމަށް ތިން ވަނަ އަށް ކުރިއަށް ޖެހިލެވޭނެ އެވެ. ލީގުގެ އެއް ވަނައިގައި 12 ޕޮއިންޓާ އެކު މާޒިޔާ އޮތްއިރު ދެ ވަނައިގައި ނުވަ ޕޮއިންޓާ އެކު އޮތީ ކްލަބް ވެލެންސިއާ އެވެ.
ސަސްގެ ހަމައެކަނި ގޯލު މެޗުގެ 20 ވަނަ މިނެޓުގައި ޖެހީ އިބްރާހީމް އަތީގް ހަސަން (އިއްބެ) އެވެ. މިއީ ސަސް އިން ނެގި ކޯނަރަކުން އުފެއްދި ހަމަލާއެއްގައި އިއްބެ ޖެހި ލަނޑެކެވެ.
މެޗުގައި ގިނަ ފައުލްތަކެއް ފެނުނުއިރު ރެފްރީގެ ނިންމުންތަކާ މެދު ދެޓީމުން ވެސް ހިތްހަމަނުޖެހުން ފާޅުކުރި އެވެ. ގްރީން ސްޓްރީޓްސް އަށް އެންމެ ރަނގަޅަށް ނުކުޅެވުނު މި މެޗު އެޓީމުން ނިންމާލަން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެޓީމުގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އަށް ރެފްރީ ރަތް ކާޑު ދެއްކީ ދެ ވަނަ ހާފުގެ އިތުރު ވަގުތުގަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސަސް އަށް ކުޅޭ ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) އެވެ.
ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ދެން އޮންނާނީ އަންނަ އަންގާރަ އަދި ބުދަ ދުވަހު އެވެ. އަންގާރަ ދުވަހުގެ ހަވީރު ކްލަބް ވެލެންސިއާ އާއި ސަސް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް ނުކުންނާނީ ޓީސީއާ ދެކޮޅަށެވެ.
Advertisement


Leave a Reply