ގޯލްޑަން ފުޓްސަލް: އަޔާގެ ވާދޫ އިން ފެށުން ރަނގަޅުކޮށްފި

Advertisement

ގޯލްޑަން ފުޓްސަލް: އަޔާގެ ވާދޫ އިން ފެށުން ރަނގަޅުކޮށްފި

ޢަލީ ޝަހީމް
މުބާރާތުގައި ވާދަކުރާ ގދ. ވާދޫ ފުޓްސަލް ޓީމު. - ފޮޓޯ: ވާދޫ ފުޓްސަލް ޓީމް

ފުޓްސަލްގެ މަޝްހޫރު ތަރި އަޔާޒް އަހުމަދު (އަޔާ) ނިސްބަތްވާ ގދ. ވާދޫ އިން ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި 3-1 އިން ގދ. މަޑަވެލި ބަލިކޮށްފި އެވެ.

ވާދޫ އިން މޮޅަށް ކުޅުނު މެޗުގައި އެޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ މުހައްމަދު އިޔާދު އަލީ އާއި މުސައްނިފް މުހައްމަދު އެވެ. މުސައްނިފް ވަނީ މެޗުގައި ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދާފަ އެވެ. މަޑަވެލީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ނަސީފް ހަސަން ސައީދު އެވެ. މެޗުގައި އަޔާގެ ފަރާތުން ގޯލެއް ނުފެނުނު ނަމަވެސް ވާދޫ ޓީމު މޮޅުކޮށްދިނުމުގައި އަޔާ މޮޅު ކުޅުމެއްދެއްކި އެވެ.

2019 ވަނަ އަހަރު އޮތް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އަޔާ ފެނުނީ މ. މަޑުއްވަރިންނެވެ. އޭނާ މިފަހަރު ވާދޫ ޓީމަށް ކުޅެނީ ރަޖިސްޓްރީ ބަދަލުކޮށްގެންނެވެ. އަޔާއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ އެވެ. ފުޓްސަލްގެ އިތުރުން ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅައިގައި އަޔާ ކުޅެނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ.

ގދ. އަތޮޅުގެ ތިނަދޫ އާއި ހޯޑެއްދޫ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ވާދޫ އާއި ތިނަދޫ އަދި ހޯޑެއްދޫގެ އިތުރުން މި އަތޮޅުން ވާދަކުރަނީ ގައްދޫ އެވެ. ޒޯން ބުރަށް ހޮވޭނީ ލީގު ބުރެއް ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެވެ.

ރޭ ވަނީ އއ. އަތޮޅުން މުބާރާތުގައި ވާދަކުރި ހަތަރު ޓީމުގެ މެޗުތައް ވެސް ކުޅެފަ އެވެ. ފުރަތަމަ މެޗުގައި އއ. ބޮޑުފޮޅުދޫ އިން 8-2 ގެ ބޮޑު ތަފާތަކުން އއ. ފެރިދޫ ބަލިކުރިއިރު އއ. މަތިވެރި ވަނީ 4-1 އިން އއ. ރަސްދޫ ބަލިކޮށްފަ އެވެ. އެއް ގްރޫޕް އޮތުމުން މި އަތޮޅުގެ ޗެމްޕިއަންކަން ވެސް ކަށަވަރުވާނީ ލީގު ބުރެއް ކުޅުމަށް ފަހު އެވެ.

މާލެ އަތޮޅުގެ ގްރޫޕް އޭގެ މެޗަކާއި ގްރޫޕް ބީގެ މެޗެއް ރޭ ވަނީ ކުޅެފަ އެވެ. ގްރޫޕް އޭގެ މެޗުގައި ހުރާ އިން ވަނީ 2-1 އިން ތުލުސްދޫ ބަލިކޮށްފަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ކާށިދޫ އެވެ. ގްރޫޕް ބީގައި ރޭ ގުރައިދޫއާ ބައްދަލުކުރި މެޗު 3-1 އިން ގާފަރު ވަނީ ކާމިޔާބުކޮށްފަ އެވެ. ގުރައިދޫ އާއި ގާފަރުގެ އިތުރުން މި ގްރޫޕުގައި ހިމެނެނީ މާފުށި އެވެ.

މުބާރާތުގައި މިރޭ ވެސް 6 މެޗު ކުޅޭނެ އެވެ. އެއީ މ އަތޮޅާއި އދ އަދި ފ އަތޮޅުގެ މެޗުތަކެވެ. ރޭގަނޑު 8:15 ގައި ކުޅޭ އެއް މެޗުގައި އދ. ހަންޏާމީދޫ އާއި އދ. ފެންފުށި ވާދަކުރާއިރު އަނެއް މެޗުގައި މ. މުލި އާއި މ. ކޮޅުފުށި ވާދަކުރާނެ އެވެ. 9:15 ގައި ކުޅޭ ދެ މެޗުގެ ތެރެއިން އެއް މެޗުގައި އދ. ދަނގެތި އަދި އދ. އޮމަދޫ ވާދަކުރާއިރު އަނެއް މެޗުގައި މ. ނާލާފުށި ނުކުންނާނީ މ. ދިއްގަރާ ދެކޮޅަށެވެ. މިރޭ 10:15 ގައި ކުޅޭނީ ފ. ފީއަލި އަދި ފ. ނިލަންދޫ ވާދަކުރާ މެޗާއި ފ. މަގޫދޫ އަދި ފ. ބިލެއްދޫ ވާދަކުރާ މެޗެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް ސޮނީ ސްޕޯޓްސް ހަމަޖައްސާފައިވާއިރު ގޯލްޑެން ޕާޓްނަރަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. މުބާރާތުގެ ބެވަރެޖް ޕާޓްނަރުގެ ގޮތުގައި ވެސް ހަމަޖައްސާފައިވަނީ ކޮކާ ކޯލާ އެވެ. މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ. ސިލްވާ ޕާޓްނަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ އަލްޝާލީ މެރިން އާއި ފެންސީ ފުޑް އަދި މައި ކޮލެޖެވެ. އެހެން ޕާޓްނަރުންގެ ތެރޭގައި ރީޖަނަލް އެއާޕޯޓްސް، އެލައިޑް، ޕިއްޒާ ބޯނާ، ކޭވް ކެފޭ، ޔޫތު އޮންދަ މޫވް އަދި ޒުއްރާ ހިމެނެ އެވެ. އޮފިޝަލް ޖާޒީ ޕާޓްނަރަކަށް ޖާޒިއާ ހަމަޖައްސާފައިވާއިރު ޕްރިންޓިން ޕާޓްނަރަކީ ހަވާސާ ޕްރިންޓެވެ.

މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަތަރު މީޑިއާ އެއް ވަނީ ހަމަޖައްސައިފަ އެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިން އެވެ. ސްޕޯޓްސް މީޑިއާ ޕާޓްނަރުގެ ގޮތުގައި ފަހުމިނެޓް ހަމަޖައްސާފައިވާއިރު ޕީއާރު ޕާޓްނަރަކީ އަދަދު ނޫހެވެ. ބްރޯޑްކާސްޓިން ޕާޓްނަރަކީ ޕީއެސްއެމް އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *