ޓޮޓެންހަމް އަތުން ބަލިވެ ސިޓީ ޕްރެޝަރަށް، ލިވަޕޫލް ފަހަތުން ވިއްދައިފި

Advertisement

ޓޮޓެންހަމް އަތުން ބަލިވެ ސިޓީ ޕްރެޝަރަށް، ލިވަޕޫލް ފަހަތުން ވިއްދައިފި

ޢަލީ ޝަހީމް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލުން ފަހަތުން އަރައި 1-3 އިން ނޯވިޗް ސިޓީ ބަލިކުރިއިރު ލީގުގެ އެއް ވަނައިގައި އޮތް މެންޗެސްޓަރ ސިޓީ އަމިއްލަ ދަނޑުގައި ފަހު ވަގުތު ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-2 އިން ބަލިވެއްޖެ އެވެ.

ސިޓީ ބަލިވެ ލިވަޕޫލް މޮޅުވުމާ އެކު ލީގު ރޭހުގެ ފޯރި މިވަނީ ގަދަވެފަ އެވެ. ސިޓީ އަށް 26 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު ލިވަޕޫލް ދެ ވަނައިގައި އޮތީ 25 މެޗުން 57 ޕޮއިންޓް ހޯދައިގެންނެވެ. ލިވަޕޫލުން މި ހަފްތާ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑް ބަލިކޮށްފި ނަމަ ސިޓީއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކުރެވޭނެ އެވެ.

Advertisement

ސިޓީ ބަލިކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރީ މިދިޔަ ހޫނު މޫސުމުގައި އެޓީމަށް ގެންނަން މަސައްކަތްކުރި އިނގިރޭސި ކެޕްޓަން ހެރީ ކޭން އެވެ. މެޗުގައި ކޭން ވަނީ ދެ ގޯލު ޖަހައިފަ އެވެ. މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ސޮން ހެއުން މިންގެ އެހީތެރިކަމާ އެކު ޑޭޖާން ކުސުލެވްސްކީ ވަނީ ޓޮޓެންހަމަށް ލީޑު ނަގައިދީފަ އެވެ. މިއީ ކުސުލެވްސްކީ މިދިޔަ މަހު ޔުވެންޓަސް ދޫކޮށް ޓޮޓެންހަމަށް ބަދަލުވުމަށް ފަހު ޖެހި ފުރަތަމަ ގޯލެވެ. ސިޓީން މޮޅަށް ކުޅުނު ފުރަތަމަ ހާފު ނިމުމުގެ ކުރިން އިލްކާއީ ގުންޑޮގާންގެ ލަނޑުން ވަނީ އެޓީމު ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ޓޮޓެންހަމަށް އަލުން ލީޑު ނަގައިދިން ލަނޑު 59 ވަނަ މިނެޓުގައި ޖެހީ ކޭން އެވެ. އޭގެފަހުން ކޭން ޖެހި އިތުރު ގޯލެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީގައި ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ. ޓޮޓެންހަމް ލީޑުގައި އޮވެ މެޗު ނިންމާލަން ދަނިކޮށް ސިޓީ އަށް އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން ރިޔާދް މާރޭޒް ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. 2-2 އިން މެޗު އެއްވަރުވެފައި އޮއްވައި ކޭން ޓޮޓެންހަމް މޮޅުކޮށްދިން ލަނޑު ޖެހީ އިތުރު ވަގުތުގެ ފަސް ވަނަ މިނެޓުގަ އެވެ. މި ލަނޑަށް ފަހު ޓޮޓެންހަމް ކޯޗު އެންޓޯނިއޯ ކޮންޓޯ އާއި އެޓީމުގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އުފާފާޅުކޮށްފަ އެވެ.

ލިވަޕޫލުން ރޭ ނޯވިޗް ސިޓީއާ ދެކޮޅަށް ނުކުތީ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަލެކްސަންޑަ އާނޯލްޑާއި އެންޑީ ރޮބާޓްސަން ނުލަ އެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ނޯވިޗުންނެވެ. މި ލަނޑު ދެ ވަނަ ހާފުގެ ކުރީކޮޅު އެޓީމަށް ކާމިޔާބުކޮށްދިނީ މިލޯސް ރަޝީކާ އެވެ. ލިވަޕޫލުން ނަތީޖާ އަނބުރާލީ އޭގެފަހުން ޖެހި ތިން ލަނޑުންނެވެ. އެޓީމުގެ ފުރަތަމަ ލަނޑު ސަޑިއޯ މާނޭ ޖެހިއިރު ދެ ވަނަ ލަނޑު ޖެހީ މުހައްމަދު ސަލާހް އެވެ. ފަހު ލަނޑު ޖެހީ މިދިޔަ މަހު ޕޯޓޯ ދޫކޮށް ލިވަޕޫލަށް ބަދަލުވި ކޮލަމްބިއާގެ ވިންގް ލުއިޒް ޑިއާޒް އެވެ. މިއީ ޑިއާޒް ލިވަޕޫލަށް ބަދަލުވެ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ލީގުގައި ރޭ ޗެލްސީ ވަނީ ފަހު ވަގުތު ރަށުން ބޭރުގައި ކްރިސްޓަލް ޕެލެސް އަތުން 1-0 އިން މޮޅުވެފަ އެވެ. މެޗުގައި އެޓީމުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ހަކީމް ޒިޔެކް އެވެ. އާސެނަލުން ވަނީ އަމިއްލަ ދަނޑުގައި 1-2 އިން ބްރެންޓްފޯޑް ބަލިކޮށްފަ އެވެ. މެޗުގައި އާސެނަލްގެ ދެ ލަނޑު ކާމިޔާބުކޮށްދިނީ އެމިލް ސުމިތު ރޯ އާއި ބުކާޔޯ ސަކާ އެވެ. ގަދަ ހަތަރަކަށް ވާދަކުރަމުން އަންނަ ވެސްޓް ހޭމް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑާ ވާދަކޮށް 1-1 އިން އެއްވަރުވެފަ އެވެ.

ލީގުގައި ކުޅުނު 25 މެޗުން ލިބުނު 50 ޕޮއިންޓާ އެކު ޗެލްސީ އޮތީ ތިން ވަނައިގަ އެވެ. ޗެލްސީގެ ފަހަތުން ހަތަރު ވަނައިގައި އޮތީ 25 މެޗުން 43 ޕޮއިންޓް ލިބިފައިވާ މެންޗެސްޓަރ ޔުނައިޓެޑެވެ. ފަސް ވަނައިގައި އޮތް ވެސްޓް ހޭމް އަށް 26 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު ވެސްޓް ހޭމް އަށް ވުރެ ދެ މެޗު މަދުން ކުޅެ 42 ޕޮއިންޓާ އެކު އާސެނަލް އޮތީ ހަ ވަނައިގަ އެވެ. ރޭ ހޯދި ބޮޑު މޮޅާ އެކު ޓޮޓެންހަމް ވަނީ 23 މެޗުން 39 ޕޮއިންޓް ހަމަކޮށް ހަތް ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ.

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *