ޗެލްސީ ބަލިކޮށް ޔޫރަޕްގެ ޔޫތް ލީގު ބާސެލޯނާ ހޯދައިފި
އުމުރުން 19 އަހަރުން ދަށަށް ހާއްސަ ކޮށްގެން މީގެ ފަސް އަހަރު ކުރިން ބާއްވަން ފެށި ޔޫއެފްއާ ޔޫތް ލީގު ބާސެލޯނާއިން ކާމިޔާބު ކޮށްފި އެވެ. ސްވިޓްޒަލޭންޑްގެ ނިޔޮން ސްޓޭޑިއަމްގައި މިރޭ ކުޅުނު ފައިނަލް މެޗުން އެޓީމު މޮޅުވީ އިނގިރޭސި ވިލާތުގެ ޗެލްސީ 3-0 އިން ބަލިކޮށްގެންނެވެ.
މި މެޗުގައި ބާސެލޯނާގެ ފުރަތަމަ ދެ ލަނޑު މެޗުގެ 32 ވަނަ މިނެޓާއި 51 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލިޖަންޑްރޯ މާކުއޭޒް އެވެ. ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޖެހީ އަބެލް ރުއިޒް އެވެ. މި މޮޅާއެކު މިއީ ބާސެލޯނާއަށް މި މުބާރާތުގެ ޗެމްޕިއަންކަން ލިބުނު ދެވަނަ ފަހަރެވެ. މީގެ ކުރިން އެޓީމުން މި މުބާރާތް ކާމިޔާބު ކުރީ 2014 ވަނަ އަހަރު އެވެ.
މި މުބާރާތް ފަސް ފަހަރު ބާއްވާފައި ވާއިރު ޗެލްސީވެސް ވަނީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު މި މުބާރާތް ކާމިޔާބު ކޮށްފައެވެ. ދެން މި މުބާރާތް ކާމިޔާބު ކޮށްފައިވަނީ އޮސްޓްރިއާގެ ރެޑްބުލް ސާލްސްބާގް އެވެ.
Advertisement
Leave a Reply