ހުޅުވުމުގެ ރަސްމިއްޔާތާއެކު ހޯރަފުށި – ވަށަފަރު މެޗު ޔެސް ޓީވީ އިން ލައިވްކުރާނެ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖް 2022 މިރޭ ރަސްމީކޮށް ފަށާއިރު، ހުޅުވުމުގެ ރަސްމިއްޔާތާއެކު ހއ. އަތޮޅުގެ ގްރޫޕް އޭގެ ދެ ޓީމު ކަމަށްވާ ވަށަފަރާއި ހޯރަފުށި ވާދަކުރާ މެޗު “ޔެސް ޓީވީ” އިން ވަގުތުން ދައްކާނެކަމަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނެފި އެވެ.
91 ޓީމު ވާދަކުރާ މިއަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި 177 މެޗު ކުޅޭނެ އެވެ. ފޯރިގަދަވާނެ މި މުބާރާތުގައި އެންމެ ގިނައިން ޓީމުތައް ބައިވެރިވެފައިވަނީ ހއ، ހދ، އަދި ށ އަތޮޅުންނެވެ. މުބާރާތުގައި މިރޭ 8 މެޗު ކުޅޭއިރު ރޭގަނޑު 8:15 ގައި ދެ މެޗު ކުޅޭނެ އެވެ. އެއީ ހއ އަތޮޅުގެ ވަށަފަރާއި ހޯރަފުށި ވާދަކުރާ މެޗުގެ އިތުރުން ހދ. އަތޮޅުގެ ކުމުންދޫ އާއި ފިނޭ ވާދަކުރާ މެޗެވެ. މި ދެ މެޗުގެ ތެރެއިން ހުޅުވުމުގެ ރަސްމިއްޔާތާ އެކު ޔެސް ޓީވީ އިން ވަގުތުން ދުރަށް ދައްކާގޮތަށް ހަމަޖެހިފައިވަނީ ހޯރަފުށި އަދި ވަށަފަރު ވާދަކުރާ މެޗެވެ.
ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބުނީ މުބާރާތުގެ ހުރިހާ މެޗެއް ވެސް އެ އެސޯސިއޭޝަނުގެ ރަސްމީ ފޭސްބުކް ޕޭޖް “ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން” އިން ވަގުތުން ދައްކާނެ ކަމަށެވެ. އަދި މުބާރާތުގެ 30 މެޗު ޔެސް ޓީވީ އިން ވަގުތުން ދައްކާގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އަތޮޅު ބުރުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭނީ ހަ ޓީމު ނުވަތަ އެއަށް ވުރެ ގިނައިން ބައިވެރިވެފައިވާނަމަ އެވެ. މިފަހަރުގެ މުބާރާތުގައި ދެ ގްރޫޕަށް ބަހާލައިގެން ކުޅޭނީ ހއ، ހދ، ށ، ކ، އދ، މ، ތ، އަދި ގއ އަތޮޅުގެ މެޗުތަކެވެ. މުބާރާތުގައި އެއްވެސް ރަށަކުން ވާދަނުކުރަނީ ހަމައެކަނި ވ އަތޮޅުންނެވެ. އެއް ޓީމު ބައިވެރިވެފައިވާތީ ނ އަތޮޅު ކުޑަފަރީ އާއި ފުވައްމުލަކުން މާލެގަން މިހާރު ވަނީ ޒޯން ބުރަށް ކޮލިފައިވެފަ އެވެ.
އަތޮޅު ބުރުގެ މެޗުތަކަށް ފަހު ކުޅޭނީ ޒޯން ބުރުގެ މެޗުތަކެވެ. އަށް ޒޯން ހިމެނޭއިރު މާލެ ސަރަހައްދު ހިމަނާފައިވަނީ އެއް ޒޯނުގެ ގޮތުގަ އެވެ. އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއަކީ ވެސް އެއް ޒޯނެވެ. ކޮންމެ ޒޯނަކުން ޗެމްޕިއަން އަދި ރަނަރަޕް ގަދަ 16 އަށް ދަތުރުކުރާނެ އެވެ. ގަދަ 16 އިން ފެށިގެން މުބާރާތް ކުރިއަށްދާނީ ނޮކްއައުޓް އުސޫލުންނެވެ. ޓީމު ލިސްޓުގައި ޖެހޭނީ ހަމައެކަނި އެ ރަށަކަށް ނުވަތަ އަވަށަކަށް ނިސްބަތްވާ ކުޅުންތެރިންނެވެ.
އަތޮޅު ބުރާއި، ޒޯން ބުރު ނިމުމުން ޗެމްޕިއަން ޓީމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަދި އެ ބުރެއްގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވައި ތައްޓާއި މެޑަލް ދޭނެ އެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 65000 ރުފިޔާ ދޭއިރު ރަނަރަޕް ޓީމަށް 25000 ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހު އެވެ.
މިމުބާރާތުގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދީ ފައިނަލުގައި ބ. އޭދަފުށި ބަލިކޮށް ތ. ތިމަރަފުއްޓެވެ. 2015 ވަނަ އަހަރު ފެށި މުބާރާތުގެ ފުރަތަމަ ޗެމްޕިއަނުންނަކީ ބ. ހިތާދޫ އެވެ. 2016 ވަނަ އަހަރު ތިމަރަފުށި ޗެމްޕިއަންކަން ހޯދިއިރު 2017 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ މާލެ ހެންވޭރު އެވެ. 2018 ވަނަ އަހަރު މާލެ މާފަންނު ޗެމްޕިއަންކަން ހޯދިއިރު 2019 ވަނަ އަހަރު އަނެއްކާވެސް ތަށި ހޯދީ ތިމަރަފުއްޓެވެ.
ގޯލްޑަން ފުޓްސަލް ޗެލެންޖު މިއަހަރު ބާއްވަނީ ގިނަ ސްޕޮންސަރުންނާ އެކު އެވެ. މިގޮތުން މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ސޮނީ ސްޕޯޓްސް އެވެ. ގޯލްޑެން ޕާޓްނަރަކީ ކޮކާ ކޯލާ އާއި ކުއިކް އެޒީ މެރިން (ޑޫސަން) އެވެ. މުބާރާތުގެ ބެވަރެޖް ޕާޓްނަރުގެ ގޮތުގައި ވެސް ހަމަޖައްސާފައިވަނީ ކޮކާ ކޯލާ އެވެ. މުބާރާތުގެ ޕްލެޓިނަމް ސްޕޮންސަރަކީ އުރީދޫ މޯލްޑިވްސް އެވެ. ސިލްވާ ޕާޓްނަރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ އަލްޝާލީ މެރިން އާއި ފެންސީ ފުޑް އަދި މައި ކޮލެޖެވެ. އެހެން ޕާޓްނަރުންގެ ތެރޭގައި ރީޖަނަލް އެއާޕޯޓްސް، އެލައިޑް، ޕިއްޒާ ބޯނާ، ކޭވް ކެފޭ، ޔޫތު އޮންދަ މޫވް އަދި ޒުއްރާ ހިމެނެ އެވެ. އޮފިޝަލް ޖާޒީ ޕާޓްނަރަކަށް ޖާޒިއާ ހަމަޖައްސާފައިވާއިރު ޕްރިންޓިން ޕާޓްނަރަކީ ހަވާސާ ޕްރިންޓެވެ.
މީޑިއާ ޕާޓްނަރުންގެ ގޮތުގައި ހަތަރު މީޑިއާ އެއް ވަނީ ހަމަޖައްސައިފަ އެވެ. އޮފިޝަލް މީޑިއާ ޕާޓްނަރަކީ ވަން އޮންލައިން އެވެ. ސްޕޯޓްސް މީޑިއާ ޕާޓްނަރުގެ ގޮތުގައި ފަހުމިނެޓް ހަމަޖައްސާފައިވާއިރު ޕީއާރު ޕާޓްނަރަކީ އަދަދު ނޫހެވެ. ބްރޯޑްކާސްޓިން ޕާޓްނަރަކީ ޕީއެސްއެމް އެވެ.
މިރޭ ކުޅޭ މެޗުތައް
8:15 ވަށަފަރު – ހޯރަފުށި
8:15 ކުމުންދޫ – ފިނޭ
9:15 ދިއްދޫ – މާރަންދޫ
9:15 ނޭކުރެންދޫ – ނައިވާދޫ
10:15 މިލަންދޫ – ބިލެތްފަހި
10:15 ކޮމަންޑޫ – ފޯކައިދޫ
Advertisement


Leave a Reply