ޝަރަފްވެރި ގޯލްޑަން ފުޓްސަލް ޗެލެންޖް މިރޭ ފަށަނީ

ޝަރަފްވެރި ގޯލްޑަން ފުޓްސަލް ޗެލެންޖް މިރޭ ފަށަނީ

ޢަލީ ޝަހީމް
2019 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތް ކާމިޔާބުކުރި ތިމަރަފުށި ފުޓްސަލް ޓީމު

މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ޝަރަފްވެރި ފުޓްސަލް މުބާރާތް، ގޯލްޑެން ފުޓްސަލް ޗެލެންޖް މިރޭ ފަށާނެ އެވެ.

ގޯލްޑެން ފުޓްސަލް އެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މި މުބާރާތުގައި މިއަހަރު 91 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މުބާރާތް މިރޭ ކުޅޭނީ ހއ، ހދ، އަދި ށ އަތޮޅުގެ މެޗުތަކެވެ. ހއ. އަތޮޅު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު މިރޭ އޮންނާނީ ގްރޫޕް އޭގެ މެޗުތަކެވެ. ގްރޫޕް އޭގައި ހިމެނެނީ ވަށަފަރު، ހޯރަފުށި، ދިއްދޫ އަދި މާރަންދޫ އެވެ. މިރޭ 8:15 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ވަށަފަރު އާއި ހޯރަފުއްޓެވެ. މި ގްރޫޕުގެ އަނެއް މެޗުގައި މިރޭ 9:15 ގައި ކުޅޭނީ ދިއްދޫ އާއި މާރަންދޫ އެވެ.

ހއ. އަތޮޅުގެ މެޗުތަކުގެ އިތުރުން މިރޭ ހދ. އަތޮޅުގެ ގްރޫޕް އޭގެ ދެ މެޗު ވެސް މިރޭ ކުޅޭނެ އެވެ. މި ގްރޫޕުގައި ހިމެނެނީ ކުމުންދޫ، ފިނޭ، ނޭކުރެންދޫ އަދި ނައިވާދޫ އެވެ. މިރޭ 8:15 ގައި ކުމުންދޫ އާއި ފިނޭ ވާދަކުރާއިރު މިރޭ 9:15 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ ނޭކުރެންދޫ އާއި ނައިވާދޫ އެވެ.

ށ. އަތޮޅުގެ ގްރޫޕް އޭގައި ހިމެނެނީ މިލަންދޫ، ބިލެތްފަހި، ކޮމަންޑޫ އަދި ފޯކައިދޫ އެވެ. މި ގްރޫޕުގެ ދެ މެޗު ވެސް ކުޅޭނީ މިރޭ 10:15 ގަ އެވެ. އެއީ މިލަންދޫ އާއި ބިލެތްފަހި ބައްދަލުކުރާ މެޗާއި ކޮމަންޑޫ އަދި ފޯކައިދޫ ވާދަކުރާ މެޗެވެ. މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ހުޅުމާލޭ ރެހެންދި ފުޓްސަލް ޓާފް ދެ ދަނޑުގަ އެވެ.

އަތޮޅު ބުރުގެ މެޗުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކުޅޭނީ ހަ ޓީމު ނުވަތަ އެއަށް ވުރެ ގިނައިން ބައިވެރިވެފައިވާނަމަ އެވެ. މިފަހަރުގެ މުބާރާތުގައި ދެ ގްރޫޕަށް ބަހާލައިގެން ކުޅޭނީ ހއ، ހދ، ށ، ކ، އދ، މ، ތ، އަދި ގއ އަތޮޅުގެ މެޗުތަކެވެ. މުބާރާތުގައި އެއްވެސް ރަށަކުން ވާދަނުކުރަނީ ހަމައެކަނި ވ އަތޮޅުންނެވެ. އެއް ޓީމު ބައިވެރިވެފައިވާތީ ނ އަތޮޅު ކުޑަފަރީ އާއި ފުވައްމުލަކުން މާލެގަން މިހާރު ވަނީ ޒޯން ބުރަށް ކޮލިފައިވެފަ އެވެ.

އަތޮޅު ބުރުގެ މެޗުތަކަށް ފަހު ކުޅޭނީ ޒޯން ބުރުގެ މެޗުތަކެވެ. އަށް ޒޯން ހިމެނޭއިރު މާލެ ސަރަހައްދު ހިމަނާފައިވަނީ އެއް ޒޯނުގެ ގޮތުގަ އެވެ. އަދި ފުވައްމުލައް ސިޓީ އާއި އައްޑޫ ސިޓީއަކީ ވެސް އެއް ޒޯނެވެ. ކޮންމެ ޒޯނަކުން ޗެމްޕިއަން އަދި ރަނަރަޕް ގަދަ 16 އަށް ދަތުރުކުރާނެ އެވެ. ގަދަ 16 އިން ފެށިގެން މުބާރާތް ކުރިއަށްދާނީ ނޮކްއައުޓް އުސޫލުންނެވެ. ޓީމު ލިސްޓުގައި ޖެހޭނީ ހަމައެކަނި އެ ރަށަކަށް ނުވަތަ އަވަށަކަށް ނިސްބަތްވާ ކުޅުންތެރިންނެވެ.

އަތޮޅު ބުރާއި، ޒޯން ބުރު ނިމުމުން ޗެމްޕިއަން ޓީމާއި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އަދި އެ ބުރެއްގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވައި ތައްޓާއި މެޑަލް ދޭނެ އެވެ. ޖުމްލަ 177 މެޗު ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 65000 ރުފިޔާ ދޭއިރު ރަނަރަޕް ޓީމަށް 25000 ދޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 30 ވަނަ ދުވަހު އެވެ.

މިމުބާރާތުގެ ޗެމްޕިއަންކަން އެންމެ ފަހުން ހޯދީ ފައިނަލުގައި ބ. އޭދަފުށި ބަލިކޮށް ތ. ތިމަރަފުއްޓެވެ. 2015 ވަނަ އަހަރު ފެށި މުބާރާތުގެ ފުރަތަމަ ޗެމްޕިއަނުންނަކީ ބ. ހިތާދޫ އެވެ. 2016 ވަނަ އަހަރު ތިމަރަފުށި ޗެމްޕިއަންކަން ހޯދިއިރު 2017 ވަނަ އަހަރު ޗެމްޕިއަންކަން ހޯދީ މާލެ ހެންވޭރު އެވެ. 2018 ވަނަ އަހަރު މާލެ މާފަންނު ޗެމްޕިއަންކަން ހޯދިއިރު 2019 ވަނަ އަހަރު އަނެއްކާވެސް ތަށި ހޯދީ ތިމަރަފުއްޓެވެ.

މިއަހަރަކީ އެންމެ ގިނައިން ޓީމުތައް ވާދަކުރާ އަހަރެވެ. ކޮވިޑާ ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު މުބާރާތް ބާއްވާއިރު ޓައިޓަލް ސްޕޮންސަރަކީ ސޮނީ ސްޕޯޓްސް އެވެ. ގިނަ ސްޕޮންސަރުންނާއެކު ބާއްވާ މުބާރާތުގެ ސްޕޯޓްސް މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ. މި ނޫހުން ގޯލްޑެން ފުޓްސަލް ޗެލެންޖުގެ މެޗުތަކުގެ އަޕްޑޭޓް ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މިރޭ ކުޅޭ މެޗުތައް

 

8:15 ވަށަފަރު – ހޯރަފުށި

8:15 ކުމުންދޫ – ފިނޭ

 

9:15 ދިއްދޫ – މާރަންދޫ

9:15 ނޭކުރެންދޫ – ނައިވާދޫ

 

10:15 މިލަންދޫ – ބިލެތްފަހި

10:15 ކޮމަންޑޫ – ފޯކައިދޫ

Advertisement

މިލިޔުމާއި ގުޅޭ

ކިޔުންތެރިންގެ ހިޔާލު

Leave a Reply

Your email address will not be published. Required fields are marked *